މިހާރަކަށް އައިސް ބައެއް ރޭޑިއޯ އަދި ޓީވީ ޗެނަލް ތަކުން އެސްއެމްއެސް ކޮށްގެން އިނާމް ދޭ ގޮތެއް އޮވެއެވެ. މިގޮތުން ލިބޭ އިނާމު ހުއްދަވާނެތޯ؟
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد
އެސް އެމް އެސް ކޮށްގެން ލިބޭ އިނާމަކީ ޖުވާގެ އާ ވައްތަރެކެވެ. ޖުވާ ކުޅުމަކީ ﷲ ތަޢާލާ ޙަރާމް ކުރައްވާފައިވާ ކަމެކެވެ. ސޫރަތުލް މާއިދާގެ 90 އަދި 91 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ لَعَلَّكُمْ تُفْلِحُونَ ﴿٩٠﴾إِنَّمَا يُرِيدُ الشَّيْطَانُ أَن يُوقِعَ بَيْنَكُمُ الْعَدَاوَةَ وَالْبَغْضَاءَ فِي الْخَمْرِ وَالْمَيْسِرِ وَيَصُدَّكُمْ عَن ذِكْرِ اللَّـهِ وَعَنِ الصَّلَاةِ ۖ فَهَلْ أَنتُم مُّنتَهُونَ ﴿٩١﴾) މާނައަކީ: " އޭ إيمانވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން، ރާއާއި، ޖުވާކުޅުމާއި،އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި نصيبހުރިގޮތް ބަލަން ގެންގުޅޭދުނިދަނޑިތަކަކީ، شيطانއާގެ عملތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ! (އެއީ) ތިޔަބައިމީހުންދިންނަވައި نصيبލިބުމަށްޓަކައެވެ.شيطانއާ އެދޭކަން ކަށަވަރީ، ރާއާއި، ޖުވާގެ ސަބަބުން، ތިޔަބައިމީހުންގެމެދުގައި عداوةތެރިކަމާއި، ރުޅިވެރިކަން އުފެއްދުމަށެވެ. އަދި اللَّهހަނދުމަކުރުމާއި، ނަމާދުކުރުމަށް ތިޔަބައިމީހުންނަށް ހުރަސްއެޅުމަށެވެ. ފަހެ، ތިޔަބައިމީހުން ތިޔަތިބީ އެކަންތައްތައް ހުއްޓާލަންހެއްޔެވެ؟(އެބަހީ: ހުއްޓާލާށެވެ!)"
އިބްނުލް ގައްޔިމް- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ. "މިއާޔަތުގައި ޖުވާކުޅުން މިވަނީ ރަލާއި، އަޅުކުރަން ކުރަން ހަދާފައި ހުންނަ ބުދުތަކާއި، ނަޞީބު ހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކާއި ގުޅުއްވާލައްވާފައެވެ. މިހަތަރު ކަމަކީވެސް ޝައިޠާނާގެ މުޑުދާރު ޢަމަލުތަކުގެ ތެރޭގައި ހިމެނިގެންވާ ކަންތައް ކަމުގައި ވަނީ ލައްވާފައެވެ. އަދި ޙަގީގީ ކާމިޔާބު ލިބުން އޮތީ މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމުންކަން ވެސް މިވަނީ އަންގަވާފައެވެ. އެޔަށްފަހުގައި އަންގަވަނީ މިކަންތައްތައް ޙަރާމް ކުރެއްވި ސަބަބެވެ. އެއީ އޭގެ ސަބަބުން އިންސާނުންގެ މެދުގައި عداوةތެރިކަމާއި، ރުޅިވެރިކަން އުފެދި،اللَّهހަނދުމަކުރުމާއި، ނަމާދުކުރުމަށްމީސްތަކުންނަށް ހުރަސްއަޅާތީވެއެވެ.
ޝައިޚުލް އިސްލާމް އިބްނުތައިމިއްޔާ ރަޙިމަހުﷲ- ދެކިލައްވާ ގޮތުގައި ޖުވާ ކުޅުމަކީ ރިބާ ކެއުމަށްވުރެވެސް ނުބައިކަން ބޮޑު ކަމެކެވެ. އެކަލޭގެފާނުގެ ފަތާވާގައި ވިދާޅުވެފައިވެއެވެ. (32/237):
ޖުވާ އަކީ އޭގައި ދެނުބަޔެއް އެކުލެވިގެންވާ ކަމެކެވެ. އެއް ނުބަޔަކީ ބާޠިލް ގޮތުގައި މީސްތަކުންގެ މުދާ ކެއުމެވެ. އަނެއް ނުބަޔަކީ ހިތާއި ބުއްދި އަދި ދޭދޭ ފަރްދުންގެ މެދުގައި މައްސަލަ އުފެދުމެވެ. މިއިން ކޮންމެ ކަމަކީވެސް ވަރަށް ނުބައި ޢަމަލެކެވެ. ޖުވާގެ ގޮތުގައި ނޫން ގޮތަކުން ނަމަވެސް މީސްތަކުންގެ މުދާ ބާޠިލް ގޮތުގައި ކެއުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. މިދެނުބައި އެއްވުމުން ޙަރާމްކަން ބޮޑުވެގެންދެއެވެ."
ޖުވާ ކުޅުމަށް އެހީތެރިވުމަކީ ރާބުއިމަށް އެހީތެރިވުން ފަދަ ކަމެކެވެ. އެއީ ނުބައިކަންތަކަށާއި ޢަދާވާތްތެރިވުމަށް އެހީތެރިވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެހެންކަމުން އެއްވެސް ގޮތަކުން މިކަމުގައި ބައިވެރިވެގެން ނުވާނެއެވެ.
އެސް އެމް އެސް ކޮށްގެން އިނާމު ހޯދުމަށް މަސައްކަތް ކުރުން ޖުވާ އަށް ވާ ގޮތަކީ، އޭނާ އަށް އިނާމެއް ނުލިބިއްޖެނަމަ އެސް އެމް އެސް ކުރުމަށް ދިޔަ ޚަރަދު ގެއްލިގެން ދެއެވެ. ކާމިޔާބު ލިބިއްޖެނަމަ އޭނާ ކުރި ޚަރަދަށްވުރެ ބޮޑު އިނާމެއް ލިބިދެއެވެ.
އެހެންކަމުން، މިފަދަ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވުމަށް، އަޅުގަޑުގެ އަމިއްލަ ނަފްސަށާއި، ލޮބުވެތި މުސްލިމް އަޚުންނާއި އުޚްތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. والله أعلم