ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް، ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ ރާއްޖެ ވަޑައިގެންފިއެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެ ދާއިރާ މިހާރު ބައްޓަންކުރެވިފައިވާ ގޮތާއި އެ ދާއިރާ ހިނގަމުންދާ ގޮތުގެ ދިރާސާއެއް ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެެވެ. އެހެން ކަމުން، މި ދާއިރާގެ ފުރިހަމަ ދިރާސާއެއްކުރުމަށްޓަކައި އދ ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) ގެ އެހީއާއެކު، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރީގްލާ، ކޮންސަލްޓަންޓެއްގެ ގޮތުގައި އައްޔަންކޮށްފައެވެ.

ރިޓަޔާޑް ޖަސްޓިސް ޔޮހާނަކީ ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ފަނޑިޔާރެއްގެ ގޮތުގައިވެސް މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ އަށް އަހަރު ވަންދެން އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ޖަސްޓިސް ޔޮހާން ވަނީ އަދާކުރައްވާފައިވެއެވެ. ފަނޑިޔާރުކަމުގެ މަގާމުން ވަކިވެވަޑައިގަތުމަށްފަހު ޖަސްޓިސް ޔޮހާން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ޝަރުއީ ދާއިރާގެ ތަމްރީނާއި ތައުލީމު ދިނުމުގެ ގައުމީ އަދި ބައިނަލްއަގްވާމީ ޕްރޮގްރާމްތަކުގައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަސައްކަތްކުރެއްވުމަށްޓަކައި، ސްކޯޕިން މިޝަންއަކަށް، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ވަނަ ދުވަހުގެ ނިޔަލަށް ޖަސްޓިސް ޔޮހާން ވަނީ ރާއްޖޭގައި މަސައްކަތް ކުރެއްވުމަށް ހަމަޖެހިފައެވެ. މި ދަތުރުގައި ޖަސްޓިސް ޔޮހާން ވަނީ ދައުލަތުގެ ކަމާބެހޭ އިދާރާތަކާއި، ޝަރުއީ ދާއިރާގެ މުއައްސަސާތައް އަދި މިނިވަން މުއައްސަސާތަކާއި މަދަނީ ޖަމާއަތްތަކުގެ އިތުރުން، ގަނޫނީ ދާއިރާގެ ތަޖުރިބާކާރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ޝަރުޢީ ދާއިރާ އިސްލާހުކުރުމަށްޓަކައި ކުރުމަށް ހަަމަޖެހިފައިވާ މި މަސައްކަތުގައި ތެރޭގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމުގެ އިތުރުން ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާކުރުން ހިމެނެއެވެ. މީގެ އިތުރުން ފަނޑިޔާރުން އައްޔަންކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާކުރުން އަދި ޝަރުއީ ދާއިރާ އިސްލާހުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކުރުމުގެ އިތުރުން އެކަމާގުޅޭ ހުށަހެޅުންތައް ނުވަތަ ‘ރިކޮމެންޑޭޝަންސް’ ސަރުކާރަށް ހުށަހެޅުން ވެސް ހިމެނެއެވެ.

މި މަސައްކަތްތައް ނިންމައި، ރިޓަޔާޑް ޖަސްޓިސް ޔޮހާން ހުށަހަޅުއްވާ ފައިނަލް ރިޕޯޓް އަންނަ އޮގަސްޓް މަހުގެ 29 ވަނަ ދުވަހު ޕީޖީ އޮފީހާ ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.