ވަޒީރުންނާ ދޭތެރޭ މީހުން ނުތަނަވަސްވާ ގޮތަށް ޓްވީޓް ކުރުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވީ، ގަލޮޅު އުތުރު ދާއިރާގެ މެންބަރު، އީވާ އަބްދުﷲ ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުންނެވެ. އީވާގެ ޓްވީޓުގައި ވިދާޅުވެފައި ވަނީ ތަރައްގީގެ މަޝްރޫއު ހިންގާނީ ވަޒީރު ނުވަތަ ސަރުކާރު ބުނާގޮތައް ވޯޓު ދިނީމައޭ މަޖިލިސް މެންބަރުން ކައިރީގައި ބުނުން ހަޑިކަމަށެވެ. އީވާ ވިދާޅުވީ، ވެރިކަން ބަދަލުކުރީ އެގޮތް ކަމުނުދާތީ އެ އަޑު ނޭއްސެވުމަށް ކަމަށެވެ.
އީވާގެ ޓްވީޓަށް ރައްދު ދެއްވަމުން ރޮޒައިނާ ވިދާޅުވީ، މިއީ ކޮން ވަޒީރަކު ކާކަށް މުހާތަބުކޮށް ވިދާޅުވި އެއްޗެއް ކަން ސާފު ވާން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީ މަޖިލިސް މެންބަރުން މި ސަރުކާރުގެ ހުރިހާ ވަޒީރުންނާ ދޭތެރޭ މީހުން ނުތަނަވަސްވާ ގޮތަށް މިފަދަ ޓްވީޓް ކުރެއްވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.
އެމްޑީޕީގެ "މަޖިލިސް 19، ޕީޖީ" ވައިބާ ގްރޫޕުގައި މަޖިލިސް މެންބަރުން ވާހަކަ ދައްކަވާފައިވާ ސްކްރީން ޝޮޓްގައި، ރޮޒައިނާ އީވާއަށް ދެއްވި މި ރައްދުގެ ބަދަލު މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) ވަނީ ރޮޒައިނާއަށް ދެއްވާފައެވެ. އެގޮތުން، އިންތި ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކާއި ގުޅުވައިގެން އެގޮތަށް މަޖިލިސް މެންބަރުންނަށް ގުޅުއްވާފައި ނުފޫޒު ފޯރުވަނީ ވަޒީރުން އެކަނި ނޫން ކަމަށެވެ. އަދި ޚުދު ރޮޒައިނާވެސް މަޖިލިސް މެންބަރުން ނަށް ގުޅުއްވާ އާސަންދަ ނުލިބޭނެ ކަމުގެ ވާހަކަ ދައްކަވާ ނުފޫޒު ފޯރުވަން އުޅުއްވައިފައިވާ ވާ ކަމަށް އިންތި ތުހުމަތު ކުރެއްވިއެވެ. އަދި އެމީހެއްގެ އަމިއްލަ ސިޔާސީ ކެރިއާ ނިންމާނީ އެމީހަކު އަމިއްލައަށް ކަމަށާއި، އެހެން ކަމުން ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު ވޯޓު ދެއްވުމަށް ވިދާޅުވެފައި ވާކަމަށްވެސް އިންތި ރޮޒޭނާއަށް ތުހުމަތު ކުރެއްވިއެވެ.
އަންނަ އަންގާރަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އާ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަނޑައެޅުމަށް އެމްޑީޕީގެ ތެރޭގަ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެމެދު ވަނީ ހިޔާލު ތަފާތުވުންތައް އުފެދިިފައެވެ. އެގޮތުން، މަޖިލީހުގެ ރައީސްކަމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ގެންނަން ބޭނުންފުޅު ވާކަމަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނިކޮށް، ރައީސް ސޯލިހު ވަނީ އަފީފު މަޖިލީހުގެ ރައީސް ކަމަށް ގެންނަން ތާއިދުކުރައްވާ ކަން ހާމަކުރައްވާފައެވެ.