އާދަޔާ ހިލާފަށް ބަރުހެލިވެފައިވާ ފަލަ ހަށިގަނޑެއް ދުޅެހެޔޮކޮށް ކުރި މަސައްކަތްތަކެއްގެ ސަބަބުން އެތައް ތަނެއް ހިއްކާލާ ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާއިން އިވެމުންދާ ވާހަކައެކެވެ. އެކި މީހުންނަށް މި ދަތުރަކީ އެކި ކަހަލަ ތަޖުރިބާތައް ކުރެވޭ ދަތުރަކަށްވާއިރު، މިއިން ކޮންމެ ވާހަކައަކީވެސް އެކަމަށް ބޭނުންވެފައި ތިބި ބަޔަކަށް ހިތްވަރު ލިއްބައިދޭ ވާހަކަތަކަކަށް އޮންނަނީ ވެފައެވެ. މިއީ އިންޑިއާގެ ޕޯސްޓްގްރެޖުއޭޓް ދަރިވަރެއް ކަމަށްވާ ސިދާތު މަލްހޯޓްރާގެ ހައިރާން ކުރުވަނިވި ވާހަކައެވެ.
މި އާދަޔާ ހިލާފު ދަތުރުފެށިއިރު ސިދާތުގެ ހަށިގަނޑުގެ ބަރުދަނުގައި 151 ކިލޯގްރާމް ހުއްޓެވެ. ނަމަވެސް އެންމެ 12 މަސްދުވަހުގެ ތެރޭގައި ސިދާތު މިވަނީ ބޮޑު ބަދަލެއް ދައްކާ، އޭނާގެ ހަށިގަނޑުން 74 ކިލޯގްރާމް ލުއިކޮށްލާފައެވެ.
އުމުރުން އެންމެ 24 އަހަރުގެ ސިދާތު ބުނި ގޮތުގައި ހަށިގަނޑުގެ ބަރުދަން ލުއިކޮށް ރޫފަ ހެޔޮކޮށްލުމަށް އޭނާގެ ހިތަށް މަޖުބޫރުވާން ފެށީ، އާ ގަމީހެއް ގަންނަން ފިހާރަތަކަށް ވަންނަ ހިސާބުންނެވެ. ބައެއް ފިހާރަތަކަށް ވަނުމުން އެ ސައިޒުގެ ގަމީހަކީ އުފައްދައިގެން ބާޒަރަށް ނެރޭ ގަމީސްތަކެއް ނޫންކަމަށް ބުނެ އެ ފިހާރަތަކުގައި ތިބޭ މީހުން ސިދާތާ ދިމާކުރަން ފެށި ހިސާބުންނެވެ.
ސިދާތު ބުނި ގޮތުގައި އެދުވަސްވަރު އޭނާ ދިރިއުޅެމުންދިޔައީ އިންތިހާ މާޔޫސްކަމެއްގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ކޮންޓްރޯލް ގެ ދަށުގައި އޮތް ހަމައެކަނި އެއްޗަކީ އޭނާގެ އަމިއްލަ ހަށިގަނޑުކަން އެނގި، އެއަށް ބަދަލެއް ގެނައުމަށް ބޭނުންވީއެވެ. ހުވަފެންތަކުގައި ސިދާތަށް ފެނުނު ހަށިގަނޑު އޭނާއަށް ހަމަ ދުނިޔޭގައި ލިބުމާއެކު އޭނާ އެންމެ ފުރަތަމަވެސް މިސްރާބުޖެހީ އެއްކަލަ ފިހާރަތަކާ ދިމާލަށެވެ. ކަން ދިމާކުރި ގޮތުން ފިހާރާގައި ތިބި މީހުންނަކަށް ސިދާތެއް ނޭނގުނެވެ. އެހެންކަމުން ސައިޒު 32 ޖީންސްއެއް ދިނުމަށް އެމީހުން ގާތުން ހީނލާފައި އެދިލުން ފިޔަވާ އިތުރު ކަމެއް ސިދާތެއް ނުކުރެއެވެ.
ސިދާތު ކިއާދިން ގޮތުގައި ހޭލާ ގޮތަށް އެންމެ ފުރަތަމަވެސް ބޯލަނީ ލުނބޯ ފެންތައްޓެކެވެ. މި ފެނަށް ހުންނަނީ ފްލެކްސް ސީޑްސް ވެސް އަޅާފައެވެ. އޭގެ ބައިގަޑިއިރު ފަހުން 2 ބިހުގެ ހުދުބައިން ތައްޔާރުކޮށްފައިވާ ބިސްގަނޑެކެވެ. މި ބިސްގަނޑު ކަނީ ބްރައުން ބްރެޑެއް، ބަޓަރު ނުޖަހާ ޓޯސްޓުކޮށްގެންވެ. ހެނދުނުގެ ކޮފީ ބޮނީ އޭގެ ގަޑިއިރެއްހާއިރު ފަހުންނެވެ.
ސިދާތުގެ މެންދުރު ކެއުމަކީ ތަރުކާރީ އަޅައިގެން ފިހެފައި އޮންނަ 2 ރޮއްޓާއި ކާޑް ބޯތައްޓެކެވެ. ރޭގަނޑުގެ ކެއުމަކީ އެއްވެސް ވަރަކަށް ލޮނު ނުހިމެނޭ ކެއުމަކަށް ހެދުމަށް ސިދާތު ވަރަށް ބޮޑު ސަމާލުކަމެއް ދެއެވެ. އެގޮތުން ރޭގަނޑުގެ އެންމެ ފަހު ކެއުމަކަށް ގިނަ ފަހަރު ވަނީ ދޮންކެޔޮ މިލްކްޝޭކް ތައްޓެކެވެ. ނުވަތަ ފެނުކެއްކި ތަރުކާރީ ކޮޅެކެވެ.
ސިދާތު ކިޔާދިން ގޮތުގައި ފާއިތުވީ އަހަރެއްހާ ދުވަސް އޭނާ ހޭދަކުރީ މި ގޮތުގައެވެ. ޗީޓްމީލްއެއް ނެގީ އެންމެ ދުވަހަކުއެވެ. އެއީ އޭނާގެ އުފަންދުވަހުއެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި މަހަކު އެއްފަހަރު ޗީޓްޑޭއެއް ތަޖުރިބާކޮށްލާނެ ކަމަށް ސިދާތު ބުންޏެވެ.
150 ކިލޯގްރާމްއާއިއެކުވެސް ސިދާތް ޖިމްއަށް ދާން މަސައްކަތް ކުރެއެވެ. ނަމަވެސް ހިރިލެވެނީ ކިރާއެވެ. އެހެންކަމުން ފުރަތަމަ އަމާޒަކަށްވީ ދުވާލަކު 350-400 ކެލަރީޒް އަންދާލުމެވެ. އެކަން ކުރީ ކާޑިއޯ ހަދައިގެންނެވެ. ކޮންމެވެސް ވަރަކަށް ދުވެލެވޭވަރުވުމުން، މަސްތަކުގައި ބާރުޖެއްސުމުގެ މަސައްކަތް ފެށިއެވެ. ހަށިގަނޑުގެ ބަރުދަން ލުއިވަމުންދާ ވަރަކަށް ކަސްރަތުގެ މިންވަރު އިތުރުކުރަމުން ގޮސް، މިހާރު ދުވާލެއްގެ މައްޗަށް 900-950 ކެލަރީޒް އަނދާލައެވެ.
ސިދާތު ބުނާ ގޮތުގައި މީހަކު ހިތުގެ އަޑިން ކަމަކަށް ބޭނުންވެއްޖެނަމަ އެކަމެއް ހާސިލުކުރާނެއެވެ. ކޮންމެ ދުވަހަކީ ނަތީޖާ ނެރެވޭނެ ދުވަހަކަށް ނުވި ނަމަވެސް، މިއީ ދިގު މަރުހަލާއެއްގެ ކަމެއްކަން ހިތުގެ އަޑިން ދަނެގެން އެކަން ކުރުމަށް ސިދާތު ހިތްވަރުދެއެވެ.
ބުރަހެލިކޮށް ހުރި ދުވަސްވަރާ ބެހޭ ގޮތުން ސިދާތު ބުނީ، ހިނގާބިނގާވެ އުޅުމަށް ހުރި ޖިސްމާނީ ތަކުލީފުތަކުގެ އިތުރުން، މީހުން ކުރާ ކޮމެންޓްތަކަކީ އޭނާއަށް ކުރިމަތިލާންޖެހުނު އެންމެ ބޮޑު ތަކުލީފެވެ. މީހުން ކުރާ ނެގެޓިވް ކޮމެންޓުތަކުގެ ސަބަބުން ބައެއް ފަހަރު ހިތްވަރު އެލުވާލަންވެސް ޖައްސާކަމަށް ސިދާތު ކިއާދިނެވެ.
ސިދާތު ބުނާ ގޮތުގައި ކަސްރަތުކުރުމުގެ އިތުރުން ރަނގަޅު ކާނާ ކެއުންވެސް މުހިންމެވެ. އަދި ކެއުން ކާ ގަޑިތައްވެސް އިންތިހާއަށް މުހިންމެވެ. ސިދާތު ބުނީ ރޭގަނޑު 07:30 ފަހުން އޭނާ އެއްވެސް އެއްޗެއް ނުކާ ކަމަށެވެ. މި ހިތްވަރުގަދަ ދަތުރުން ދަސްވި އެންމެ ބޮޑު އެއްޗަކީ، ބުރަ މަސައްކަތާ ރަނގަޅު އަޚުލާގުގެ ސަބަބުން ކޮންމެފަދަ ކަމެއްވެސް ހާސިލުވެދާނެ ކަން ކަމަށް ސިދާތު ބުނެއެވެ.