ތުއްތު ދަރިފުޅު މި ދުނިޔެއަށް ލާ ފުރަތަމަ ނޭވާއާ އެކު ވިދިގެން އަންނަ 6 ދުވަހު އެ ދަރިފުޅަށް އެންމެ މުހިންމު އެކައްޗަކީ މައިމީހާގެ ގާތުންދޭ ކިރެވެ. އެއަށްފަހު އުމުރުން 24 މަސްވަންދެން ގާތުން ކިރު ދިނުން އެދެވިގެން ވެއެވެ. މިއީ ގުދުރަތުން މައިމީހާއާއި ދަރިފުޅާ ދެމެދު ލައްވާފައިވާ ފުރިހަމަ ގުޅުމެކެވެ. ކަންމިހެން އޮތް ނަމަވެސް، އާންމު ތަނެއްގައި މަންމައަކު އޭނާގެ ދަރިފުޅަށް ގާތުން ކިރުދޭން އިންނަ މަންޒަރު ފެނުމުން އެކަމާ ހިތް ނުރެހޭ ކިތަންމެ ބަޔަކު އުޅެއެވެ. އެމަޔަކު އިނީ ހުރިހާ ގޮތަކުން ނިވާކޮށްގެން ކަމުގައި ވީ ނަމަވެސްމެއެވެ. ނަތީޖާއަކަށްވަނީ، ދަރިއަކު ލިބޭ ހިސާބުން ގިނަ މައިން ގޭ ބަންދަކަށް ހުކުމްވުމެވެ.

މިކަމަށް ހައްލެއް ހޯދާދީ، ޅަ ދަރި މައިންނަކިވެސް އާންމުން އެއްވެ އުޅޭ ތަންތަނަށް ގޮސް އުޅެވޭ ބަޔަކަށް ހެދުމުގެ އަމާޒުގައި ދުނިޔޭގެ ފެންވަރުގައި އެންމެ އާދަޔާ ހިލާފު ފިޔަވަޅެއް އެޅި ގައުމަކަށް އިންޑިއާ މިވަނީ ވެފައެވެ. އެގޮތުން ތާޖު މަހަލްއަށް ޒިޔާރަތްކުރާ ޅަދަރި މައިންނަށް ހާއްސަކޮށްގެން ގާތުން ކިރު ދިނުމަށް ތާޖު މަހަލްގެ ވަކި ސަރަހައްދެއް މިހާރު ވަނީ ހަމަޖައްސާފައެވެ. މިއީ އާސާރީ އަދި ސަގާފީ ތަންތަނުގެ ތެރެއިން ބައިނަލްއަގުވާމީ ފެންވަރުގައި ގުނާލެވޭ ބިނާތަކުން ބިނާއެއްގައި މިފަދަ އިންތިޒާމެއް ހަމަޖެހިގެންދިޔަ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އާސާރީ އަދި ސަގާފީ ކަންކަމާ ތަންތަން ބެލެހެއްޓުމާ ހަވަލާވެފައިވާ އާކިއޮލޮޖިކަލް ސާވޭ އޮފް އިންޑިއާ (އާސީ)އިން ބުނީ ތާޖު މަހަލްގެ އިތުރުން މިފަދަ އިތުރު ބިނާތަކުގައި މައިންނަށް ހާއްސަކޮށްގެން ނާސިންގް ރޫމްތަކެއް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ތާޖު މަހަލްތަގައި ތަރައްގީކުރާ ނާސިންގް ރޫމްގެ މަސައްކަތް، އަންނަ ޖުލައިމަހުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް އާސީއިން ބުނެއެވެ. އާސީއިން ބުނީ، ތާޖު މަހަލްގައި މިފަދަ ސަރަހައްދެއް ގާއިމުކުރުމުގެ ވިސްނުން އައީ، ފަތުރުވެރިން އިންތިހާ ގިނައިން ޒިޔާރަތްކުރި ދުވަހެއްގައި، ތުއްތު ދަރިފުޅަށް ގާތުން ކިރުފޮދެއްދެވޭނެ ގޮތެއްނެތިގެން ޒުވާން މަޔަކު މާޔޫސްވެގެން އުޅުނު މަންޒަރު، އޮފިޝަލުންނަށް ފެނުނު ހިސާބުން ކަމަށެވެ.

އިންޑިއާގެ އާންމު ތަންތަނުގައި ގާތުން ކިރުދެވޭނެ އިންތިޒާމު އާންމު ގޮތެއްގައި ހަމަޖައްސާފައެއް ނުހުރެއެވެ. މިދިޔަ އަހަރު ޝޮޕިންގް މޯލްއެއްގެ ތެރޭގައި ގާތުން ކިރުދޭން އިން މަޔަކާ ދިމާލަށް އެ މޯލްގެ މެނެޖުމަންޓް އެއްޗިހިކީ މައްސަލައެއް ސޯޝަލް މީޑިއާގައި ވަނީ ވައިރަލްވެފައެވެ.

ދިވެހިރާއްޖެއަށް ބަލާލިކަމުގައި ވީނަމަވެސް މިކަން އޮތީ މިހެނެވެ. އާންމުން އެއްވެ އުޅުމަށް ހާއްސަކޮށްގެން ޕާކުތަކާ ގިނަ ބިނާތަކެއް އަޅަމުންދާއިރު ކައިރި ހިސާބެއްގައިވެސް ނާސިންގް ރޫމެއް ނުހުރެއެވެ. ނުވިތާކަށް، ތުއްތު ދަރިފުޅު ނަޖިސްވެ، ނެޕީ ބަދަލުކޮށްލަންޖެހިއްޖެ ހިނދެއްގައި އެކަން ކުރެވޭނެ އިންތިޒާމެއްވެސް ހަމަޖެހިފައެއް ނުހުރެއެވެ.