އިންޑިއާއިން އެންމެ ހޯދަން ބޭނުންވެފައިވާ ހަނގުރާމަވެރިޔާގެ ލަގަބު ދީފައިވާ ޒާކިރު މޫސާގެ ޖަނާޒާގައި އެތައް ހާސް ބަޔަކު ބައިވެރިވެއްޖެއެވެ.

އިންޑިއާ އަސްކަރިއްޔާއިން ބުނި ގޮތުގައި ޒާކިރު މޫސާ މަރާލާފައިވަނީ ބުރާސްފަތި ދުވަހުއެވެ. އޭނާ މަރާލާފައިވަނީ ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި އޭނާ ދިރިއުޅެމުންދާ ގޭގެ ތެރޭގައި އަސްކަރިއްޔާއިން އޭނާ "ތާށިކޮށްލުމަށް" ފަހުގައެވެ.

ކަޝްމީރުގައި އިންޑިއާއިން ކުރަމުން އަންނަ ވެރިކަމާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ އެންމެ ވަރުގަދަ ހަނގުރާމަވެރި އެއް ޖަމާއަތް ކަމަށްވާ ހިޒްބުލް މުޖާހިދީންއިން ވަކިވެ، ޒާކިރު މޫސާ އަލްގައިދާއަށް ބައިޔަތު ހިފީ 2017 ވަނަ އަހަރުގެ ތެރޭގައެވެ.

ހަނގުރާމަވެރިޔާ ޒާކިރު މޫސާ ދިރިއުޅެމުންދިޔަ ގެ އަށް އިންޑިއާގެ އަސްކަރިއްޔާއިން ހަމަލާދީފައިވާއިރު އޭނާ ސަޕޯޓަރުން އެ ސަރަހައްުދު ބަލާލަނީ/ފޮޓޯ: އީޕީއޭ

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޒާކިރު މޫސާގެ އަސްލު ނަމަކީ ޒާކިރު ރާޝިދު ބާތުއެވެ. އޭނާއަކީ 2016 ވަނަ އަހަރު ސަލާމަތީ ބާރުތަކުން މަރާލި ވަރުގަދަ ހަނގުރާމަވެރި ލީޑަރު ބުރުހާން ވާނީގެ އަރިސް މީހެކެވެ. ބުރުހާން ވާނީގެ މަރާ ގުޅިގެން ކަޝްމީރު ވާދީގައި 4 މަހަށް ދެމިގެންދިޔަ ހަމަނުޖެހުންތަކުގައި އާންމު ރައްޔިތުންގެ 100އެއްހާ މީހުންގެ ފުރާނަ ވަނީ ގެއްލިފައެވެ.

ޒާކިރު މުސާގެ މަރާ ގުޅިގެން މިހާރުވެސް ގިނަ ބަޔަކު ވަނީ މުޒާހަރާ ކުރުމަށް މަގުތަކަށް ނިކުމެފައެވެ.

އިންޑިއާ މީޑިއާއިން ސިފަ ކުރާ ގޮތުގައި ޒާކިރު މޫސާގެ މަރަކީ، ބުރުހާން ވާނީގެ މަރަށްފަހު އިންޑިއާގެ އަސްކަރިއްޔާއަށް ލިބުނު އެންމެ ބޮޑު ނަސްރެވެ.

ޒާކިރު މޫސާ މަރާލެވިފައިވާކަން ކަށަވަރުކޮށްދިނުމުގެ ގޮތުން އަސްކަރިއްޔާއިން އާންމު ކުރި ބަޔާނެއްގައި ބުނެފައިވަނީ އޮޕަރޭޝަން ނިމުމަކަށް އައިސްފައިވާކަމަށާ، ޒާކިރު މޫސާ މަރާލެވުނު ސަރަހައްދުން ގިނަ އަދަދެއްގެ ހަތިޔާރާ ހަނގުރާމަ މަތީ އާލާތްތައް އަތުލައިގަނެވިފައިވާކަމަށެވެ.

ހަނގުރާމަވެރިޔާ ޒާކިރު މޫސާގެ ސަޕޯޓަރަކު އޭނާގެ ފޮޓޯ ޖެހި ޓީޝާޓެއް ލައިގެން/ފޮޓޯ: އީޕީއޭ

ޒާކިރު މޫސާގެ މަރާ ގުޅިގެން މަސްރަހު ހޫނުވަމުންދާއިރު ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގައި މިހާރު ވަނީ ކާފިއުވެސް އިއުލާންކޮށްފައެވެ.

އިންޑިއާއިން ތުހުމަތުކުރާ ގޮތުގައި ކަޝްމީރުގައި ހަނގުރާމަވެރިން ގަދަކުރަމުންދަނީ ޕާކިސްތާނުގެ ސަބަބުންނެވެ. ނަމަވެސް ޕާކިސްތާނުން ދަނީ މި ތުހުމަތުތަކަށް ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.