ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ހިންގާ ކެމްޕެއިންތަކުގެ ތެރެއިން މިމަސައްކަތުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކަށް ހާއްސަކޮށްގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އިން ދޭ "ގްލޯބަލް އެންޓި ސްމޯކިންގް އެވޯޑް" ސައުދީ އަރަބިއްޔާއަށް ދީފިއެވެ.

ސުވިޓްޒަލަންޑްގެ ޖެނީވާގައި ކުރިޔަށްދިޔަ ވާލްޑް ހެލްތް އެސެމްބްލީގެ 72 ވަނަ ޖަލްސާގައި ސައުދީ އަރަބިއްޔާގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ހެލްތް މިނިސްޓަރު ޑރ. ތައުފީގު ބިން ފަވްޒާން އަލް ރާބިއާއެވެ.

ސައުދީ އަރަބިއްޔާއަކީ ދުންފަތުގެ އިސްތިއުމާލު ކުރުން ކޮންޓްރޯލުކުރުމުގެ ގޮތުން ޑަބްލިއު.އެޗް.އޯއިން 2005 ވަނަ އަހަރު އެކުލަވާލި ވަރުގަދަ ފްރޭމްވާކް އެންމެ ފުރަތަމަ ތަސްދީގު ކުރި 5 ގައުމުގެ ތެރެއިން 1 ގައުމެވެ. މި ފްރޭމްވާކަކީ 2030 ވަނަ އަހަރު ދުންފަތުގެ އިސްތިއުމާލު ކުރާ މިންވަރު %12.7 އިން އެންމެ %5 އަށް ދަށްކުރުމަށް ވަރުގަދަ އަމާޒެއް ކަނޑައަޅާފައިވާ ފްރޭމްވާކެއެވެ.

ވާލްޑް ހެލްތް އެސެމްބްލީގެ ބައިވެރިންވަނީ، ކާބޯތަކެތި ޒަރިއްޔާއިން ހަށިގަނޑަށް ދައުރުވާ ނުރަނގަޅު ސަރުބީ ކޮންޓްރޯލް ކުރުމަށް ސައުދީގެ ކާބޯތަކެއްޗާ ބޭހެ އިދާރާތަކުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ތައުރީފުކޮށްފައެވެ. ޑަބްލިއު.އެޗް.އޯއިން ދަނީ ކާބޯތަކެތީގެ ޒަރިއްޔާއިން ހަށިގަނޑަށް ދައުރުކުރާ ނުރަނގަޅު ސަރުބީގެ މިންވަރު، 2023 ވަނަ އަހަރު އަންނައިރު 0 ރޭޓަށް ގެނައުމަށް އަމާޒެއް ކަނޑައަޅާ، އެކަމަށް މަސައްކަތްތަކެއް ކުރަމުންނެވެ.