އިންޑިއާގެ ރައްޔިތުން މިފަހަރު ނިކުމެ ވޯޓުލާފައިވަނީ ހިކުމަތްތެރި ވިސްނުމެއްގައި ތިބެ، ރަނގަޅު ވޯޓެއް ކަމަށް އިންޑިއާގެ މަޝްހޫރު ލަވަކިއުންތެރިޔާ އާޝާ ބޯސްލޭ ބުނެފިއެވެ.

އިންޑިއާގެ 17 ވަނަ އާންމު އިންތިހާބުގައި މިހާރުގެވެސް ބޮޑުވަޒީރު ނަރޭންދްރާ މޯދީއާއި ބީޖޭޕީއިން ހޯދަމުންދާ އާދަޔާ ހިލާފު ކާމިޔާބީ ފާހަގަކޮށް، އެކަމަށް މަރުހަބާ ކިޔަމުން ކުރި ޓުވީޓެއްގައި އާޝާ ބޯސްލޭ ބުނީ އެތައް ޒަމާނެއް ވަންދެން އެކަމެއްގެ އިންތިޒާރުގައި މުޅި އިންޑިއާ ކެތްމަދުވެފައި އޮތް ރަން ޒަމާނަށް އިންޑިއާ ގެންގޮސްދިނުމަށް މަސައްކަތް ކުރި ހުރިހާ ފަރާތްތަކަށް މަރުހަބާއާއި މުބާރަކްބާދީ ހައްގުވާކަމަށެވެ.

އިންޑިއާގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފަންނުވެރިން ދަނީ މޯދީއަށް މަރުހަބާ ކިއަމުންނެވެ. މޯދީއަށް އެންމެ ފުރަތަމަ މަރުހަބާ ކީ ފަންނުވެރިންގެ ތެރޭގައި ރިތޭޝް ދޭޝްމުކް ފާހަގަކޮށްލެވެއެވެ.