ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހޮވުނަސް އަދި ވިލިފުށީ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި ހަސަން އަފީފު ހޮވިވަޑައިގެންނެވި ނަމަވެސް، އެއީ އެމްޑީޕީގެ ދެ މެންބަރުން ކަމަށާއި، އެކަމުގައި މައްސަލައެއް ނެތް ކަމަށް މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ މިހެން ވިދާޅުވެފައި ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އެންމެ ރަނގަޅީ އަފީފު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވުމާއި ގުޅިގެން ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.
މަޖިލީހގެ ރިޔާސަތަށް ވަޑައިގަތުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައިވާ ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތާއިދު ކުރައްވާ ބޭފުޅެއްގެ ވާހަކަ ރައީސް ނަޝީދު ވިދާޅުވީ ކަމަށާއި، ރައީސް ސޯލިހަށް އެންމެ ކަމުދާ މީހެއްގެ ވާހަކަ ރައީސް ވިދާޅުވި ކަމަށެވެ. އަދި މެންބަރު އަސްލަމް ވެސް އަދި އިންތިހާބީ މެންބަރު އަފީފު ވެސް އެއީ އެމްޑީޕީގެ ދެ މެންބަރުން ކަމަށާއި، އެތަނުން ކޮންމެ މީހެއް ހޮވުނަސް ވާނީ އެމްޑީޕީއަށް ކަމަށެވެ.
އަފީފަށް ތާއިދުކުރައްވާ ކަން ރައީސް ހާމަ ކުރެއްވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް މި ހިނގާ މަޖިލީހުގެ މެންބަރުންނާއި، މަޖިލިސް މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އިންތިހާބީ މެންބަރުންނަށް ބޭއްވި ތަރާވީހަށްފަހު ރޭ ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ މަގާމުގެ ހައިސިއްޔަތުން ވަކި ބޭފުޅެއްގެ ނަން ވިދާޅުވުން އެހާ ރަނގަޅެއް ނޫން ކަމަށެވެ. ނަމަވެސް އަފީފްއާ އެކު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ މަޖިލީހުގެ ރިޔާސަތަށް އެންމެ އެކަށީގެންވަނީ އަފީފު ކަމަށެވެ.
އެމްޑީޕީގެ ސުޕަ މެޖޯރިޓީއާއެކު މަޖިލީހުގެ ރައީސްކަމާއި ނައިބު ރައީސްކަމަށް ގެންނާނެ މީހަކު އެ ޕާޓީން ކަނޑައަޅާނެކަމަށް ވަނީ ބުނެފައެވެ. އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ނެތްކަން ހާމަ ކުރައްވާ، ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމަކީ އެ މަގާމަށް އެންމެ އެކަށީގެންވާ ބޭފުޅާކަން މީގެ ކުރިން ހާމަކުރައްވާފައެވެ.