ސަރުކާރުން ކޮންމެ އަހަރަކު ދެމުން ގެންދާ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދެއްވާގޮތަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފިއެވެ.

ރައީސް ސޯލިހު މިގޮތަށް ހަމަޖެއްސެވީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ދެއްވާ އިނާމަކަށްވާތީ، މި އިނާމު ދެއްވުން އެންމެ އެކަށީގެންވާ މުނާސަބަތަކީ ގައުމީ ދުވަހުގެ މުނާސަބަތު ކަމަށްވާތީކަމަށް ރައީސް އޮފީހުން ބުނެއެވެ.

1979 ވަނަ އަހަރު ގައުމީ އިނާމު ދެއްވަން އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުން ފެށްޓެވިއިރު، މި އިނާމު ދެމުން ގެންދަވަނީ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ. ފަހުން ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މި އިނާމު ދެއްވާގޮތަށް ހަމަޖެއްސިއެވެ.

ގައުމީ ދުވަހު ގައުމީ އިނާމު ދޭގޮތަށް ހަމަޖެއްސުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާއި، ރައީސް ދެއްވާ ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.

މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، އަންނަ ޖޫން މަހުގެ 10 ވަނަ ދުވަހު، ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލާނެކަމަށް ރައީސް އޮފީހުން ބުނެއެވެ. އަދި ގައުމީ އިނާމު މިހާރު ދެވޭ މައިގަނޑު ދާއިރާތަކާއި، ރޮނގުތަކާ ގުޅޭގޮތުން ކަމާބެހޭ އިދާރާތަކުގެ ހިޔާލު، އެ ކޮމިޓީން މިހާރުވަނީ ހޯދާފައި ކަމަށާއި، ގައުމީ އިނާމުގެ އުސޫލުތަކަށް ގެންނަންޖެހޭ އިތުރު ބަދަލުތައް ގެނައުމުގެ މަސައްކަތް، ކޮމިޓީން ދަނީ ކުރަމުންނެވެ.