ހުޅުމާލޭ ފަޅުގައި އޮތް އެމްޓީސީސީ ގެ "އެކްސްޕްރެސް 1" ގައި މަސަތްކަތްކުރަމުން ދަނިކޮށް އެ ލޯންޗު ގޮވާ ހަށިގަނޑުގެ ބޮޑުބައެއް ފިހިފައިވާ އަލީ އިމްރާނަށް އެމްޓީސީސީގެ ފަރާތުން އެހީ ފޯރުކޮށްދެމުން ނުދާކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެމްޓީސީސީ އިން ދޮގުކޮށްފިއެވެ.

އެމްޓީސީސީ އިން ބުނީ ލޯންޗުގެ ޕެޓްރޯލް ޕަންޕުގެ ސުވިޗް ބަދަލުކުރަން އުޅުމުގެ ތެރޭގައި އަލިފާން ކަނި ބުރައިގެން ބެޓެރިއެއް ގޮވުމުގެ ސަބަބުން ފިހިގެން، މިހާރު އޭޑީކޭގައި ފަރުވާދެމުން އަންނަ އިމްރާނަށް، މާލީ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން އެހީތެރިވަމުން ދާކަމަށެވެ.

މިކަމާ ގުޅޭގޮތުން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އިންޖީނީރިން ޑިޕާޓްމެންޓުގެ ޖެނެރަލް މެނޭޖާ މުހައްމަދު ހުޝާމް ވިދާޅުވީ މާލީ ގޮތުން އިމްރާނަށް އެހީތެރިވަމުން ގެންދަވާ ކަމަށާ މިހާރު އޭނާ ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސަތްކަތް ކުރެވެމުން ދާކަމަށެވެ. އަދި ސޯޝަލް މީޑިއާގައި މައްޝޫރުކަން ހޯދުމަށް މިފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް ހުޝާމް ވަނީ އިލްތިމާސް ކުރައްވާފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން އިމްރާންގެ އާއިލާއިން ބުނީ އެމްޓީސީސީގެ ފަރާތުން އެހީ ޕޯރުކޮށްދެމުން ދާކަމަށެވެ. އަދި އެހީ ހޯދުމަށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި ޖެހީ ފަރުވާއަށް ރާއްޖެއިން ބޭރަށް އިމްރާން ގެންދަން ޖެހޭ ކަމަށް ޑޮކްޓަރުން ބުނުމުން ކަމަށް އާއިލާއިން ބުނެއެވެ. ނަމަވެސް ބޭރަށް ފޮނުވުމުގެ ހުރިހާ ހަރަދެއްވެސް އެމްޓީސީސީ އިން ކުރަމުންދާތީ އެކަން މަޑުޖައްސާލައިފައި ވާކަމަށް އެ ފަރާތުން ވަނީ ބުނެފައެވެ.

ސޯޝަލް މީޑިއާގައި ޝަކުވާ ކުރާމީހުން ބުނަމުން ދިޔައީ އެމްޓީސީސީ ގެ ބަހެއް ދަށުވެ ނިޔާވި ޔޫކްރެއިންގެ 31 އަހަރުގެ އަންހެން މީހާގެ ހަށިގަނޑު އޭނާގެ ގައުމަށް ފޮނުވުމަށާއި، އޭނާގެ އާއިލާ ރާއްޖެ އައުމާއި ދިއުމަށާއި އަދި އެމީހުން ތިބި ގެސްޓު ހައުސް އަށް އެމްޓީސީސީ އިން ހަރަދު ކުރި ނަމަވެސް، މުވައްޒަފަކަށް މިފަދަ އަނިޔާއެއް ލިބުމުން އެމްޓީސީސީ އިން އެހީ ނުވަނީ ކީއްވެގެންތޯ ސުވާލު ކުރަމުންނެވެ. އަދި އޭނާއަށް އެހީވުމަށް އެދި އެކައުންޓް ނަންބަރާ އެހެނިހެން މައުލޫމާތު ހިމެނޭ ގޮތަށް ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓް ކޮށްފައެވެ.

އެމްޓީސީސީ އިން ބުނީ އެމްޓީސީސީ ގެ މުވައްޒަފުންނަށް މަސަތްކަތުގެ މާހައުލުގައި ލިބޭ އަނިޔާތަކާ ގެއްލުންތައް ފޫބެއްދުމަށް އެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެމުން ދާކަމަށެވެ.

ހުޅުމާލޭ ލަކުޑި ޖެޓީގައި އޮތް ލޯންޗުގައި ބެޓެރި އެއް ގޮވި ހާދިސާގައި 3 މީހަކަށް ވަނީ އަނިޔާ ވެފައެވެ. އަދި މީގެ ތެރެއިން 2 މީހެއްގެ މޫނާއި އަތް ވަނީ ފިހިފައެވެ.