ޖިންސީ އަނިޔާ ލިބޭ ފަރާތްތަކަށް އެހީތެރިވުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް ޝިދާތާ ޝަރީފް ނޯވޭގެ ވެރިރަށް އޮސްލޯ އަށް ފުރާ ވަޑައިގެންފިއެވެ.
ނޯވޭގެ ސަރުކާރުން ދިން ދައުވަތަކަށް ޝިދާތާ ރޭ ނޯވޭއަށް ފުރާ ވަޑައިގަތީ އެގައުމުގައި ބާއްވާ، "އެންޑިން ސެކްޝުއަލް އެންޑް ޖެންޑާ ބޭސްް ވަޔަލެންސް އިން ހިއުމަނިޓޭރިއަން ކްރައިސިސް" ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށެވެ. މި ކޮންފަރެންސްގެ އަމާޒަކީ، އަނިޔާގެ ޝިކާރައަކަށް ވެގެންދާ ފަރާތް ވަކި ޖިންސަކަށް ނިސްބަތް ވީތީ އޭނާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމުގައި ގެންގުޅޭ ތަފާތު ކުރުން ނައްތާލުމާއި ބެހޭ ގޮތުން މަޝްވަރާކުރުމެވެ. އަދި ހަމަނުޖެހުމުގެ ހާލަތްތަކުގައި ޖިންސީ ތަފާތު އެކި އަނިޔާތަކުގެ ޝިކާރައަކަށް ވެގެންދާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އޮންނަ ފަރަގު ނައްތާލުމާއި ބެހޭ ގޮތުން މަޝްވަރާކުރުން ވެސް ހިމެނެއެވެ.
މި ކޮންފަރެންސްގައި ނުރައްކަލަށް ހުށަހެޅޭ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިޔާސީ ގޮތުން ކުރެވޭ މަސައްކަތް ހަރުދަނާ ކުރުމާއި، ޖިންސީ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ޝިކާރައަށްވާ ފަރާތްތަކަށް އެހީތެރިވުމާއި ބެހޭ ގޮތުން މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި އިންސާނީ ކާރިސާތަކުގައި މި ބާވަތުގެ އަނިޔާއަށް ހުށަހެޅޭ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އަމަލު ކުރަންވީ ގޮތާއި، އިތުރު މާލީ ވަސީލަތްތައް ކަނޑައެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ވެސް މި ކޮންފަރެންސްގައި ހަމަޖެހިފައިވެއެވެ.
މި ކޮންފަރެންސަކީ ނޯވޭގެ ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް ޕޮޕިއުލޭޝަން ފަންޑް (ޔޫއެންއެފްޕީއޭ) އަދި އިންޓްނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކްރޮސް (އައިސީއާރްސީ) އިން އިންތިޒާމް ކޮށްގެން ބާއްވާ ކޮންފަރެންސެކެވެ. އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު އޮންނަ މި ކޮންފަރެންސްގެ މަތީފަންތީގެ ބައްދަލުވުމުގައާއި ސައިޑް އިވެންޓްތަކުގައި ޝިދާތާ ބައިވެރިވުމަށް ވަނީ ހަމަޖެހިފައިވާއިރު، އެކު ގައުމުތަކުގެ ވަޒީރުންނާއި ސަފީރުން އަދި ގައުމުތަކުގެ މަތީ ފެންވަރުގެ މަންދޫބުންގެ އިތުރުން ބައިނަލް އަގްވާމީ އެޖެންސީތަކާއި މަދަނީ ޖަމާއަތްތަކުގެ ވެރިންވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.