ހަވީރު ވާން ވާއިރަށް ގޭތެރޭގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ނިންމާލުމަށްފަހު ނަޒީރާ ފެންވަރައިގެން ރީތިވީ އޭނާގެ ދަރިފުޅު ޔޫނުސް ގޮވައިގެން އަތިރި މައްޗަށް ދާށެވެ. ކޮންމެ ދުވަހަކު ވެސް އެދެމައިން އެކުގައި ހިނގާލަން ނުކުމެ އަތިރި ކައިރިއަށް ދަނީ ފިނި ކޮށްލާށާއި ޔޫނުސް މޫދު ބަލަން ބޭނުންވާތީއެވެ. ރީތިކޮށްފައި ބެހެއްޓި ޔޫނުސް ގޯތިތެރޭގައި ނެތުމުން ނަޒީރާ މަގުމައްޗަށް ނުކުތީ ޔޫނުސް ބޭރުގައި ހުންނާނެ ކަމަށެވެ. ބޭރަށް ނުކުތް އިރުވެސް ޔޫނުސް ފެންނަން ނެތުމުން އޭނާގެ ހިތަށް ނުތަނަވަސްކަމެއް ވެރިވެގެން ދިޔައެވެ. އަވަށްޓެރި ސަމީރާ ބޭރު ޖޯލީގައި އޮށޯވެގެން އޮތްތަން ފެނުމުން ނަޒީރާ އެދިމާއަށް ލެފިގަތީ އޭނާއަށް ޔޫނުސް އެގެއިން ނުކުތްތަން ފެނުނުތޯ ޔަގީންކޮށްލާށެވެ.
ދުފާ އަނގަ ރަތްކޮށްގެން އޮތް ސަމީރާ ގާތު ސުވާލުކުރުމުން އޭނާ މަގުގެ ދެފަރާތް ބަލާލަމުން ޔޫނުސް ދެންމެ މިތާ ހުރިކަމަށް ބުނެލީ އޭނާއަށް އެސޮރު ފެނުނު ވަގުތު ހަނދާނަށް ގެންނަމުންނެވެ. ބަޝީރާއާ އެކު އަތިރި މަގާ ދިމާއަށް ހިނގާފައި ދިޔަތަން ފެނުނުކަމަށް ބުނަމުން ސަމީރާ އެ އޮތްތަނުން ތެދުވެ އެމީހުން ދިޔަ ދިމާއަށް އިޝާރާތްކޮށްލިއެވެ. ނަޒީރާގެ އަތުގައި އޮތް ފޯނަށް ބަލާލުމަށްފަހު ސަމީރާ އިނިގިލި ދިއްކުރި ދިމާއަށް އޭނާ ހިނގައިގަތީ ހިތުގައި އަށަގަންނަން ފެށި ކަންބޮޑުވުމާއި ހާސްކަން އެއްފަރާތް ކޮށްލަމުންނެވެ. ބަޝީރާއާ އެކުގައި ދިޔަ ވާހަކަ ބުނުމުން އޭނާއަށް ބުނެދޭން ނޭނގޭ ކަހަލަ އިހްސާސްތަކެއް ކުރުވީ ބަޝީރާގެ ހާލަތު ފަހަކަށް އައިސް ހުންނަ ގޮތުންނެވެ.
އަތިރި މަަގަށް ނުކުމެވުނު އިރު ޖޯލިފަތީގައި އޮށޯވެގެން އެކަނި އޮތް ބަޝީރާ އޭނާގެ ލޮލުގައި އަޅައިގަތެވެ. ލައިގެން ހުރި ހައުސްކޯޓާއި ނުގުޅޭ ބުރުގަލެއް އަޅައިގެން އޮތް ބަޝީރާ އޮތީ ފުން ވިސްނުމެއްގައެވެ. ފަޔަށް ލެވުނު ބާރެއްލާ އެދިމާއަށް ނަޒީރާ ދިޔައިރު ޔޫނުސް ފެންނަން ނެތުމުން ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. އެ ޖޯލިފައްޗާ ހަމައަށް އޭނާއަށް އާދެވުނު އިރު މީހާ ހުރީ ވަރުބަލިވެފައެވެ. ބަޝީރާގެ ކޮނޑުގައި ހިފާލަމުން ޔޫނުސް ކޮބައިތޯ އޭނާ ސުވާލުކޮށްލީ އެތާ ކައިރިން އެ ސޮރު ފެންނަން ނެތުމުންނެވެ. ސުވާލުން ފުރިގެންވާ ފަދަ ގޮތަކަށް ނަޒީރާގެ މޫނަށް ބަޝީރާ ބަލާލީ ދެބުމަ ގޮށްޖަހާލަމުންނެވެ. އޭނާ ނަޒީރާއާ ދިމާއަށް ބަލަހައްޓައިގެން ހުރި ގޮތުން އެއީ ކާކުކަން ނޭނގިފައި އިން ކަހަލައެވެ. ބީރައްޓެހިކަން އެ މޫނު މަތިން ދޭހަވަމުން ދިއުމުން ނަޒީރާ އިތުރަށް ޖެހިލުންވިއެވެ. މިވަގުތު ބަޝީރާ ގާތު ޔޫނުސް ކޮބައިތޯ އަހައިގެން ކުރާނެ ފައިދާއެއް ނެތް ކަން އޭނާއަށް އެނގުނެވެ.
އިތުރު ސުވާލެއް ނުކޮށް ނަޒީރާ ގޮނޑުދޮށަށް ފޭބީ ހިތް މަތީ ގާބުރިއެއް ބާއްވައިގެންނެވެ. އޭނާގެ ހުރި ހަމައެކަނި ދަރިފުޅަށް ދެރަ ގޮތެއް ވާން ނޭދޭތީ އޭނާއަށް ވަށައިގެން އެ ދިމާ ހޯދާލެވުނެވެ. އެއްފަރާތެއްގައި ހުރި ދިއްގާ ގަހެއްގެ ގޮފިގަނޑެއްގެ މައްޗަށް އަރާ އިން ޔޫނުސް ފެނުމުން ނަޒީރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޔޫނުސްގެ ނަމުން އޭނާ އަޑު ބާރުކޮށް ގޮވާލީ އެސޮރަށް އަޑު އިވޭނެ ވަރަށެވެ. ނަޒީރާގެ އަޑު އެސޮރުގެ ކަންފަތުގައި ޖެހުމާއެކު އޭނާ އެ ގޮފިގަނޑުމަތިން ފުންމާލައިގެން ދުވެފައި އޭނާގެ މަންމަގެ ގާތަށް އައެވެ. ނަޒީރާ ލައިގެން ހުރި ޖިލްބާބުގައި އެލިގަނެ އޭނާގެ ހަށިގަނޑުގައި ޔޫނުސް ބައްދާލި އިރު އެ ކުއްޖާގެ ދެލޯ ކަރުނު ތެމިފައިވާ ތަން ނަޒީރާއަށް ފެނުނެވެ.
ޔޫނުސް ގައިގާ ބައްދާލުމަށްފަހު ބުރަކަށީގައި ފިރުމާލަމުން ރޮނީ ކީއްވެގެންތޯ އަހާލީ ވެގެން އުޅޭގޮތެއް އޮޅުން ފިލުވާށެވެ. ނަޒީރާގެ ކޮނޑުމަތީގައި ބޯއަޅައިގެން އޮތް ޔޫނުސްގެ ނަޒަރު އޭރު ހުސްކޮށްލެވިފައި ވަނީ ޖޯލިފަތީގައި އޮށޯވެގެން އޮތް ބަޝީރާއާ ދިމާއަށެވެ. މަޑުމަޑުން އެ ކުއްޖާ ބުނެލި ލަފްޒުތައް ނަޒީރާއަށް އިވުމާއެކު އޭނާގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. "ކޮއްކޮގެ މާމައަކީ ކާކު؟ މާމަ ބުނީ މީ މާމަ ކުއްޖެއް ނޫނޯ... މާމަ ބުނީ ޔޫނުސް އަކީ ކާކުހޯ؟.. ކޮއްކޮ ދެކެ މާމަ އެހުރީ ރުޅި އައިސްފަތަ؟"
ހިތުގައި ޖެހިފައި އިން ޔޫނުސްގެ ޝަކުވާތައް އެއްފަހަރާ ބަނޑުން ކޮށްލުމުން އެ ސޮރުގެ މޫނަށް ނަޒީރާ ފުން ނަޒަރަކުން ބަލާލިއެވެ. އެވީގޮތް ނަޒީރާއަށް ދެނެގަންނަން އެނގުނެވެ. ޔޫނުސް އަތުގައި ހިފައިގެން ބަޝީރާ އިން ދިމާއަށް ދާން ހިނގައިގަންނަމުން ނަޒީރާ ވާހަކަ ދެއްކީ ހަތް އަހަރުގެ ޔޫނުސް އަށް ވިސްނައިދެމުންނެވެ. "ދަރިފުޅު މާމަ އެހެންބުނީ ދަރިފުޅު ނޭނގޭތީއެއް ނޫނޭ... މާމަ މިހާރު އެހުރީ މުސްކުޅިވެފަ.. ބައެއް ފަހަރު ބައެއްކަންކަން މާމަގެ ހަނދާނަކު ނުހުންނާނެ... ދެން ނުރޮއްޗޭ... ތީ މާމަގެ ފުށްގަނޑެއްނު... މާމަ ނުލާހިކު ޔޫނުސް ދެކެ ލޯބިވާނެ..."
ޔޫނުސް ރުއްސަން ނަޒީރާ ވާހަކަ ދައްކަމުން ދިޔަ ނަމަވެސް މިއަދު އެ ކުއްޖާ ހުރީ ނަޒީރާ ދައްކަމުން ދިޔަ ވާހަކަތައް ގަބޫލުކުރާ ގޮތަކަށް ނޫނެވެ. ނަޒީރާގެ އަތް ފޮޅުވާލަމުން އޭނާ ހަށަން ބަނދެލަމުން އަނެއްކާވެސް ޝަކުވާކުރަން ފެށިއެވެ. "މާމަ އެކަންޏެއް ނޫން.. އެހެންމީހުންވެސް ބުނޭ އެއީ ކޮއްކޮގެ މާމައެއް ނޫނޭ... މަންމަ އަކީވެސް މާމަގެ ކުއްޖެއް ނޫނޭ... އެހެންވީމަ މާމަ އެހެން އެބުނަނީ... ކޮއްކޮއަށް މިހާރު އެނގޭ ހުރިހާ އެއްޗެއްވެސް... މާމަ ކޮއްކޮ ދެކެ ލޯބިނުވަނީވެސް އެއީ އަސްލު މާމާ ނޫންވީމަ..."
މިއަދު ހުއްޓުމެއް ނެތި ޔޫނުސް ޝަކުވާ ކުރާނެކަން އެނގޭތީ ނަޒީރާ ގަސްތު ކުރީ އެ ކުއްޖާއަށް އެވާހަކަ ހިއްސާކުރާށެވެ. ޖޯލިފައްޗާ ހަމައަށް އާދެވުމުން ބަޝީރާއާ ޖެހިގެން ނަޒީރާ އިށީންނަމުން ޔޫނުސް އޭނާގެ މަގަތުގައި އިން ހުސް ޖޯލީގައި އިށީންނާށޭ ބުނެލިއެވެ. އެއަށް ފަހު ޔޫނުސްއަށް ވަރަށް ބޮޑު ވާހަކައެއް ކިޔައިދޭން ނަޒީރާ ނިންމިއެވެ. އެވާހަކައަކީ ހަގީގީ ވާހަކައެއް ކަމަށާއި އެއީ ނަޒީރާ ކުޑައިރު ދިމާވިކަމެއް ކަމަށް ބުނުމުން އެވާހަކަ އަޑުއަހަން ޔޫނުސް އިތުރަށް ޝައުގުވެރިވިއެވެ. ޖޯލީގައި ހަމަޖެހިލަމުން ނަޒީރާގެ މޫނަށް ކަޅިޖަހާނުލާ ޔޫނުސް ބަލަން އިނީ އެވާހަކަ ފަށަން ދެނެވެ.
ނަޒީރާ ފުންނޭވާއެއް ދޫކޮށްލުމަށްފަހު މޫދުގެ ލޮނުގަނޑާ ދިމާއަށް ނަޒަރު ހުސްކޮށްލިއެވެ. "އެއީ މީގެ 15 އަހަރު ކުރި... މަންމަގެ އުމުރުން ވާނީ 13 އަހަރު... ހެނދުނު ހޭލައިގެން އޭރު ތެލިތައް ދޮންނަން ރައްޓެހި ކުދިންނާއެކީ ބަރޯއަށް ތެލިތައް ލައިގެން މަންމަ ދިޔައީ އަތިރިއަށް... އޭރު މި ސަރަހައްދުގެ މޫދާ ދިމާލުގައި ތޮށިގަނޑު ލާފައެއް ނޯންނާނެ... އޮންނާނީ ސީދާ މޫދު.. އެއްގަމުގައި ހުރި ގަސްތައް ކައިރި ބަރޯތައް ބަހައްޓާފައި ރާޅުޖަހާ ހިސާބަށް ހުރިހާ ތެލިތައް ހިފައިގެން މަންމަމެން ފޭބީ އެތެލިތައް ވެލިލައިގެން ދޮންނަން... އެހެން ތިއްބާ މަންމަމެންނަށް ފެނުނީ މޫދުގެ ލޮނުގަނޑު ހިކުނުތަން... ދިޔަވަރު ހިކިގެންގޮސް ފަޅުމަތީ ފަރުތައް ފެންނަވަރަށް ދިޔަވަރު ހިކުނު... ކުއްލިއަކަށް ދިޔަވަރު ހިކުނީމަ މަންމަމެންނަށް އެކަންވީ މަޖާ ކަމަކަށް.. އެހެންވެ ތެލިތައް ހިފައިގެން މަސްހިފަންވެގެން ފަރުމައްޗަށް މަންމަމެން ދިޔައީ ވަރަށް އުފަލުން ތިބެ...."
ނަޒީރާގެ ވާހަކަ އެހިސާބަށް ގޮސް ހުއްޓުމާއެކު ޔޫނުސް އޭނާގެ މަންމަގެ އަތުގައި ހިފާ ތަޅުވާލިއެވެ. "ދެންވީ ކިހިނެއްތަ؟..."
ޔޫނުސްގެ ސުވާލާއެކު ބަޝީރާގެ ނަޒަރު ހުސްކޮށްލެވުނީ މޫދުގެ ލޮނުގަނޑާ ދިމާއަށެވެ. އެހިސާބުން ބަޝީރާގެ ހަނދާންތައް އެހިސާބަށް ދަތުރުކުރިއެވެ.
*** *** *** *** *** ***
އެކަނިވެރިކަން ދިރިއުޅުމުގައި އިހްސާސްވި ނަމަވެސް އެއިން އެއްވެސް ކަމެއް މީހަކަށް ނުދައްކާވޭތޯ ބަޝީރާ މަސައްކަތް ކުރިއެވެ. މީހަކާ އިނދެގެން އުޅޭތާ އެތައް އަހަރެވެ އޭނާއަށް ދަރިއަކު ނުލިބުމުން އެ ފިރިހެންމީހާ އޭނާ ދޫކޮށްފައި ދިޔައީއެވެ. ދަރިއަކު ލިބުމުން މަހްރޫމްވެފައިވާ ބަޝިރާ އެކަނިވެރިކަމާއެކު ދިރިއުޅެމުން އަންނަތާ އެތައް ދުވަހެއްވީއެވެ. އުމުރުން ފަންސާހުގެ އަހަރުތައް ގުނަމުން ދިޔަ ބަޝީރާގެ އެކަނިވެރި ހަޔާތަށް ހަމަޖެހުމެއް ލިބޭނެ ދުވަހެއް ދެއްވާތޯ އޭނާ ކޮންމެ ވަގުތަކު ނަމާދުކޮށް ދުއާ ކުރެއެވެ. ނަމަވެސް މިއަދު އަނެއްކާވެސް އޭނާގެ ހިތް ރޮއްވާލައިފިއެވެ.
ފަތިސް ނަމާދުން ފައިބެގެން ރަށުތެރެ ކުނިކަހަން އަންހެނުންގެ ކޮމިޓީއާ އެކުވެގެން އޭނާ ނުކުތީ އެ މަސައްކަތް ކޮށްގެންވެސް ކޮންމެވެސް މިންވަރެއްގެ ފައިސާއެއް ލިބޭތީއެވެ. ބަޝީރާ ފައިސާ ހޯދަނީ މިފަދަ އެކި މަސައްކަތް ކޮށްގެންނެވެ. ސްކޫލު ދަށަށް ކުނިކަހަން އެއްވެފައި ތިބި އަންހެންވެރިންގެ ތެރެއިން މަގުގެ އެއްފަރާތެއްގައި ޗުކުޗުކު ތަޅުވަން ތިބި ބަޔަކު ބަޝީރާއޭ ކިޔާފައި ދައްކަމުން ދިޔަ ވާހަކަ އޭނާއަށް އަޑު އިވުނެވެ. އޭނާ އިނދެގެން އުޅުނު މޫސާފުޅު އޭނާ ވަރިކުރީ ދަރިން ނުލިބޭތީ ކަމަށާއި، އޭނާއާ އިންނާނެ މީހަކު ނުވާނެ ކަމަށާއި، އެއީ ސުންޕާ އަންހެނެއް ކަމަށް އެމީހުން ބުނަމުން ދިޔައެވެ. އެވާހަކަތައް އަޑުއަހަން ހުރި ބަޝީރާ އެމީހުންނަށް ދިމާއަށް ރައްދުގައި އެއްޗެއް ނުބުނެއެވެ. އެ ދުވަހުގެ މަސައްކަތް ނިންމާލުމަށްފަހު އިލޮށިފަތި ހިފައިގެން އަތިރި މަަގަށް އޭނާ ނުކުމެލީ އޭނާގެ އެކަނިވެރި ހިތަށް ހަމަޖެހުމެއް ހޯދާށެވެ. ދެލޮލުން އޮހެމުން ދިޔަ ކަރުނަތައް ހިފަހައްޓާކަށް ބަޝީރާ މަސައްކަތެއް ނުކުރެއެވެ. ހިތް ފުރެންދެން ރޯން ހުންނަން އޭނާ ބޭނުންވިއެވެ.
ހޭޅިފަށުގައި ހުރި ގަސްތަކުގެ ކައިރީ ހުއްޓިގެން ހުރި ބަޝިރާއަށް ސިހުމެއްވީ އޭނާގެ ފައިގައި މޫދުފެން ޖެހުމުންނެވެ. ސިހިފައި ފައިދަށަށް ބަލާލުމަށްފަހު އޭނާ ވަށައިގެން ނަޒަރު ހިންގާލިއެވެ. ގެއްލިފައި ހުރި ބަޝީރާއަށް ދިޔަވަރު ބޮޑުވެގެން އޭނާ ހުރި ހިސާބަށް ފެންގަނޑު އައިކަމެއް ނޭނގުނެވެ. ދެން އޭނާއަށް ބަލާލެވުނީ މޫދާ ދިމާލުން ތަފާތު ކަމެއް ފާހަގަ ކުރެވުމުނެނެވެ.
ހިކެމުން ދިޔަ ލޮނުގަނޑުގެ މާދުރުން އުފެދެމުން ދިޔަ ދުންފިނިކަމެއް ހެން ހިވާ ފުސްގަނޑުގެ ތެރެއިން ބަޝީރާގެ ލޮލުގައި އަޅައިގަތީ އުފުލެމުން އައި ބިޔަ ރާޅެވެ. އެ ހުރި ފިޔަވަޅު މަތިން ގުޑިލަންވެސް ނުކެރިފައި އޭނާއަށް ބަލަން ހުރެވުނީއެވެ. އެ ރާޅުގަނޑު އުސްވަމުން އުސްވަމުން ދިހަވަރަކަށް ފޫޓަށް އުފުލުމުން ދެންވާނެގޮތް ބަޝީރާގެ ހިތަށް ނަގައި ގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމަށް ދިޔުމަށް އޭނާ ދުއްވައިގަތީ އަތުގައި އޮތް އިލޮށިފަތި ދޫކޮށްލުމަށްފަހެވެ. ލައިގެން ހުރި ހައުސްކޯޓުގަނޑު އަރުވައި ޖަހައިގެން ހުރެ ރަށުތެރެއަށް އަރާ މަގުތަކުން އެތެރެއަށް ވަދެވުނު އިރު ރާޅު ގޮނޑުދޮށަށް މުގުރާލި އަޑު އިވުނެވެ.
އިވުނު ގަދަ އަޑުފައްގަޑުން ބަޝިރާގެ ހިތުގައި އުފެދުނު ބިރުވެރިކަމާއެކު ފަސް އެނބުރި އެދިމާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ އަޑުގެ ތެރެއިން މީހުން ރޯ އަޑާއި ހަޅޭއްލަވާ އަޑު އިވެމުން ދިޔުމުން ބަޝީރާއަށް ކަންތައް ގޯސްވެއްޖެކަން ދެނެގަންނަން އެނގުނެވެ. ދުންގަނޑެއްހެން ފުސްކޮށް ފެނުނަސް ގަސްތަކުގެ ތެރެއިން ހަލުވި މިނެއްގައި ރާޅުގަނޑު ބިންދާލިތަން އޭނާއަށް ފެނުނެވެ. ބިރުން ވިރޭ ހާލުގައި ހުރި ބަޝިރާއަށް އަޑުންއަޑުނަގާ ރޮއެގަނެވުނެވެ.
ދޮންވެލިގަނޑު މަތިން ފެތުރެމުން ރަށުގެ އެއްގަމަށް އެ ރާޅުގަނޑު އައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ސަލާމަތުގެ އައްސޭރިއަށް ދާން ދުވެފައި ކުރިއަށް ދިޔަ ބަޝީރާއަށް އޭނާ ދާންވީ މިސްރާބެއް ނޭނގުނެވެ. ހިތް އަވަސްވެ މޭގަނޑު ނެގިނެގިފައި ޖެހެމުން ދިޔައިރު އޭނާގެ ސިކުނޑިވަނީ ސުމަކަށް ގޮސްފައެވެ. ދުވަމުން ދިޔަ ބަޝީރާގެ ފިޔަވަޅު މަޑުވަމުން އައިސް އޭނާ އެ ހުރިތަނަށް ހުއްޓުނީ ދެން ހަދާނެގޮތެއް އޭނާގެ ސިކުނޑިއަށް ނާންނާތީއެވެ. ދުއްވައިގަންނަން ވެސް ނޭނގި ހިނދުކޮޅަކު އޭނާއަށް މަޑުކޮށްލެވުނެވެ.
ގޮނޑުދޮށުންނާއި ގޯތިތަކުތެރެއިން ނުކުތް މީހުންތައް އެކި ކޮޅުކޮޅަށް ދުވަން ފެށިއެވެ. ގަބުވެފައި ހުރި ބަޝީރާއަށް ހަމަބިމަށް އާދެވުނީ އޭނާގެ ފަހަތުން އިވުނު ބާރު އަޑުފައްގަނޑަކާ އެކުގައެވެ. ރަފަރަފަލާފައި އިވިގެންދިޔަ ބާރު އަޑުފަށްގަނޑުން އެއީ ވަޑާމުގެ މަސައްކަތް ކުރާ އިސްމާއިލު މެންގޭ ފާރުގައި ލައްކޮށްފައިހުރި ލަކުޑިއާ ފިލާތައް ފައިބައިގެން އަޑުކަން ބަޝީރާއަށް އެނގުނެވެ. ފަޔަށް ލެވުނުހާ ބާރެއްލާ އެއްގަމާ ދިމާލަށް ބަޝީރާ ދުއްވައިގަތީ އެ ލޮނުގަނޑުއި ނުޖެހި ވޭތޯއެވެ.
ރަށުތެރެއަށް ފެތުރިގެން އައި ރާޅުގަނޑުން އުފެދުނު ބޮޑު ރާޅުބާނި މިސްރާބު ޖެހީ ރަށުތެރެއަށެވެ. އަތިރިމަތިން ފެށިގެން ރަށުތެރެއަށް އެ ރާޅު މިސްރާބު ޖެހިއިރު ރާޅު އެ އައި ބާރު މިނުން އެ ހިސާބުގައި ހުރި ގެތަށް މުގުރަމުން ދިޔައެވެ. މުޅި ސަރަހައްދަށް ލޮނުގަނޑު ފެތުރެމުން ދިޔައެވެ. އެސްފިޔަޖާހާލާހާ ހިނދުކޮޅެއްގެ ތެރޭގައި ލޮނުގަނޑުއައިސް ބަޝީރާގެ ހަށިގަނޑުގައި ޖެހުނެވެ.
ރާޅުގެ ބާރު އޮޔާ އެކީ ބަޝީރާގެ ފައި ބިމުގައި ހަރުލާ ފަހަރު މަދެވެ. އޮއި ހުރި ދިމާލަށް ދަމަމުން ދިޔުމުގެ ސަބަބުން އޭނާގެ ހަތަރެސް ފަޔަށް ގެންނަމުން ދިޔަ އެއްވެސް ހަރަކާތަކުން ފައިދާއެއް ނުކުރިއެވެ. ލޮނުގަނޑުތެރޭ އިސްކޮޅުނުޖެހުމުން ހަޅޭއް ލަވަން އަނގަ ހުޅުވާލާ ކޮންމެ ފަހަރަކު އެ ޗަކަ ލޮނުގަނޑު އަނގައަށް އެޅި ފުރިގެން ދެއެވެ. ބިރުން ހިތް ކުދިކުދިވެފައިވާ ހާލުގައި ވެސް އެ ތޫފާނީ ބާރު އޮއިގަނޑުގެ ތެރެއިން ސަލާމަތްވާން ބަޝީރާ ކަނޑިނޭޅި މަސައްކަތް ކުރިއެވެ.
ވަށައިގެން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. މުޅި ރަށަށްވަނީ ރާޅުގަނޑުގެ އަސަރުކޮށްފައެވެ. ދުވަހަކުވެސް މިހާ ބޮޑުކޮށް އުދަ އަރާފައެއް ނުވެއެވެ. އޮއިގަނޑު ތެރޭގައި ހަރުލާ ހުރުމަށް ކޮންމެވެސް އެއްޗެއްގައި ހިފުން އެއީ އެންމެ ބުއްދިވެރިގޮތް ކަމުގައި ބަޝީރާއަށް ވިސްނުނެވެ. ވަށައިގެން އެކި ކަހަލަ ސާމާނުތަކާއި އެކީ އޮއިހުރި ދިމާލަށް އޭނާ ދަމަމުން ދިޔައިރު ލޮނުގަނޑު ވަނީ ކިލަނބުވެފައެވެ.
އޮއާއެކު ދަމަމުން ދިޔަ ބަޝީރާގެ ހަށިގަނޑު ހަރުލީ ކެޔޮފީންޏެއްގެ ތެރޭގައެވެ. ދެއަތުން އެގަހުގެ ފަތްތަކުގައި ހިފާ ބާރުކޮށްލައިގެން އޮތް ބަޝިރާ އޭރު ދިޔައީ އޭނާގެ ދުލަށް އައިހާ ހެޔޮ އެއްޗެއް ކިޔަމުންނެވެ. ލޮނުގަނޑު ތެރެއިން ދުވަސްވީ މީހުންނާ ކުޑަކުދިން އޮޔާ ގެންދާ މަންޒަރު ފެނި ބަޝީރާއަށް ރޮވުނެވެ. ކުޑަކުދިން ކޮނޑަށް ލައިގެން ދާ މީހުން ކުދިންނާއި އެކީ ލޮނުގަނޑު ތެރޭ ގެނބެމުން ދިޔަ މަންޒަރު ފެނުނެވެ. އަންހެންވެރިން ރޮމުން އެއް ކުއްޖާ ކިހިލިޖަހައިގެން އަނެއްކުއްޖާ އަތުގައި ހިފައިގެން ހުއްޓާ އަތުގައި ހިފަހައްޓައިގެން ހުރި ކުދިން ދޫވިތަންވެސް ފެނުނެވެ. ގޯތިތަކުން މީހުން ހަޅޭއްލަވާ އަޑާއި ކުޑަކުދިންގެ ވޭނީ ރުއިމުގެ އަޑުން އޭނާގެ ހިތަށް ފުން އަސަރުތަކެއް ކުރުވަމުން ދިޔައެވެ. ޤިޔާމަތްވަނީ ކަމަށް ކުޑަ ހިނދުކޮޅަކަށް ހީވިއެވެ.
ލޮނުގަނޑުގެ ބާރު ކެނޑި ތިލަވަމުން ދިޔަކަން އެނގުމުން ބަޝީރާ އެލިގަނެގެން އޮތް ކެޔޮގަހުން އަތް ދޫކޮށްލިއެވެ. ތިލަަ ވަމުންދިޔަ ލޮނުގަނޑުތެރެއަށް ބަޝީރާ ވެއްޓުމުން އޭނާ ތެދުވެ ގެއާ ދިމާލަށް މިސްރާބުޖެހީ ދެން ހަދާނެގޮތަކާ މެދު ވިސްނާ ފިކުރު ކުރަމުންނެވެ. އޭނާ ދިރިއުޅޭ ކުޑަ ގެ އޮންނާނެ ގޮތެއް ނުވެސް އިނގެއެވެ. އެ ރަށުގައި ފެންވަރުގައި ހަދާފައިވާ ގެތައް ފުންޑުފުނޑުވެފައިވާ ތަން ބަޝީރާއަށް ފެނުމުން އޭނާގެ ގެ އޮންނާނެ ގޮތް އަންދާޒާ ކޮށްލެވުނެވެ.
ގައިން ނަގަމުން ދިޔަ ތަދުތަކަށް ފަރުވާލެއް ނުބަހައްޓާ ކުރިއަށް ހިނގައިގެން ބަޝިރާގެ ފިޔަވަޅު މަޑުޖެހުނީ އަންހެންކުއްޖެއްގެ ވޭނީ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެ ހުރި ފިޔަވަޅު މަތީ ހުއްޓުމަށްފަހު ވަށައިގެން އޭނާ ހޯދާލީ އެ އަޑު އައި ދިމާ ޔަގީން ކުރާށެވެ. އޭނާ ހަރުލާފައި އޮތް ކެޔޮވަލު ހުރި ދިމާލުން އައި އަޑެއްކަން އެނގުމުން ބަޝީރާ އެ ދިމާއަށް ކައިރިވެލިއެވެ. ކެޔޮފީނި ތެރޭގައި ތާށިވެފައި އޮތް ފުރާވަރުގެ އަންހެން ކުއްޖާ ފެނުމުން ބަޝީރާ ތެޅިގަތެވެ. އޭރު އެ އަންހެން ކުއްޖާގެ ހަށިގަނޑު އެ ޗަކަ ބިމުގެ ތެރެއަށް ގެނބެމުން ދިޔައެވެ. އެހާލުގައި އެކުއްޖާ އެކަނި އެތަނަށް ދޫކޮށްލާފައި ދާކަށް އޭނާއަށް ނުކެރުނެވެ.
އެތައް ހިތްވަރަކާއި މިންނަތް މަސައްކަތަކުން އެ އަންހެން ކުއްޖާ ބަޝީރާއަށް ސަލާމަތްކުރެވުނެވެ. ނަމަވެސް އެކުއްޖާ ހުރި ހާލު ފެނުމުން ބަޝީރާގެ ހިތްކުދިކުދިވިއެވެ. އޭނާ ލައިގެން ހުރި ހެދުންވަނީ ވީދިފައެވެ. ލައިގެން ހުރި ހަރުވާޅުވެސް ނެތެވެ. ގައިގެ އެތަން މިތަނުން ހަން މަށައިގެން ގޮސް ލޭއަންނަމުން ދިޔައެވެ. މަންމާއޭ ކިޔާ އެކުއްޖާ ރޮއެގަތީ އޭނާގެ ގައިގާ އަޅަމުން ދިޔަ ވޭނަށް ކެތް ނުކުރެވިގެން ކަން ބަޝީރާއަށް އެނގުނެވެ. އެ ކުއްޖާއަށް ކިޔަނީ ކޮން ނަމެއްތޯ ބަޝީރާ އަހާލީ ނުހަނު ލޯބިންނެވެ. ނަޒީރާ ކަމަށް ބުނުމުން ބަޝީރާ އޭނާ ދޫނުކުރާނަންކަމަށް ބުނެ ވައުދުވިއެވެ.
ނަޒީރާ ގޮވައިގެން ބަޝީރާ ހިނގައިގަތީ އޭނާގެ ގޯއްޗާ ހަމައަށް އޭނާ ގެންގޮސް ދޭށެވެ. ހިތްވަރު އެލުވާނުލާ ނަޒީރާމެން ގެއާ ދިމާލަށް ފިޔަވަޅު އަވަސް ކޮށްލީ ކަަކުލާ ހަމަޔަށް ހުރި ފެންގަނޑު ތެރެއިން ފައި ދަމަމުންނެވެ. ބަޝީރާގެ ގައިގާ އެލިގެން ނަޒީރާ ހިނގަމުން އައީ ހިތްވަރުންނެވެ. ނަޒީރާގެ ހަށިގަނޑުގައި އަޅަމުން ދިޔަ ވޭނަށް ކުކުރަމުން ދިޔަ އަޑު ބަޝީރާއަށް އިވުމުން އެ ކުއްޖާގެ ބުރަކަށީގައި ފިރުމާލީ އެ ކުއްޖާއަށް ހިމާޔަތުގެ އައްސޭރިއަކަށް ދެވިއްޖެކަން އިހްސާސް ކޮށްދިނުމަށެވެ.
ދެން އިވުނީ ޓިނުގަނޑެއްގެ މައްޗަށް ބޯކޮށް ވާރޭވެހެމުން ދާއިރު ގޮވާ ފާޑު އަޑުފައްގަނޑެކެވެ. ކުއްލިއަކަށް އިވުނު އަޑަށް ސަމާލުކަން ދެމުން ބަޝީރާ ފަސްއެނބުރި ބަލާލިއެވެ. އެ އަޑާއެކު މީހުންތަކެއްގެ ރުއިމުގެ އަޑު ޖައްވުތެރޭގައި ގުގުމާލިއެވެ. ކަމަކުދާކަށްނެތެވެ. ފެންނަމުން މިދާ މަންޒަރުން އެ ދެމީހުންގެ ސިކުނޑި ސުމަކަށް ދިޔައެވެ. އަނެއްކާވެސް ހޭޅިފަށުގައި ހުރި ދިގު ރުއްތަކުގެ މަތިން ބޮޑު ރާޅެއް ރަށުތެރެއަށް ބިންދާލަނީއެވެ.
(ނުނިމޭ)
މި ވާހަކައިގެ ދެވަނަ ބަޔަށް އިންތިޒާރު ކޮށްލައްވާ!