މިދިޔަ 24 ގަޑިއިރު ތެރޭ އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީއަށް ކަމަށް ރާއްޖޭގެެ މޫސުމާއި ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު އައްޑޫ ޗިޓީއަށް ބޯކޮށް ވާރޭ ވެހިފައިވާއިރު ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެ ސިޓީއަށް 52 މިލިމީޓަރުގެ ވާރޭ ވެހިފައި ކަމަށެވެ. އޭގެއިތުރުން މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:30 ން ފެށިގެން ހަވީރު 16:00 އާ ހަމައަށް ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ. މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ސަރަހައްދު ތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް ހަތް މޭލާއި 17 މޭލާއި ދެމެދުގެ ބާރު މިނަށް ވައިގަދަ ވާނެއެވެ.

މެޓް އޮފީހުން މިއަދު ތ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނު އިރު، އެ އިދާރާއިން އިއްޔެ ވަނީ ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ވެސް ވައިޓް އެލާޓް ނެރެފައެވެ.

އެގޮތުން، މެޓް އޮފީހުން ބުނީ އިއްޔެ ހެނދުނު 9:30 އިން ފެށިގެން 15:30 އަށް ފ އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ.