މާންއާއި ޒައިދަށް އެއްފަހަރާ ކަހަލަ ގޮތަކަށް އެ ދޮރާ ދިމާއަށް ބަލާލެވުނެވެ. އެހެން ތިއްބާ ދެން އެތަނަށް ވެރިވި ހަމަހިމޭންކަން ނަގާލީ އެގޭގެ ސިޓިންގް ރޫމްގައި ހުރި ބޮޑު ގަޑިން ރަނގަބީލް ޖަހާލި އަޑެވެ. ބާރަ ފަހަރަ އެ ރަނގަބީލުގެ އަޑު އިވިގެން ދިޔައިރު އެ ގަޑިން ބާރަ ޖެހީކަން އެނގުނީ ޒައިދުގެ ފޯނުން އެ ގަޑިއާ ދިމާއަށް އަލިކޮށްލުމުންނެވެ. ބިރުން ހުރި ޒައިދު އެގެއިން ނުކުންނަން ބޭނުންވެފައި ހުރުމުން މާން ގާތު އަހާލުމެއް ނެތި ގޭގެ މައިދޮރާއްޓާ ދިމާއަށް އެނާގެ ފިޔަވަޅު އަވަސްކޮށްލިއެވެ. ތަޅުގައި ހިފާ އަނބުރާލި ނަމަވެސް އެ ދޮރު ހުޅުވޭ ގޮތެއް ނުވުމުން ދެއަތަށް ލުކި ޖަހަމުން އެ ދޮރު ހުޅުވަން ޒައިދު ކުރި މަސައްކަތް ވީ ބޭކާރެވެ.

ޒައިދުގެ ހަރަކާތްތައް ފެނި މިފަހަރު މާންވެސް ފަސްޖެހޭ ގޮތްވިއެވެ. އެމީހުން އަނެއްކާ އެގޭގަ ތާށިވީ ބާވައޭ ހިތާ މާން ކުރިއަށް ޖެހިލުމަށްފަހު އެ ދޮރު ހުޅުވަން މަސައްކަތް ކުރީ އަތުގައި އޮތް ފޮތް ކިހިލިފަތް ދަށަށް ޖަހާލުމަށްފަހުގައެވެ. ދެ ފިރިހެނުން ގައި ހުރި ބާރެއްލާ ދޮރު ހުޅުވަން މަސައްކަތް ކުރި ނަމަވެސް އެ ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. އެހެން ތިއްބާ ދެން އެމީހުންގެ ކަންފަތުގައި ޖެހުނީ އަންހެނެއްގެ ހަޅޭކުގެ އަޑެވެ. ސިއްސައިގެން ގޮސް ދެމީހުންނަށް ތަޅުން އަތް ދޫކޮށްލެވުނު އިރު މާންގެ ކިހިލިފަތްދަށަށް ޖަހާފައިވާ މަޖައްލާ ވެސް ދޫވެ ބިންމައްޗަށް ވެއްޓުނެވެ.

ޒައިދު ބިރުން ހުރެ އޭނާގެ ފޯނު ކުރިއަށް ދިއްކޮށްލީ ސިޑީއާ ދިމާލުން އެމީހުންނަށް ހިޔަންޏެއް ވީ ހެން ހީވުމުންނެވެ. ކުރިއަށް ފިޔަވަޅެއްވެސް އަޅަން ނުކެރިފައި ހުރި ޒައިދަށް ބެލުމެއް ނެތި މާން ކުރިއަށް ހިނގައިގަތެވެ. ސިޑިއާ ހަމައަށް މާން ދަންދެން ޒައިދު ހުރީ ބަލަހައްޓައިގެންނެވެ. ސިޑިއަށް އަރަން ފުރަތަމަ ހަރުފަތަށް މާންގެ ފިޔަވަޅު އުފުލާލިތަން ބަލަން ހުރި ޒައިދު ދުވެފައި ކަހަލަ ގޮތަކަށް އައިސް މާންގެ އަތުގައި އެލިގަތެވެ. ބޭރަށް ނުކުމެވޭނެ ގޮތެއް ނެތުމުން އެގޭތެރޭގައި މަޑުކުރުން ނޫން ގޮތެއް ނެތެއް ނޫންހޭ ބުނެ ޒައިދު ގޮވައިގެން މާން އެ ސިޑިން މައްޗަށް އަރަން އަވަސްވެގަތެވެ.

ސިޑިން މައްޗަށް އެރުމަށްފަހު ކުރިމައްޗަށް ވާ ގޮތަށް ހުރި ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އެ ދޮރު ހުޅުވޭ ގޮތެއް ނުވުމުން އެ ކޮޓަރިއާ ޖެހިގެން އެއްފަރާތެއްގައި ހުރި އިތުރު ދޮރެއް ފެނުމުން އެ ދިމާއަށް އެ ދެމީހުން އަވަސްވެގަތެވެ. "މިގޭ ހުރިހާ ދޮރަކަށް ކިހިނެއް ވެފަ މިހުރީ... އަހަ... ނަސީބަކުން މިކަން ވެއްޖެ" އެހެން ދޮރުތައް ނުހުޅުވުމުން ޝަކުވާ ކުރަމުން ދިޔަ މާންއަށް އެތަނުގައި ހުރި ދެވަނަ ކޮޓަރީގެ ދޮރު ހުޅުވުމުން މުޅި މީހާ ހިމޭންވިއެވެ.

މަޑުމަޑުން އެ ދޮރު އެއްކޮށް ހުޅުވާލުމަށްފަހު އެތެރެއަށް ދެމީހުން ވަދެ ދޮރު ގާތްކޮށްލިއެވެ. އެއީ ފޮތް ބަހައްޓާފައިވާ ކޮޓަރިއެކެވެ. ފާރުގައި ހަރުކޮށްފައިވާ ފޮތް ހަރުތަކުގެ ފުރާ އެކި ކަހަލަ ވާހަކަފޮތްތައް ބަހައްޓާފައި ހުރި އިރު އެ ކޮޓަރި ވައްތަރީ ކުޑަވަރެއްގެ ކުތުބްޚާނާއަކާއެވެ. އެ ހަރުތަކުގެ ކައިރިއަށް މާން ގާތްވެލިއެވެ. މިރޭ މިހިސާބުން ކަންތަކާ ލައިގަތީކަން ޒައިދަށް އެނގުނީ އެތަނުގައި ހުރި ވާހަކަ ފޮތްތައް ފެނުމުންނެވެ. ދިވެހި ވާހަކަ ކިޔަން ފޯރި ހުންނަ މާން އެތަނުގައި ހުރި ފޮތްތައް ބަލަން ޝައުގުވެރިވިއެވެ. ޖެހިލި ވައިރޯޅިއެއްގެ ސަބަބުން އެ ފޮތްތަކުގައި ހަރުލާފައިވާ ހިރަފުސްތައް ބުރައިގެން ދިޔުމުން މޫނުމައްޗަށް ގޮތެއް ހަނދާލަމުން މާން ކިނބިއްސެއް އަޅާލީ އޭނާގެ ނޭފަތަށް އުނދަގޫ ވުމުންނެވެ. އެއަށް ފަހު އެއްފަރާތަކަށް މާން އެނބުރިލީ އެ ވައިރޯޅި އައި ދިމާލެއް ޔަގީން ކުރާށެވެ.

އެ ކޮޓަރިން ނުކުމެވެން ހުރި ބެލްކަނީގެ ދޮރު ހުރީ ނުލެއްޕިއެވެ. އެހެންކަމުން އެ ދޮރުން އެތެރެއަށް ވަތް ވައިރޯޅިއެއް ކަން އެނގި މާންގެ ފިޔަވަޅު އެދިމާއަށް އަވަސްކޮށްލިއެވެ. އޭރު ޒައިދު އުޅުނީ އޭނާގެ ކެމެރާއިން އެ ކޮޓަރީގައިވާ ފޮތް ރެކުތަކާއި އެހެނިހެން ތަންތަން ފޮޓޯ ނަގާށެވެ.

ބެލްކަންޏަށް ނުކުމެ މާން ރެއިލިން ދަގަނޑު ގަނޑުގައި އަތް ވިއްދާލަމުން ބޭރު ބަލާލިއެވެ. ވަށައިގެން ހެދިފައިވާ ގަސްތައް ގިނަވެފައި އެ ސަރަހައްދުގައި ހުރި ގެތައް މަދުކަން އޭނާއަށް ފާހަގަވިއެވެ. އޭގެތެރެއިންވެސް އެންމެ ގާތުން ފެންނަންހުރި ގެތަކުގެ އެއްވެސް އަލިކަމެއް ނެތް ކަން އޭނާއަށް އެނގުުން އެހިސާބުގެ ފަޅުކަން އޭނާއަށް އިހްސާސްކުރެވުނެވެ. އެ މަންޒަރު ބަލަން ގެއްލިފައި ހުރި މާނަށް އޭނާގެ އެއްފަރާތުން މީހަކު ހުރަސްކުރި ކަހަލަ އިސްސާސެއް ވުމުން އެދިމާއަށް އޭނާ ބަލާލީ ޖެހިލުންވެފައި ހުރެއެވެ. މާންއަށް ފެނުނު މަންޒަރުން އޭނާއަށް ދެބުމަ ގޮށްޖަހާލެވުނެވެ. އޭނާ ހުރި ބެލްކަންޏާ ޖެހިގެން ކަހަލަ ގޮތަކަށް ހުރި ބެލްކަންޏާ ދިމާއަށް ދެލޯ ބޮޑުކޮށްގެން އޭނާ ބަލަން ހުރީ ބިރެއް ފެނިގެން ހުންނަ ކަހަލަ ގޮތަކަށެވެ.

ހުދު ކުލައިގެ ނައިޓީއެއް ލައިގެން ހުރި އަންހެންމީހާގެ އިސްތަށިގަނޑު ވަނީ ހާވާލާފައެވެ. އޭނާ ބެލްކަނީގެ ރެއިލްންގްގައި އަތްވިއްދާލައިގެން ހުރީ މާން ހުއްޓިގެން ހުރިހެން ބޭރު ބަލާށެވެ. ވަޔާ އެކުވެ އޭނާގެ ދިގު އިސްތަށިގަނޑު ނަށަމުން ދިޔައެވެ. ފަހަތަށް މާން ފިޔަވަޅު އަޅަން ފެށީ އޭނާއަށް މިރޭ ދިމާވި އުމުރުން ދުވަސްވީ މީހާ ބުނި ޖުމްލަތައް ކަންފަތް ދޮށުގައި ގުގުމާލުމުންނެވެ. އޭރު މާންގެ ނިތްކުރިމަތިން ދާ ތިކިތިކި ފާޅުވާން ފަށައިފިއެވެ.

އެ އަންހެން މީހާ މާންއާ ފުރަގަސްދީ ހިނގައިގަތީ އެ ބެލްކަނީގައި ހުރި ވަށް މޭޒާ ދިމާއަށެވެ. އެއަށް ފަހު އެތާ އިށީނުމަށްފަހު މޭޒުމަތީ އޮތް ފޮތެއް ހުޅުވާލުމަށްފަހު އޭގައި އޭނާ ލިޔަން ފެށިއެވެ. މާން ލައިގެން ހުރި ޖިންސުގެ ޖީބަށް އަތް މަހާލުމަށްފަހު ފޯނު ނަގާ އޭނާއަށް ފެންނަމުންދާ މަންޒަރު ރެކޯޑުކުރަން މަސައްކަތް ކުރިއެވެ. އޭނާގެ މޫނު ސާފުކޮށް ނުފެނުނަސް އެ ފެންނަ އަންހެން މީހާ ވައްތަރީ ޝިފާޒާއާ ކަން މާންއަށް އެނގުނެވެ. ފޯނުގެ ސްކްރީނަށް ބަލާލި ވަގުތު މާންގެ މުޅިގައިން ހީބިހި ނަގައިގެން ދިޔައެވެ. މާންގެ ހަމަލޮލުން ފެންނަމުން ދިޔަ މަންޒަރު އޭނާގެ ފޯނުގެ ސްކްރީނަކުން ނުފެނެއެވެ.

ދެން މާން އަށް ފާހަގަކުރެވުނީ ކުއްލިއަކަށް އުޑުމަތި ބަނަކޮށްލުމަށްފަހު ގުގުރާލުމާ އެކީ ބޯކޮށް ވާރޭ އޮއްސާލިކަމެވެ. ކޮޓަރިތެރެއަށް ވަންނަން ދިއުމުގެ ކުރިން އަނެއް ބެލްކަނީގައި އިން އަންހެން މީހާ ހަދާގޮތެއް ބަލާލަން މާން މަޑުކޮށްލިއެވެ. އެ އަންހެން މީހާ ލިޔަން އިން ފޮތް ލައްޕާލުމަށްފަހު އެ ކޮޓަރިއަށް ވަންނަން އަވަސްވެގަތެވެ. ތެތްވެފައިވާ ބޮލުގެ އިސްތަށިގަނޑުގައި އަތް ހާކާލަމުން މާން އައިސް ހުއްޓުނީ ފޮޓޯ ނެގުމައިގެން އަވަދިނެތި ހުރި ޒައިދު ކައިރިއަށެވެ. ދެންމެ މާންއަށް ބެލްކަނިން ފެނުނު ކަންތައްތައް ޒައިދަށް ކިޔައިދިނުމުން އޭނާ އެ ކޮޓަރީގައިވާ ބެލްކަންޏަށް ނުކުމެ ދެން ހުރި ބެލްކަންޏާ ދިމާއަށް ބަލާލީއެވެ. އެ ބެލްކަންޏަށް ކޮޓަރިތެރެއިން އޮރެންޖް އަލިކަމެއްގެ ދަޅަ އެޅިފައި ހުރިތަން ޒައިދަށް ފެނުމުން ތެޅިގަތެވެ.

"ކާކު އެތާ އެއުޅެނީ... އޭ... އެމީހާ ބުނި ދޯ މިރޭ މީ ވަރަށް ފޯރިގަދަވާނެ ރެޔެކޭ... އެއީ ކަންނޭނގެ ޝިފާޒާ ކޮޓަރިއަކީ..." ކޮޓަރިއަށް ވަދެ ހަމަޖެހެން މަސައްކަތް ކުރަމުން ޒައިދު ދެކޮޅަށް ހިނގަން ފެށީ އޭނާގެ ހިތަށާއި ސިކުނޑިއަށް ހަމަޖެހުމެއް ހޯދޭތޯއެވެ.

ވާން އުޅެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭ ހާލުގައި ތިބި ދެމީހުންގެ ސަމާލުކަން ހުއްޓުނީ އެވަގުތު އެމީހުންނަށް އިވިގެން ދިޔަ ތޫލި ހަޅޭކުގެ އަޑަށެވެ. އެއީ އަންހެނެއްގެ ހަޅޭއްކުގެ އަޑުކަން އެމީހުންނަށް ޔަގީނެވެ. ނޭވާ ހިފަހައްޓާލައިގެން އިތުރު އަޑެއް އިވޭތޯ ދެމީހުން ގުޑިވެސް ނުލާ އެ ތިބި ފިޔަވަޅުމަތީ ތިބީއެވެ. ދެން އިވެން ފެށީ ދޮރެއް ހުޅުވުނު އަޑާއެކު މީހެއްގެ ފިޔަވަޅުތަކުގެ އަޑެވެ. ދޮރާ ދިމާއަށް ދެމީހުންނަށް އެއްފަހަރާ ކަހަލަ ގޮތަކަށް ބަލާލެވުނެވެ. އަޑެއްވެސް ލައްވާ ނުލާ ދެމީހުން ގޮސް އެ ކޮޓަރީގެ ދޮރުގެ ހުޅުވިފައިވާ ހަނި ދޭތެރެއިން ބޭރުބަލަން މަސައްކަތް ކުރިއެވެ.

ސިޑީގެ އަތްގަނޑުގައި އެއްއަތުން ބާރަށް ހިފަހައްޓާލައިގެން އަނެއް އަތުން އުއްބައްތި ހިފައިގެން ހުރެ އަނދިރިކޮށް އޮތް ސިޑިމަތިން ފައިބަމުން ދިޔަ ޝިފާޒާ ފެނުމުން މާން ދެލޯ ބޮޑުކޮށްލިއެވެ. ދިގު ނިދާހެދުމުގައި ހުރި ޝިފާޒާ އަކީ ރީތި އަންހެނެކެވެ. ސިޑިކައިރި ތިރީގައިވާ ފުން އަނދިރިކަމުގެ ތެރެއަށް ޝިފާޒާ ބަލާލީ ބިރުން ހުރެހެން މާންއަށް ހީވިއެވެ. ނަމަވެސް އެމީހުން ކޮޓަރިން ނުނިކުމެ މަޑުކޮށްގެން ތިބީ އޭނާ ސިޑިން ތިރިއަށް ވަކި ހިސާބަކަށް ފައިބަން ދެނެވެ.

ގުދުވެފައި ޝިފާޒާ ތިރިއަށް ބަލަމުން ދިޔައީ ކޮންމެވެސް އެއްޗެއް ހޯދަން ހެން ހީވާ ކަހަލައެވެ. ލަސްލަހުން ހަރުފަތްތަކުން އޭނާ ފައިބަން ފެށުމުން މާންއާ ޒައިދު މަޑުމަަޑުން ކޮޓަރިން ނުކުމެ ޝިފާޒާގެ ފަހަތުން ދާން ހިނގައިގަތެވެ. ސިޑިން ފޭބުމަށްފަހު އޭނާ ގޭތެރެއިން އެތެރެއަށް ދެވެން އިން އަނދިރިކޮށް އޮތް ގޯޅީގެ ތެރެއަށް ވަންނަން ދާން ފެށުމުން މާންއާ ޒައިދު ސިޑިން ތިރިއަށް ފޭބިއެވެ. އަދި ޝިފާޒާއަށް ނުފެންނާނެ ހެން މަންޒަރު ބަލަން އެއްފަރާތެއްގައި ހުރި ތަނބެއްގެ ނިވަލަށް ދެމީހުން ވަދެ ތިބީ ބިރުގެންފައި ހުރިލެއް ބޮޑުކަމުންނެވެ.

ކަރަންޓު ބޯޑާ ހަމައަށް ދެވުމުން އުއްބަތިން އަލިކޮށް ބަލާލުމަށްފަހު ޑީ ބޯޑުގެ މަތި ހުޅުވާލާ އޭގެތެރެއަށް އޭނާ އަލިކޮށްލިއެވެ. ކުރިއަށް ދިއްކޮށްލި އަތުގެ ދެއިނގިލި ކުރިން ޑީ ބޯޑުގެ މެއިން ބްރޭކަރުގެ ކުޑަކުޑަ ސްވިޗްގައި ހިފާ ހިއްލާލުމާއެކު މުޅިތަނަށް އަލިވެގެން ދިޔައެވެ. އެތަނަށް ވެރިވި އަލިކަމުން މިފަހަރު ހިތަށް ނުތަނަވަސްކަމެއް ލިބުނީ މާން މެންނަށެވެ. އެއީ އަނދިރި ކޮށް އޮތް ނަމަ ޝިފާޒާއަށް ފިލައިގެން އުޅެން އެމީހުންނަށް ފަސޭހާ ވާނެތީއެވެ. ޝިފާޒާ އެމީހުން ތިބި ދިމާއަށް ހިނގައިގަތް ކަން އެނގުމުން ޒައިދު ހިންދިރުވާލިއެވެ. އެވަގުތު ސިޓިންގް ރޫމުގައިވާ ބޮކިތައް ދެތިން ފަހަރަކު ފިޔަ ޖަހާލުމަށްފަހު އަނދައިގެން ދިޔައީ ބިއްލޫރިތަކެއް ފުނޑުފުނޑުވި ކަހަލަ އަޑަކާ އެކުގައެވެ. އެވަގުތު ބާރުވަޔާ އެކު ސިޓިންގް ރޫމްގައި ހުރި ދޮރުތައް ހުޅުވިގެން ދިޔައެވެ. ހަމައެއާއެކު އެތެރެއަށް ޖެހިލި ވައިރޯޅިން ޝިފާޒާގެ އަތުގައި އިން އުއްބައްތީގެ ހުޅުކޮޅުނިވި މުޅިތަނަށް އަނދިރިކަން ވެރިވިއެވެ.

ބަލާކަށް ނުހުރެ ޝިފާޒާ އަވަސްވެގަތީ ސިޑިން މައްޗަށް އަރާށެވެ. މާންމެން ތިބި ދިމާލުން ހުރަސްކޮށްފައި ދިޔައިރު ޝިފާޒާއަކަށް އެމީހުން ތިބިތަނެއް ނުފެނުނެވެ. އެމީހުންގެ ހިތަށް ހަމަޖެހުމެއް ލިބުނު ނަމަވެސް އަވަސް ފިޔަވަޅުތަކެއްގައި ސިޑިން މައްޗަށް އަރަމުން ދިޔަ ޝިފާޒާގެ ފިޔަވަޅު ސިޑީގެ މެދެއްހާ ހިސާބުން ހުއްޓުމުން ހައިރާންކަމެއް ލިބުނެވެ. އެވަގުތު ކުޑަކުއްޖަކު ރޮއެގަތް ކަހަލަ އަޑެއް އެމީހުންނާ ވަރަށް ގާތުން އިވިގެން ދިޔައެވެ. ހަޅޭއްލަވައިގަންނަން އުޅުނު ޒައިދުގެ އަނގަމަތީގައި މާން ހިފެހެއްޓިއެވެ. އޭރު ޝިފާޒާ މަޑުމަޑުން ހަރުފަތްތަކުން ތިރިއަށް ފޭބީ ވަށައިގެން ހޯދަމުންނެވެ.

ވިދާލި ވިދުވަރާ އެކު ސިޓިންގް ރޫމަށް ވެރިވި އަލިކަމުގެ ތެރެއިން ހަތަރުމޮށްގަނޑު ޖަހައިގެން އޮތް އެތި ފެނި މާންއަށް ސިހުމެއް ލިބުނެވެ. އޭތި އޮތީ ފޫ ދިއްކޮށްގެން ބޯ ގުދުކޮށްލައިގެން ސީދާ ސިޑިއާ ދިމާއަށް ބަލާށެވެ. ސިޑިން ފައިބަމުން ދިޔަ ޝިފާޒާގެ ލޮލުގައި އެއްޗެއް އަޅައިގަތުމުން އަވަހަށް މައްޗަށް އަރަން ދުއްވައިގަތެވެ. އެވަގުތު ތިރީގައި އޮތް ޖަނަވާރު ފުންމާފައި ގޮސް ޝިފާޒާގެ ބުރަކަށީގައި ޖެހިގަތެވެ. ސިއްސައިގެން ދިޔަ ޝިފާޒާގެ ފައި ކައްސާލައިގެން ސިޑިން ތިރިއަށް ވެއްޓުނު އިރު އޭނާ ދިޔައީ އަޑުގެ ނެތްތަނަށް ހަޅޭއް ލަވަމުންނެވެ.

ސިޑީގެ ހަރުފަތްތަކުގެ ތެޅެމުން ކަހަލަ ގޮތަކަށް ތިރިއަށް އައި ޝިފާޒާ އެ ސީޑީގެ އެންމެ ތިރިއަށް އިން ދެ ތިން ހަރުފަތުގައި ނުޖެހި އައިސް ބިންމައްޗަށް ޖެހުނެވެ. ޝިފާޒާ ޖެހިފައި އޮތް ގޮތުން މާންގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. ބޯކޮޅު ވަތަށް އައިސް ވެއްޓުނު ގޮތަށް ޝިފާޒާ އޮތީ ކަނދުރާވެސް އެއްފަރާތަކަށް ދަމައިގެންފައި ކަހަލަ ގޮތަކަށެވެ. އޭނާގެ އެއް އަތް ގައިދަށުވެފައިވާ އިރު ފައިވެސް އޮތީ އެއް އަތަކަށް އެނބުރިފައެވެ. ކުރިއަށް ފިޔަވަޅެއް އަޅަން އުޅުނު މާންގެ އަތުގައި ޒައިދު ހިފެހެއްޓުމުން ދެ ބުމަ ގޮށްޖަހާލަމުން ޒައިދާ ދިމާއަށް މާން ބަލާލިއެވެ. އެ ވަގުތު ޒައިދު ޝިފާޒާ އޮތް ދިމާއަށް އިޝަރާތްކޮށްލަމުން މޫނަށް ޖައްސާލި ވައްތަރަކުން އޭނާ އެހުރީ ބިރުން ހަލާކުވެފައިކަން އެނގުނެވެ. މާން ފަސްއެނބުރި ބަލާލިއިރު އެތަނަށް ގުޅަވަރަކަށް ޖެހިފައި އޮތް ޝިފާޒާ ކަނދުރާގައި އަތް ހާކަމުން ތެދުވަނީއެވެ. އޭނާއަށް އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަހަލައެވެ.

ތެދުވި ގޮތަށް ޝިފާޒާ ބަލާލީ ސިޑިން މައްޗަށެވެ. އެހެން ހުރުމަށްފަހު ދެން އޭނާ ކޮރެއް ޖަހަމުން ކަހަލަ ގޮތަކަށް އެގެއިން ނުކުމެވެން ހުރި ދޮރާ ދިމާއަށް އަވަސްވެގަތެވެ. ދޮރުގެ ތަޅުގައި ހިފާ ތަޅުވަމުން ޝިފާޒާ އެދޮރު ހުޅުވަން މަސައްކަތް ކުރިއެވެ. ނަމަވެސް ދޮރު ހުޅުވޭ ގޮތެއް ނުވިއެވެ. އެ ދޮރު ނުހުޅުވިގެން ރުޅިއައިސްގެން ދޮރުގައި ޝިފާޒާ މުށްކަވާފައި ޖަހާލިއެވެ. އެވަގުތު އޭނާގެ ފައިދަށުގައި އެއްޗެއް އޮތް ކަން އިހްސާސް ވުމުން އޭނާ ތިރިއަށް ބަލާލީ ހައިރާން ކަމާއެކުގައެވެ.

ބިންމަތީގައި އޮތް މަޖައްލާ ނެގުމަށްފަހު ފަރުވާތެރިކަމާއެކު އޭގެ ބޭރުގަނޑުގައިވާ ފޮޓޯއަށް އޭނާ ބަލާލިއެވެ. އެއީ ޝިފާޒާ ދިރިއުޅޭ ގޭގެ ފޮޓޯއެއް ޖަހާފައިވާ މަޖައްލާއެއްކަމުން އޭނާ ހައިރާންވިއެވެ. އެ ފޮތް ހުޅުވާލުމަށްފަހު ޝިފާޒާ އޭގާއި ލިޔެފައިވާ އާޓިކަލް ކިޔާލަން އަވަސްވެގަތެވެ.

"1996 ވަނަ އަހަރުގެ ޖެނުއަރީ 21 ވަނަ ދުވަހު މަޝްހޫރު ވާހަކަ ލިޔުންތެރިޔާ އާމިނަތު ޝިފާޒާ މަރުވެފައި އޮތްވާ ފެނުނު މިގެއަކީ ރޫހާނީ އެތައް ކަމެއް ފެންނަ 'ހޮންޓަޑް ހައުސް' އެކެވެ. ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ 21 ވަނަ ދުވަހަކީ އެރަށަށް ގުގުރުމާއެކު ބޯކޮށް ވިއްސާރަކުރާ ރެއެކެވެ. އެހެން ދުވަސްތަކުގައި އެ ގެއިން އަޑުއަޑު އިވުނަަސް ޖެނުއަރީ 21 ވަނަ ދުވަހު ޝިފާޒާގެ ކޮޓަރި ހުންނަ ބެލްކަނިން ބޯ ހާވާލައިގެން ހުންނަ އަންހެނަކު ފެންނަ ކަމަށް ވެއެވެ. 1996 ވަނަ އަހަރު ޝިފާޒާ މަރުވެފައި އޮތްވާ ފެނުނީ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރަށް ގޮސްހުރި އޭނާގެ ފިރިމީހާ އެނބުރި އައުމުންނެވެ. ޝިފާޒާ މަރުވެފައި ވާ ކަމަށް ބެލެވެނީ ސިޑިން ވެއްޓިގެން ކަމަށް އޭރުގެ ގިނަ ނޫސްތަކެއްގައި ޝާއިއުކޮށްފައި ވެއެވެ. އަދި ޝިފާޒާ އަށް ލިބިފައިވާ ޒަހަމްތަކުގެ ތެރޭގާއި އޭނާގެ ކަނދުރާ ބިދިފައިވާއިރު މޭކަށިގަނޑުގެ ބައެއް ކަށިތަކާއި އެއް އަތާއި އެއްފައިވެސް ވަނީ ބިންދައިގެން ގޮސްފައެވެ."

ޝިފާޒާ ކިޔަން އިން މަޖައްލާ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުމާއެކު އެ ގޭގެ މައިދޮރާ އެކު ވަށައިގެންވާ ހުރިހާ ކުޑަދޮރުތަކެއް އެއްފަހަރާ ކަހަލަ ގޮތަަކަށް ހުޅުވިގެން ދިޔައެވެ. އެ ދޮރުތަކުން އެތެރެއަށް ވައި ޖެހެމުން ދިޔައިރު ވަޔާއެކުވެ ގޯތިތެރޭގައިވާ ހިކިފަތާއި ކުނިބުނިތައް އެގޭތެރެއަށް ވައްދަމުން ދިޔައެވެ. ބައުވެފައިވާ ދޮރުފޮތިތައްވެސް ވަޔާ އެކުވެ ނަށަމުން ދިޔައެވެ. ގޭގެ މައިދޮރާ ދިމާއަށް އެނބުރިލުމަށްފަހު އޭނާ އެގެއިން ނުކުމެގެން ދިއުމަށް އަވަސްވެގަތެވެ.

ޝިފާޒާ ގެއިން ނުކުމެގެން ދަންދެން މާންއާއި ޒައިދު ދުރުގައި ބަލަން މަޑުކޮށްގެން ތިއްބެވެ. އެއަށްފަހު ބިންމަތީ އޮތް މަޖައްލާ ހިފައިގެން އެމީހުންވެސް އެގެއިން ނުކުތެވެ. ޝިފާޒާގެ މިސްރާބު ހުރި ދިމާއަށް މާން ހުރީ ކެތްމަދުވެފައެވެ. އެގެއާ މާދުރުނޫން ހިސާބެއްގައި ހުރި ގަބުރުސްތާނަށް ޝިފާޒާ ވަތްތަން ފެނުމުން ޒައިދު އެތަނަށް ނުވަންނާނަމޭ ކިޔާ ބޮޑާހާކަން ފެށިއެވެ. އޭރު ޒައިދުގެ ފައި ބިންމަތީ ހަރުލަނީ ހަމަ ކިރިޔާއެވެ. ދެމީހުން ގަބުރުސްތާނަށް ވަނުމާ މެދުގައި މަޝްވަރާކޮށްކޮށް ތިއްބާ އެތެރެއަށް ވަތް ޝިފާޒާ ވަކި ހިސާބަކަށް ގޮސް މަޑުޖެހުނުތަން މާންއަށް ފެނުނެވެ. ތިރިކޮށް ވަށާފާރުލާފައިވުމުން ބޭރުގައި ތިބި މާންއާ ޒައިދަށް ވަރަށް ސާފުކޮށް އެތެރެ ފެނެއެވެ.

މާން ކުރިއަށް ހިނގައިގަތީ ޒައިދުއަށް ބެލުމެއް ނެތިއެވެ. ގަބުރުސްތާނުގެ ތެރެއަށް މާން ވަންނަން ވާއިރަށް ޝިފާޒާގެ ހަށިގަނޑު ދުންފިނި ކޮޅަކަށް ބަދަލުވެ ވަޔާ އެކުވެ ފަޒާގެ ތެރެއަށް ފުރޭނިގެން ދިޔަތަން އޭނާއަށް ފެނުނެވެ. ފަޔަށް ލެވުނު ބާރެއްލާ ޝިފާޒާ ހުއްޓިގެން ހުރި ދިމާއަށް ދާން މާން ދުއްވައިގަތެވެ. އެހިސާބަށް ގޮސް އޭނާއަށް ގެއްލުނު ޝިފާޒާ ފެނޭތޯ ވަށައިގެން ހޯދާލިއެވެ. އޭރު މާންއަށް ހުރެވުނީ ޝިފާޒާގެ މަހާނަ ކުރިމަތީގައެވެ. ފޯނުން އަލިކޮށްލަމުން އެ މާހަނައިގައިވާ ލިޔުން އޭނާ ކިޔާލިއެވެ. "އާމިނަތު ޝިފާޒާ، 1975 – 1996"

*** *** *** *** *** ***

ޖޯލިފައްޗެއްގައި އޮށޯވެގެން އޮތް މާންއަށް ހޭލެވުނީ އޭނާއަށް ބިރުވެރި ހުވަފެނެއް ފެނުމުގެ ސަބަބުންނެވެ. ހޭލެވުމާއެކީ އޭނާގެ އަތުގައި އަޅާފައިވާ ގަޑިއަށް ބަލާލެވުނީ ގަޑިން ވީ އިރެއް ޔަގީންކޮށްލުމުގެ ބޭނުމުގައެވެ. ދަންވަރު ބާރަޖަހަން ދެން މާ ގިނަ ވަގުތެއް ނެތް ކަން އެނގުމުން މާން އޮތްތަނުން ތެދުވެ އަނގައިގެ އެއްމިޔަކަނުން ފައިބާފައިވާ ސޮނިތައް ލައިގެން ހުރި ޓީޝާޓުގެ އަތުކުރިން ފޮހެލިއެވެ. އަތުގައި އޮތް މަޖައްލާއަށް ބަލާލުމަށްފަހު އޭނާ ފިޔަވަޅު އަވަސްކޮށްލީ ބާރަޖެހުމުގެ ކުރިން އެ ރަށުގައި ހުންނަ 'ހޮންޓަޑް ހައުސް' އަށް ވަންނާށެވެ.

އެގެއާ ހަމައަށް ދެވުމުން މާން ޖެހިލުންވި ނަމަވެސް މިދިޔަ އަހަރު އޭނާ ޒައިދުއާ އެކު އެގެއަށް އައި ކުރި އިހްސާސް ނުކުރާކަށް އޭނާއަށް ފާހަގަވިއެވެ. ގޭގެ މައިދޮރުން އެތެރެ ވުމާއެކު ބޭރުދޮރު ބަންލާފައި ލެއްޕޭނެ ވަގުތެއްގެ އިންތިޒާރުގައި މާން ހުއްޓާ އެގޭގެ ސިޓިންގް ރޫމުގައި ހުރި ބޮޑު ގަނޑިން ރަނގަބީލު ޖަހާލިއަޑު އިވުނެވެ. ހައިރާންވެފައި ހުރެ މާން ސިޑިން މައްޗަށް އަރަން އަވަސްވެގަތީ މިރެއަކީ 21 ޖެނުއަރީ ކަމަށް ވެފައި އެގޭތެރެއިން މިރޭ ފެންނާނެ ކަންތަކާ ދޭތެރޭ ވިސްނާލަމުންނެވެ.

ސިޑިން މައްޗަށް އަރާ ފޮތްތައް ބަހައްޓާފައި ހުރި ކޮޓަރިއަށް ވަންނަން މާން ހިނގައިގަތް ވަގުތު ޝިފާޒާގެ ކޮޓަރީގެ ދޮރު ހުޅުވިފައި ހުރިތަން ފެނި އޭނާގެ ހިޔާލު ބަދަލުވެގެން ދިޔައެވެ. އޭނާ އެކޮޓަރިއަށް ވަދެ ވަށައިގެން ހޯދާލިއެވެ. މަޑު މުށިކުލައިގެ ފަރުނީޗަރުތަކުގައި ވަނީ ހުސް ހިރަފުހެވެ. އެކި ހިސާބުތަކުގައި މަކުނުވާ ފުރާފައިވާއިރު އެތަނުގައި ނާމާން ކަމެއް އޭނާއަށް ފާހަގަވިއެވެ. ކޮޓަރި ތެރެއަށް ނަޒަރު ހިންގާލި މާންއަށް ޑްރެސިންގް ޓޭބަލްމަތީ ހިރަފުހުން ތަތްތެޅިފައި އޮތް ފޮތް ފެނުމުން އެ ފޮތް ނަގަން އަވަސްވެގަތެވެ. ފޮތް ހިފައިގެން މާން ނުކުތީ އެކޮޓަރިން ނުކުމެވެން ހުރި ބެލްކަންޏަށެވެ.

ބެލްކަނީގައި ހުރި ވަށް މޭޒުގައި ޖައްސާލުމަށްފަހު އޭނާ އެ ފޮތް ހުޅުވާ ކިޔަން ފެށިއެވެ. ހަނދުވަރުގެ އަލިކަން ފެތުރިފައިވާތީ އެ ތަނުގައި ހުރެ އެ ފޮތް ކިޔާލެވޭ ވަރުގެ އަލިކަމެއް ލިބެން ހުއްޓެވެ. ކޮންމެ ޝަފްހާއެއްގައިވެސް ތާރީހް ޖަހާލުމަށްފަހު ލިޔެފައިވަނީ އޭނާއަށް އެކިފަހަރުމަތިން ފެނިފައިވާ ބިރުވެރި ހުވަފެންތަކެވެ. މިވީހާ ތަނަށް ޝިފާޒާ ލިޔެ ޗާޕްކޮށްފައިވާ ހުރިހާ ވާހަކަފޮތެއް ކިޔާފައިވާ މާންއަށް އެ ޑައިރީއިން ފެނުނު ބައެއް ހުވަފެންތައް އެ ވާހަކަތަކުން ކިޔިފައިވާކަން ހަނދާންވިއެވެ. ދެން މާން ހުޅުވާލި ސްފްހާގައި ޖަހާފައިވާ ތާރީހަކީ 21 ޖެނުއަރީ 1996 އެކެވެ. އޭގައި އޭނާ ލިޔެފައިވާ ބައި ކިޔަމުން ދިޔަ މާންގެ ދެލޯ ބޮޑުވިއެވެ. އޭގައި ލިޔެފައިވާ ލިޔުން ކިޔާލި އިރު މިދިޔަ އަހަރު ޝިފާޒާގެ ރޫހު މަރުވި ގޮތް އެފޮތުގައި ސިފަކޮށްދީފައި އޮތުމުން އޭނާއަށް ހައިރާން ކަމެއް ލިބުނެވެ. އެއަށްފަހު މާން އެގަނޑު އުކާލިއެވެ. އޭނާއަށް ދެންވެސް ލިބުނީ އިތުރު ހައިރާންކަމެކެވެ. ކޮންމެ ގަނޑެއްގައި އެއް ތާރީހެއް ޖަހާފައި އޭނާ އެއް ކަމެއް ތަކުރާރުކޮށް ލިޔެފައި ހުއްޓެވެ. ޖުމްލަ 24 ފަހަރު އެއް ހުވަފެނެއް ލިޔެފައިވާ އިރު މަތީގައި ޖަހާފައިވާ ތާރީހަކަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އެ ލިޔުމަށް ބަލާލިއަސް ހީވަނީ ފޮޓޯ ކޮޕީ ހައްދާފައިވާ ހެންނެވެ.

އިރުއެރުމުގެ ކުލަވަރު ދައްކާލިކަން މާންއަށް ނަގައިގަނެވުނީ ފުދޭވަރަކަށް އެތަނަށް އަލިވުމުންނެވެ. އޭރު މާންއަށް އެ ވީ ގޮތް ރަނގަޅަށް ނަގައިގަންނަން އެނގުނެވެ. އެ ޑައިރީ ހިފައިގެން ބެލްކަނީގެ ރޭލިންގާ ހަމައަށް ގޮސް ބޭރު ބަލާލިއެވެ. މިދިޔަ އަހަރާއި މިހާރާއި އަޅާ ބަލާއިރު އެގޭގެ ގޯތިތެރެއިން ތަފާތު ކަމެއް އޭނާއަށް ފާހަގަވިއެވެ. ފަތްތައް ފައިބާފައިވާ ގަސްތަކުގައި ކުރިފަޅައިގެން ބައެއް ފަތްތައް ނުކުމެފައިވާއިރު ބިންމަތީގައި ހެދިފައިވާ ވިނަތަކުގައި ފެހިކުލަ ޖެހިފައި ވެއެވެ. ބައެއް ގަސްތަކުން މާ ނުކުމެފައިވާ އިރު އެ ގޯތިތެރެ ސިފަކުރެވުނީ ރީތިި ބަގީޗާއެއް ހެންނެވެ.

މާންގެ ޖީބަށް ޖަހާފައިވާ ގަލަން ނެގުމަށްފަހު އޭނާގެ އަތުގައި އޮތް ޝިފާޒާގެ ޑައިރީއިން ހުސް ސަފްހާއަކަށް ހުޅުވާލިއެވެ. ޝިފާޒާގެ ވާހަކަ ކިޔަން ފޯރިހުންނަ މާން ވާހަކައެއް ލިޔަން ބޭނުންވިއެވެ. ވާހަކައިގެ ނަމަކާ ދޭތެރޭ ވިސްނާލި އިރު އޭނާގެ ސިކުނޑިއަށް އައި ފުރަތަމަ ނަމަކީ "ރޫހް" އެވެ. ފޮތުގެ މަތީ ކަނުގައި އެ ދުވަހުގެ ތާރީހް ޖަހާލުމަށްފަހު އޭނާ ލިޔަން ފެށިއެވެ.

"21 ޖެނުއަރީ 2020. ރޫހް. 24 އަހަރު ވަންދެން ޝިފާޒާގެ ރޫހް އެގޭގައި އެނބުރެމުން ދިޔައެވެ. ކޮންމެ އަހަރެއްގެވެސް 21 ޖެނުއަރީ ވާ ރޭ އެގޭތެރޭގައި އެއްކަމެއް ތަކުރާރު ވަމުން ދިޔައެވެ. ކޮންމެ މީހަކުވެސް އެގެއަށް ވަންނަން ބިރުގަތެވެ. ޝިފާޒާގެ ރޫހް ފެންނަ ކަން އެތައްބަޔަކަށް އެނގި އެކި އަހަރުތަކުގެ ނޫސް މަޖައްލާ ތަކުގައި 'ހޮންޓަޑް ހައުސް' ގެ ނަމުގައި އާޓިކަލްތައް ލިޔެފައި ހުރެއެވެ. އެއްވެސް މީހަކަށް ނޭނގޭ ކަމަކީ އޭނާ އެގޭތޭރެގައި ހައްޔަރުވާން ދިމާވި ސަބަބެވެ. އެނާއަށް މިނިވަން ނުވެވިގެން އުޅުނީ އޭނާގެ ލިޔުމާ ހެއްޔެވެ. ނުވަތަ އޭނާ އަށް އަބަދުވެސް ފެންނަމުން ދިޔަ ބިރުވެރި ހުވަފެންތަކާ ހެއްޔެވެ. ޝިފާޒާގެ ރޫހް ހައްޔަރުވެފައިވަނީ އޭނާގެ ހިޔާލީ ދުނިޔެއާއި އޭނާގެ ހުވަފެންތަކުގައެވެ. އޭނާގެ ރޫހް އެގެއިން މިނިވަންވީ އެގެއަށް ވަތް ޒުވާނެއްގެ އަތުން ވެއްޓުނު 2014 ވަނަ އަހަރުގެ މަޖައްލާ ފެނިގެންނެވެ. އޭގައި ލިޔެފައިވާ ޝިފާޒާގެ މަރުގެ ވާހަކަ ކިޔުމުންނެވެ."

ލިޔަމުން ދިޔަ މާންއަށް ހުއްޓުމެއް އައީ އޭނާގެ ފޯނު ރިންގްވާން ފެށުމުންވެ. ފޯނު ނަގާ ބަލާލިއިރު އެ ގުޅަނީ އޭނާގެ އެކުވެރި ޒައިދެވެ. "ހަލޯ... ކޮބާ ޝިފާޒާގެއަށް ވަނީދޯ.. މަށަށް އިނގޭ އަހަރެން ދާން އެއްބަސް ނުވިއަސް ކަލޭ އެގެއަށް ވަންނަން އެކަނި ވިޔަސް ދާނެކަން... ޝިފާޒާގެ ރޫހާ ކަލޭ ހިތާވާންވީނު... މަށަށް ހީވަނީ ކަލޭ އިންނަންވެސް އިންނާނެހެން އޭނަޔާ..."

އެކުވެރިޔާ ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި މާންގެ ގާތަށް ހިނިއައެވެ. އަދި އޭނާ ލިޔަންފެށި ގަނޑުގައި ލިޔެފައިވާ ސުރުހީ ކިޔާލަމުން އެ ފޮތް އޭނާ ލައްޕާލިއެވެ. "ރޫހް"

(ނިމުނީ)