މާރުކޭޓުގައި ކުރުނބަޔާއި ކުރުނބާ ފަނީގެ އަގު އަތް ނުފޯރާ ވަރަށް އުފުލިއްޖެއެވެ. ކުރުނބާގެ އަގު 40 އާއި 45 ރުފިޔާއާ ދެމެދުގައި ހުރި އިރު ކުރުނބާ ފަނި ފުޅިއެއް މިހާރު ލިބެން ހުރީ 100 ރުފިއާއަށެވެ.
މިއަހަރު ރަމަޟާން މަހުގެ 10 ވަނަ ދުވަހާ ހަމަޔަށް ކުރުނބައެއްގެ އަގު ހުރީ 20 ރުފިޔާ އާ 25 ރުފިޔާ އާ ދެމެދުގައެވެ. ނަމަވެސް ރޯދަ މަހުގެ މިހާ ހިސާބަށް އައިއިރު ކުރުނބާގެ އަގު އޭރު ހުރި އަގަށް ވުރެ 2 ގުނައަށް ވަނީ އުފުލިފައެވެ.
ލޯކަލް މާރުކޭޓުގެ ވިޔަފާރި ވެރިން ބުނާގޮތުގައި ކުރުނބާގެ އަގު އުފުލެން މެދުވެރިވީ، ރައްރަށުން ކުރުނބާ ގެނައުމަށް ދަތިތަކެއް ހުރުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް މާރުކޭޓު ފެންނަނީ ކުރުނބާގެ އެކި ބާވަތްތަކުން ތިޔާގި ވެފައި ވާތަނެވެ.
މިދިޔަ އަހަރު ރަމަޟާން މަސް ނިމުނުއިރު ކުރުނބައެއްގެ އަގު ހުރީ 15 ރުފިޔާއާ 25 ރުފިޔާއާ ދެމެދުގެ އަގުތަކަކަށެވެ.
މި ރަމަޟާން މަހު ލޯކަލް މާރުކޭޓުގައި ލިބެން ހުރި އެހެން ތަކެތީގެ އަގަށް މާބޮޑު ބަދަލެއް ނާންނާނެ ކަމަށް ވިޔަފާރި ވެރިންނާ ދަނޑުވެރިކަން ކުރާ ރައްތަކުން ވަނީ ބުނެފައެވެ. ނަމަވެސް ރޯދަމަހު އެންމެ ގިނައިން ބޭނުންކުރާ ބާވަތްތައް ކަމުގައިވާ ކަރާ، މިރުސް އަދި ކުރުނބާގެ އަގުތައް އަންނަނީ އުފުލެމުންނެވެ.