ފިތުރު ޒަކާތުގެ ގޮތުގައި މިހާތަނަށް އެއް މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްްޓްރީން ހާމަކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާ އިރު، ފިތުރު ޒަކާތް އެންމެ ގިނައިން ބަލައިގަނެފައިވަނީ އިސްލާމިކް މިނިސްޓްރީއަށެވެ. އެއީ 755،305 ރުފިޔާއެވެ. ދެން އެންމެ ގިނައިން ޒަކާތް ބަލައިގަނެފައިވަނީ ބޭންކް އޮފް މޯލްޑިވްސްއަށެވެ. އެއީ 220،150 ރުފިޔާއެވެ. އިސްލާމިކް ބޭންކަށް 31،120 ރުފިޔާ ޒާކާތުގެ ގޮތުގައި ދައްކާފައިވާ އިރު، 45،945 ރުފިޔާ ވަނީ ދިރާގު މެދުވެރިކޮށް ފިތުރު ޒަކާތުގެ ގޮތުގައި ދައްކާފައެވެ.

މީގެ އިތުރުން އުރީދޫ މެދުވެރިކޮށް 18،600 ރުފިޔާ ޒަކާތުގެ ގޮތުގައި ދައްކާފައިވާ އިރު، ވިލިމާލެ ހައުސިން ޔުނިޓް މެދުވެރިކޮށް 27،865 ރުފިޔާ އަދި އެޗްޑީސީ މެދުވެރިކޮށް 61،170 ރުފިޔާ ވަނީ ފިތުރު ޒަކާތުގެ ގޮތުގައި މިއަދުގެ ނިޔަލަށް ލިބިފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިހާތަނަށް ފިތުރު ޒަކާތް ދައްކާފައިވަނީ 24،429 މީހުން ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އާދައިގެ ހަޑުލުން ޒަކާތް ދެއްކި 13،974 މީހުންނާއި، ތައިލޭންޑް ހަނޑުލުން ދެއްކި 1347 މީހުންނާއި، ބާސްމަތީ ހަނޑުލުން ދެއްކި 8289 މީހުންނެވެ. އަދި ރަތް ހަނޑުލުން ޒަކާތް ދެއްކި 210 މީހުންނާއި، ގޮދަން ފުށުން ޒަކާތް ދެއްކި 429 މީހުން އަދި އާޓާފުށުން ޒަކާތް ދެއްކި 180 މީހުންނެވެ.

ފިތުރު ޒަކާތުގެ އިތުރުން ސަދަގާތުގެ ގޮތުގައި 77،400 ރުފިޔާ ވަނީ ލިބިފައެވެ. އެގޮތުން ބީއެމްއެލުން ބައިލައްކައެއްހާ ރުފިޔާ ސަދަގާތުގެ ގޮތުގައި ދީފައިވާ އިރު، އިސްލާމިކް މިނިސްޓްރީން ވަނީ 11 ހާހަށްވުރެ ގިނަ ރުފިޔާ ސަދަގާތުގެ ގޮތުގައި ހަދިޔާކޮށްފައެވެ. އަދި އިސްލާމިކް ބޭންކުން 8800 ރުފިޔާ ސަދަގާތުގެ ގޮތުގައި ދީފައިވާ އިރު، އެޗްޑީސީން ދީފައިވަނީ 10 ރުފިޔާއެވެ.