ރާއްޖޭގައި ހުންނަ އާސާރީ ތަންތަން ބަލާލަން ދިއުމަކީ މާން ވަރަށް ކުރާ ހިތްވާ ކަމެކެވެ. އެފަދަ ދަތުރެއްގައި ދާ ނަމަ އޭނާއާ އެކު އޭނާގެ އެންމެ ގާތް އެކުވެރިޔާ ގެންދެއެވެ. މިފަހަރު މެދު ރާއްޖެތޭރޭގެ ރަށަކަށް މާންއާއިއެކު ޒައިދު ފުރީ އާ އަހަރުގެ މުނާސަބާތުގައި މާލޭގައި ބޭއްވި ކުޅިވަރުތަކުގެ ކަވަރޭޖް ނިންމާލުމަށްފަހުއެވެ. ޒައިދަކީ ވީޑިއޯކުރުމާއި ފޮޓޯގްރެޕީގެ މަސައްކަތް ކުރަން ދަންނަ މީހެއް ކަމުން މި ދަތުރުގައި ޒައިދުގެ އެހީތެރިކަން މާންއަށް ވަރަށް ބޭނުންވާނެކަން އެނގެއެވެ.

އެމީހުންގެ ހުރުން ހަމަޖެހިފައިވަނީ ކުއްޔަށް ކޮޓަރި ދޫކުރާ ގެއެއްގައެވެ. އެގޭގައި ދެމީހުން ތިބި އިރު ޒައިދު އުޅުނީ އޭނާ ރައްޓެހިވެގެން އުޅޭ ކުއްޖާއާ ކޮންމެވެސް މައްސަލައެއް ޖެހިގެން އެ ކަންތައް ހައްލު ނުކުރެވިގެންނެވެ. މާލޭގައި ހުރި އެ އަންހެން ކުއްޖާއަށް ފޯނުން ގުޅައިގެން ވާހަކަ ދައްކަމުން ދިޔަ އިރު މި ވޭތުވެ ދިޔަ ދެމަސް ދުވަސް ވެސް ޒައިދު ބިޒީވި ސަބަބު އޭނާއަށް އޮޅުން ފިލުވައިދެމުން ދިޔައީ ވަކިވަކިން އޭނާ އެދުވަސްވަރު ކުރި މަސައްކަތްތަކުގެ ތަފްސީލު ކިޔައިދެމުންނެވެ.

ގޮނޑީގައި ހަމަޖެހިލައިގެން ކުރީގެ މަޖައްލާއެއް ނަގައިގެން ކިޔަން އިން މާންއަށް ދޭތެރެއަކުން ކުޑަދޮރު ކައިރިގައި ފޯނުން ވާހަކަ ދައްކަން ހުރި ޒައިދުގެ ހަރަކާތްތަކަށް ބަލާލެވުނީ އޭނާ އުޅޭ ހާލު ފެނި ހިތުގައި ހަމްދަރުދީ އުފެދުމުންނެވެ. ފޯނު ކަނޑާލުމަށްފަހު ޒައިދު ކޮޓަރިތެރެއަށް އެނބުރިލަމުން އޭނާގެ ބޮލުގައި އެއްއަތުން އަތް ހާކާލީ ދެންމެ ފޯނުގައި ހުރެ އޭނާ ދެއްކި ހުރިހާ ވާހަކައެއް މާންއަށް އަޑު އިވޭނެކަން އެނގުމުންނެވެ.

"މި ދިޔަ ދެމަސް ދުވަހު މަ ބިޒީކޮށް އުޅެފަ ދެން ޗުއްޓި ނަގައިގެން މާންއާ އެކީ މިރަށަށް އައިމަ އެ މަންޖެ އެހުރީ ހާޑްވެފަ..." ޒައިދުގެ ބިޓުގެ ޝަކުވާތަކާ އޭނާ ކުރިމަތިލާން ޖެހުނު ސަބަބު އޮޅުން ފިލުވައިދޭން ޒައިދު މަސައްކަތްކުރިއެވެ.

އެއަށް ފަހު މި ދަތުރުގައި އެ ރަށަށް އައި ބޭނުމަކީ ކޮބާތޯ އޮޅުންފިލުވަން ޒައިދު ސުވާލުކޮށްލީ އޭނާގެ ދަބަހުން ނެގި ކެމެރާގެ ލެންސްގެ މަތިގަނޑު ނަގަމުންނެވެ. އެވާހަކަ ފަހުން ކިޔައިދޭނަން ކަމަށް ބުނެ މާންގެ ދަބަސްތެރެއިން ނަގާ ހުޅުވާލީ ދިވެހި ބަހުން ލިޔެފައިވާ ބިރުވެރި ވާހަކައެކެވެ. އެވާހަކަފޮތުގެ ސަފްހާތައް އުކާލުމަށް ފަހު މާން އެންމެ ފަހުން ކިޔަން އިން ސޮފްހާ ހުޅުވާލިއެވެ.

*** *** *** *** *** ***

ނިދީތެރޭ ދެއަތަށް ބޯހޫރަމުން ތެޅިފޮޅެމުން ދިޔަ ޝިފާޒާއަށް ފެންނަމުން ދިޔަ ގޮތްނޭނގޭ ބިރުވެރި ހުވަފެނުގެ ތެރެއިން އޭނާގެ ކަންފަތަށް އިވިގެން ދިޔައީ ތޫލި ހަޅޭއްކެއްގެ އަޑެވެ. އެއަޑާއެކު ޝިފާޒާއަށް ހީވީ އޭނާގެ ފައި ކައްސާލައިގެން އުސްތަނަކުން ވެއްޓެން ދިޔަހެންނެވެ. ފުންމައިގެން ތެދުވެ އޭނާ ލޯ ހުޅުވާލީ ކޮންމެ ރެއަކުވެސް ފެންނަމުން ދާ ބިރުވެރި ހުވަފެންތަަކުގެ ސަބަބުން ދެން ނުނިދޭނެކަން އެނގުމުންނެވެ.

މިގޮތަށް ފެންނަ ބިރުވެރި ހުވަފެންތައް އޭނާގެ ފިރިމީހާއަށް ކިޔައިދޭން ޝިފާޒާ ބޭނުންވެއެވެ. ނަމަވެސް އޭނާގެ ފިރިމީހާ ވިޔަފާރި ދަތުރެއްގައި ރަށުން ބޭރުގައި ވަނިކޮށް އެކަހަލަ ވާހަކައެއް ދައްކައިގެން ހާސްކުރުވާކަށް ޝިފާޒާ ބޭނުމެއް ނޫނެވެ. އިރުއަރަންވާ އިރަށް ހުވަފެން މަތިން ހަނދާން ނެތޭނެކަން އެނގޭތީ އޭނާ ބޭނުންވީ އޭނާގެ ޑައިރީގައި ލިޔާށެވެ.

އަލަމާރިތެރެ ހާވާލުމަށްފަހު ހެދުންތަކުގެ ތެރެއަށްލާ ފޮރުވާފައިވާ އޭނާގެ ޑައިރީ އާއި ކަޅު ދެލީގެ ގަލަމެއް ހިފައިގެން ގޮސް އެ ކޮޓަރިން ނުކުމެވެން ހުރި ތަނަވަސް ބެލްކަންޏަށް އޭނާ ނުކުމެލީ ދާހިއްލާ ފޯވެފައި ހުރުމުންނެވެ. ދިގު އިސްތަށިގަނޑު ނިއުޅުވާލުމަށްފަހު ކުޑަކޮށް ވައި ޖައްސާލުމުގެ ބޭނުމުގައި އޭނާގެ ދެއަތް ރޭލިންގް ދަނގަނޑުމަތީ އަޅުވާލީ އެއްފަރާތެއްގައި ހުރި ވަށް މޭޒުމަތީގައި ޑައިރީ ބޭއްވުމަށްފަހެވެ.

އެގެއަކީ އެ ރަށުގެ އާބާދީ މަދު ސަރަހައްދެއްގައި ހުންނަ ގެއަކަށް ވެފައި ވަށައިގެންވާ ގަސްތަކާއި މަދުން ނަމަވެސް ދުރުން ފެންނަން ހުރި ގެތަކުގެ ފުރާޅުތައް ފެންނަ އިރު އެ މަންޒަރު ވަރަށް ވެސް ހިތްގައިމެވެ. ވައިރޯޅިއާ އެކު ނަށަމުންދާ ގަސްތަކުގެ ތެރެއިން ފުރޭނިގެން އަންނަ ތެތް ފިނި ވައިރޯޅިތައް އައިސް ގައިގާ ބީހިލުމުން ހަށިގަނޑަށް އަރާމުވެ އެސްފިޔަތަކަށް ނިދި ބަރުވަމުން ދާތީ ޝިފާޒާ ގަސްތު ކުރީ އެތަނުގައި އިނދެގެން ލިޔާށެވެ. އެހެންކަމުން ކޮފީ މޭޒު ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑިއެއްގައި އިށީނދެ މޭޒާއި ކައިރިއަށް އެ ގޮނޑި ދަމާލިއެވެ. އަދި މޭޒުމަތީ ބޭއްވި ޑައިރީ ނަގާ އެ ޑައިރީ އޭނާ ހުޅުވާލީ ހުސް ސަފްހާއަކަށެވެ. ލިޔަންފެށުމުގެ ކުރިން އެ ދުވަހުގެ ތާރީހް މަތީގައި ޖަހާލުމަށްފަހު ޝިފާޒާ ލިޔަން ފެށިއެވެ.

"21 ޖެނުއަރީ 1996 ވީ އާދިއްތަ ދުވަހެވެ. މިރެއަކީވެސް އެކަހަލަ ބިރުވެރި ހުވަފެނެއް ފެނުނު ރެކެވެ. ނިދިން ހޭލެވުމާއެކީ ވައިޖައްސާލަން ބެލްކަންޏަށް އަހަރެން ނުކުތީ ޑައިރީ ހިފައިގެންނެވެ. ކޮފީ މޭޒުދޮށުގައި އިށީނދެ އެ ފޮތުން ހުސް ގަނޑަކަށް ހުޅުވާލުމަށްފަހު އަަހަރެން ލިޔަންފެށީމެވެ. އަހަރެންނަކީ މަޝްހޫރު ލިޔުންތެރިއެއް ކަމުން ޓައިޕް ކުރުމުގެ ކުރިން މިހާރު ލިޔަމުން ދާ ބިރުވެރި ވާހަކައިގެ ދެތިން ސަފްހާ ވިޔަސް ލިޔެވޭތޯ އަހަރެން ގޮނޑީގައި ހަމަޖެހިލީމެވެ. ގިނަ އިރެއް ނުވެ ބޯ ވިލާތަކުން އުޑުމަތި ބަނަކޮށްލުމަށްފަހު ޖަހާލި ބާރު ގުގުރިއާއެކު ވާރޭ އޮއްސާލީ ކުއްލިއަކަށެވެ. އެހެންކަމުން އަވަސް އަވަހަށް ފޮތް ނަގާ މޭގެތެރެއަށް ލާ ބޮނޑިކޮށްލައިގެން ދުވެފައި ގޮސް އަހަރެންނަށް ކޮޓަރިއަށް ވަދެވުނު އިރު ލައިގެން ހުރި ހުދު ކުލައިގެ ތުނި ނިދާހެދުމުގެ ބޮޑު ބައެއްވަނީ ތެމި ފޯވެފައެވެ."

ހުވަފެނުގައި ފެނުނު ކަންތައްތައް ލިޔަމުން ދިޔައިރު އޭނާގެ ހުރިހާ ސަމާލުކަމެއް އެކަމަށް ހުސްކޮށްލާފައި ވާތީ، ކަޅު ކުލައިގެ ބޯ ވިލާތަކުން އުޑުމަތި ބައްދަމުން ދާ ކަމެއް ޝިފާޒާއަކަށް ރޭކައެއްނުލިއެވެ. ދެން ލިޔަންވީ ޖުމްލަ ސިކުނޑީގައި ރީތިގޮތަކަށް ރާވާލުމަށްފަހު ފޮތުގައި ގަލަން ޖައްސާލި ވަގުތު ބާރު ގުގުރިއަކާއި އެކު ވާރޭ އޮއްސާލީ ތަންދޮރު ވަކި ނުވާހާ ބޯކޮށެވެ. އަވަސް އަވަހަށް ތެދުވެ ފޮތާއި ގަލަން ނަގާ މޭގެތެރެއަށް ބޮޑިކޮށްލައިގެން ދުވެފައި ގޮސް ޝިފާޒާ ކޮޓަރިއަށް ވަނެވެ. ލިޔަން ގެނގުޅު ޑައިރީ ޑްރެސިންގް ޓޭބަލް މަތީ ބޭއްވުމަށްފަހު ޝިފާޒާ އަވަސްވެގަތީ ތެތްވެފައިވާ ހެދުން ބަދަލުކޮށްލާށެވެ.

އަލަމާރިތެރެ ހާވާލުމަށްފަހު އިތުރު ނައިޓީއެއް ފެނޭތޯ ޝިފާޒާ ހޯދާލިއެވެ. ފަތްޖަހާފައިވާ ހެދުންތައް ހާވަމުން ދިޔައިރު އޭނާގެ ލޮލުގައި އަޅައިގަތީ ހުދު ކުލައިގެ ދިގު ނައިޓީއެކެވެ. ހެދުމުގެ މޭމަތީގައި ލޭސްފޮތިން ބައެއް ލާފައިވާ އެ ނައިޓީއަކީ ޝިފާޒާގެ ކައިވެނީގެ ފުރަތަމަ ރޭ ލީ ނައިޓީއެވެ. ލައިގެން ހުރި ހެދުން ބަދަލުކޮށްލުމަށްފަހު ތެތް ހެދުން ކުޑަ ދޮރާ ދިމާލުގައި އަޅުވާލީ ކުޑަ ދޮރުން ވަންނަމުން ދިޔަ ވައިރޯޅީގެ އެހީގައި ތަންކޮޅެއް އަވަހަށް ހިކޭނެ ކަމުގެ އުންމީދުގައެވެ. އެވަގުތު ކުއްލިއަކަށް ޝިފާޒާގެ ހަނދާނަށް އައީ މިރޭ ފެނުނު ހުވަފެނުގައި އޭނާ ލައިގެން ހުރި ނިދާ ހެދުމުގެ މަތިންނެވެ. އެއީ ހަމަަ އެ ހެދުމެވެ. އެ ކަމާ ހައިރާންވި ނަމަވެސް އެއީ އިއްތިފާގެއްކަމަށް ޝިފާޒާ ނިންމިއެވެ.

ނިދާ ބޮކީގެ ފަނޑު އަލިކަމުގައި ހުރެ ނުލިޔެވުނަސް ހޮޅިބުރި ދިއްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. އެހެންކަމުން ސައިޑް ޓޭބަލް މަތީގައި ހުރި ލޭމްޕް ދިއްލާލުމަށްފަހު ޑްރެސިންގް ޓޭބަލްގެ ގޮނޑި ކައިރިކޮށްލައިގެން އަނެއްކާވެސް އޭނާ އިށީނީ ފެނުނު ހުވަފެން ހަނދާންހުރި ވަރަކުން ލިޔާށެވެ. ހުވަފެނުގައި ފެނުނު މަންޒަރުތައް ސިފަކޮށްދެމުން ޝިފާޒާ ލިޔަމުން ގޮސް އެ ހުވަފެން އޭނާގެ ހަނދާނުގައި ހުރި ހިސާބަށް ލިޔެ ނިންމާލިއެވެ. ގަލަން ޑްރެސިންގް ޓޭބަލް މަތީ ބޭއްވުމަށް ފަހު ޑައިރީގައި ލިޔުނު ބައިތައް ކިޔާލަން ޝިފާޒާ އަވަސްވެގަތަތީ ހުވަފެނުން ފެނުނު މުހިއްމު ބައެއް ވައްޓާލެވިފައިވޭތޯ ޔަގީން ކުރާށެވެ.

"ދުވެފައި ގޮސް އަހަރެންނަށް ކޮޓަރިއަށް ވަދެވުނު އިރު ލައިގެން ހުރި ހުދު ކުލައިގެ ތުނި ނިދާހެދުމުގެ ބޮޑު ބައެއްވަނީ ތެމި ފޯވެފައެވެ. ހެދުން ބަދަލުކޮށްލުމަށްފަހު އަހަރެން އަނެއްކާވެސް ލިޔަން އިށީނީމެވެ. އޭރުވެސް ޖަހާލާ ބާރު ގުގުރިއާ އެކު ވިދާލާ ވިދުވަރުން ކޮޓަރިތެރެ އަލިވެގެން ދެއެވެ. ފަހަރަކަށް ވުރެ ފަހަރެއް ބޯކުރަމުންދާ ވިއްސާރައިގެ ސަބަބުން ހުޅުވާފައިވާ ބެލްކަނީގެ ދޮރުން އެތެރެއަށް ވަންނަމުން ދިޔަ ވާރޭގެ ތިކިތައް އެތައް ގުނައަކަށް އިތުރުވެ ކޮޓަރިތެރެ ފެންބޮޑުވަމުން ދިޔައެވެ. ބެލްކަނީގެ ދޮރު ލައްޕާލުމަށްޓަކައި އަހަރެން ކައިރިވިތަނާ ލޮލުގެ ހަނިކޮޅުން ހުދު ހެދުމެއްގައި ހުރި މީހަކު އަހަންނާ ދިމާއަށް ދެއަތް އުފުލާލުމަށްފަހު ހަރަކާތްކޮށްލި މަންޒަރު ފެނުމުން ސިއްސައިގެން ގޮސް އަހަންނަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެ ވަގުތު މުޅި ގެއިން ކަރަންޓު ދިއުމާއެކީ އަހަރެންނަށް ތޫލި އަޑަކުން ހަޅޭއްލަވައިގަނެވުނެވެ."

ލިޔެފައިވާ ބައިގެ ތެރެއިން ވަކި ހިސާބަކަށް ކިޔާލެވުނު އިރު ޝިފާޒާގެ ހިތް ނެގިނެގިފައި ޖެހެންފެށީ ބޯމަތިންކަހަލަ ގޮތަކަށް ޖަހާލި ބާރު ގުގުރީގެ އަޑަށެވެ. ގިނަ އިރެއް ނުވެ ވިދުވަރުގެ އަލިން މުޅި ކޮޓަރިތެރެއަށް އެކީ އަލިވެގެން ދިޔައެވެ. ތުނިކޮށްލާފައިވާ ވާރޭ ކުރިއަށް ވުރެ ބޯކޮށް ވެހިގަތް އިރު ހީވީ ފުރާޅު މައްޗަށް އޮއްގާ ބަސްތާއެއް އޮއްސާލިހެންނެވެ. ކަމެއް ހަނދާންވުމުން ޝިފާޒާއަށް ބޭއިހްތިޔާރުގައި ބަލާލެވުނީ ބެލްކަނީގެ ދޮރާ ދިމާއަށެވެ. ދޮރު ހުޅުވާފައި ހުރުމުން އެއްވެސް ހުރަހެއް ނެތި އެ ކޮޓަރިތެރެއަށް ވަންނަމުން ދިޔަ ފެންތައް އޭރުވަނީ އެނދާ ހަމައަށް އައިސްފައި ކަން ޝިފާޒާއަށް އެނގުނީ އެހިސާބުންނެވެ. އިން ތަނުން ތެދުވެ ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު އަލަމާރިން ބާ ބެޑުޝީޓުގަނޑެއް ނަގައިގެން އޭނާ އަވަސްވެގަތީ އެތަން ހިއްކުމަށެވެ. ބެޑްޝީޓްގަނޑު ބޮނޑިކޮށްލާ ފައިދަށަށް ވައްޓާލުމަށްފަހު ކޮޓަރިތެރެއަށް ފެތުރެމުން ދިޔަ ފެންތައް ޝިފާޒާ ހިއްކާލީ ކަންނެތް ގޮތަކަށެވެ.

އިސްޖަހައިގެން ހުރި ޝިފާޒާއަށް ލޮލުގެ ހަނިކޮޅުން އޭނާއާ ދިމާއަށް ދެއަތް ދިއްކޮށްގެން ހުރި ހުދު ކުލައިގެ އެއްޗެއް ފެނުމުން ސިއްސައިގެން ގޮސް ތެޅިގަނެވުނީ ހިތަށް ވެރިވި ބިރުވެރިކަމެއްގެ ސަބަބުންނެވެ. ހުވަފެނުގައި ފެންނަމުން ދިޔަ ކަންތައްތައް ހަގީގަތަށް ވާން ނޭދޭތީ އެދިމާއަށް ޝިފާޒާ ބަލާލީ ފަރުވާތެރި ކަމާއެކުގައެވެ. ބިރުން މޭގައި އަތް އަޅައިގެން ހުރި ޝިފާޒާއަށް އޭނާގެ މޮޔަކަން ހިތަށް އެރުމުން އޭނާގެ ގާތަށް ހިނިއައެވެ. ކުޑަދޮރުން އެތެރެއަށް ވަންނަމުންދިޔަ ވައިރޯޅިތަކާއެކު އެ ދިމާލުގައި ޝިފާޒާ ހިއްކަން އަޅުވާފައިވާ ހުދު ނިދާ ހެދުން އޭރު ވަޔާ އެކު ހެލެމުން ދިޔައެވެ. ހެދުމުގެ ތެރެއަށް ވައިވަންނަމުން ދާތީ އޭތި ވައްތަރީ ދެއަތް އުފުލައިގެން ހުރެ ހަރަކާތް ކުރަމުންދާ މީހަކާއެވެ.

ދެއަތަށް ބޯ ހޫރާލުމަށްފަހު މަޑު ހިނގުމެއްގައި ހިނގާފައި ގޮސް ކަހާލެވޭ ގޮތަށް ހުރި ކުޑަދޮރު އޭނާ ބަންދުކޮށްލިއެވެ. އަދި ތަންޑު އެލުވުނުތޯ ޔަގީން ކޮށްލަން އޭނާ ދެ ފަހަރަކަށް ޗެކްކޮށްލިއެވެ. ބާކީ ލިޔެވުނު ބައިތައް ކިޔާލުމުގެ ބޭނުމުގައި ޝިފާޒާ ޑްރެސިންގް ޓޭބަލް ކައިރިއަށް ދާން އެނބުރިލި ވަގުތު އަނެއްކާވެސް ބާރުކޮށް ގުގުރާލީއެވެ. އެ ގުގުރީގެ ބާރު އަޑާއެކު އެ ގޭގެ ފާރު ތަކަށް ގުނޑުން އަރައިގެންގޮސް ބޮޑު ރެނދެއްލީ އެކަމަށް ޝިފާޒާ ނުވިސްނާ ހުއްޓައެވެ. ދެކަންފަތް މަތީ އަތް އަޅާ ބާރުކޮށްލުމަށްފަހު ދެލޯ މަރާ ތަގުޅިކޮށްލަމުން އޭނާ ހަޅޭއްލަވައިގަތީ ގެންފައިވާ ބިރެއްގެ ބޮޑުކަމުންނެވެ. އެކަނިމާ އެކަނި އެ ބޮޑު ގޭގައި އޭނާ ހުއްޓާ އެހާ ވިއްސާރަވެ ގުގުރާތީ މީހާ ހުރީ ބިރުން ވިރޭ ހާލުގައެވެ.

އެގޮތުގައި ލޯ ހުޅުވަން ބޭނުން ނުވެ އިރުކޮޅަކު ހުރުމަށް ފަހު އޭނާއަށް ލޯ ހުޅުވާލެވުނީ ކަނު އަނދިރިކަމުގެ ތެރެއަށެވެ. އޭރު އެކޮޓަރީގައި އެއްވެސް އަލިކަމެއް ނެތެވެ. ދޭތެރެ ކައިރިކޮށް ވިދަމުންދާ ވިދުވަރުގެ ސަބަބުން ދޭތެރެއަކުން ކޮޓަރި އަލިވަމުން ދާތީ ޑްރެސިންގް ޓެބަލް މަތީގައި ހުރި ބޮޑު އުއްބައްތި ރޯކުރާކަށް އޭނާއަކަށް އުނދަގުލެއް ނުވިއެވެ. ދެން އެރޭ އޭނާއަށް ލިޔަން އިންނަން ނުކެރޭނެތީ ކަރަންޓު ބޯޑުން ބްރޭކަރު ވެއްޓިފައި ހުރިތޯ ބަލާލަން ދާން އޭނާ ކޮޓަރިން ބޭރަށް ނުކުތީ ތެޅިތެޅި އޮތް ހިތަކާ އެކީގައެވެ.

*** *** *** *** *** ***

ވާހަކަފޮތް ކިޔަން އިން މާންގެ ހަބަރެއް ނުވެ ގިނަ އިރުވުމުން ޒައިދު އިންތިހާއަށް ފޫހިވިއެވެ. ރޭގަނޑުގެ ކެއުމަށްފަހު ވެސް މާން ކޮޓަރިއަށް އައިސް ވާހަކަ ފޮތް ހިފައިގެން އިށީނުމުން ޒައިދު ހިތްހަމަނުޖެހި ވާހަކަ ދެއްކީ އޭނާއަށް އަދިވެސް އެރަށަށް އައި ބޭނުން ނޭނގޭތީއެވެ. "ދެން ޝިފާޒާގެ ވާހަކަ ކިޔުން ދޯ މިހާރު ކަމަކީ... ތި ފޮތް ބާއްވާފަ ނިކަން ބުނެބަލަ ކީއްކުރަންތަ މިރަށަށް ތި އައީ... މީދެން މާ ބޮޑު ކަމެއްވެސް އޮތް ރަށެއް ނޫނެއްނު... އަނެއްކާ ޑޮކިއުމަންޓްރީއެއް ހަދާ ކަހަލަ ވާހަކައެއްވެސް އޮތް ރަށެއް ނޫން މީކީ..."

އެނދުގައި އޮތް މާން ކިޔަން އޮތް ވާހަކަ ފޮތް ލައްޕާލުމަށްފަހު އޭނާ ތެދުވެ ހިންދެމިލިއެވެ. އަދި މޭޒުމަތީ ބާއްވާފައި އޮތް 2014 ވަނަ އަހަރުގެ މަޖައްލާއެއް ނެގުމަށްފަހު އޭނާ ޒައިދު ގާތު އެދުނީ އޭނާއާ އެކު ބޭރަށް ދިއުމަށެވެ. އަދިވެސް މާން އެރަށަށް އައި ބޭނުން ހާމަ ނުކުރާތީ ޒައިދު ހުރީ މޫނު ކުނިކޮށްގެންނެވެ.

ރޭގަނޑު އެގާރަ ޖެހުމުން އެރަށުގެ މަގުތަކުން މީހުން ފެންނަލެއް މަދެވެ. އެ ދެމީހުން އެކަނި ހިނގަމުން ދިޔައިރު މާންގެ އަތުގައި އޮތް މަޖައްލާއަށް ޒައިދުގެ ސަމާލުކަން ހުއްޓުނެވެ. މާންގެ މޫނުމަތިން ފެންނަމުން ދިޔަ ސީރިއަސް ކަން ފެނި ޒައިދަށް އިތުރު ވާހަކައެއް ދައްކާކަށް ނުކެރުނެވެ. ފުދޭވަރަކަށް ދުރަށް ދެވުނު ފަހުން އެމަގުން ހިނގާފައި އައި އުމުރުން ދުވަސްވީ މީހަކު ފެނުމުން މާންގެ ފިޔަވަޅު މަޑުކޮށްލިއެވެ. އެމީހާ އައިސް މާންމެންނާ އަރާ ހަމަވުމުން މާން ކުރިއަށް ޖެހިލީ އޭނާ ގާތު ވާހަކައެއް އަހާލާށެވެ.

އޭނާގެ އަތުގައި އޮތް މަޖައްލާ ކުރިއަށް ދިއްކޮށްލަމުން އޭގެ ބަޑޭރިގަނޑުގައި ވާ ފޮޓޯ އެމީހާއަށް ދައްކާލިއެވެ. ދެބުމަ ގޮށް ޖަހައިގެން އެ ބަނޑޭރިގަނޑަށް އެމީހާ ބަލަން ހުރުމަށްފަހު ޒައިދާއި މާންގެ މޫނަށް ވަކިވަކިން ބަލާލިއެވެ. "ބޭބޭ... މި ގެ ހުންނަތަން ކިޔައިދީބަލަ... މި އަވަށުގެ މިހިސާބުކަން އިނގޭ އެކަމު މި އުޅެނީ އެގެއަށް ދާން ނޭނގިގެން..." ބަނޑޭރިގަނޑުގައި ވާ ތަސްވީރަށް އިޝާރަތްކުރަމުން މާން ވާހަކަ ދެއްކީ އެމީހާގެ ފަރާތުން އެދޭވެ ޖަވާބެއް ލިބޭނެ ކަމުގެ އުންމީދުގައެވެ. އެ ގެއަށް ދެވެން އޮތް މަގާ ދިމާއަށް އިޝާރާތްކުރަމުން އެމީހާ ދާންވީ މިސްރާބު އެ ދެމީހުންނަށް ރަނގަޅަށް ކިޔައިދިނެވެ. އެއަށް ފަހު އެމީހާ ކުރިއަށް ހިނގައިގަތީ ބޮލުގައި ފިރުމާލަމުންނެވެ.

"އޭ ތީ ހޮންޓަޑް ހައުސެއް ދޯ... ކީއްކުރަން ތިގެ ތި ހޯދަނީ... އަނެއްކާ އެގެއަށް ވަންނަންތަ ތި އުޅޭނީ..." ޒައިދު ވާހަކަ ދެއްކީ މާންއާ މުހާތަބުކޮށެވެ. މާންއަށް ޖަވާބެއް ނުދެވިގެން އުޅެނިކޮށް އެއަށް ރައްދު ދިނީ އެމީހުން ހުރަސްކޮށް ކުރިއަށް ހިނގާފައި ދިޔަ މީހާއެވެ. "މިރެއަކީ ޖެނުއަރީ 21 ވިލޭރޭ... މިރޭ އެގެއަށް ދާނީ މޮޔައެއް... އެ ގެއަކީ މީހަކު ވަންނަވަރުގެ ތަނެއް ނޫން.. ތިކުދިން ނޫނަސް އެގެއަށް ވަންނަން ލައްކަ މީހުން މިރަށަށް އައި.. އެއްވެސް ބަޔަކަށް އެގޭތެރެއަކު މާގިނަ އިރަކު މަޑުކުރާކަށް ނުކެރޭ... މީހުން ބުނޭ އެގެއިން އަންހެނެއްގެ ވޭނީ ރުއިމުގެ އަޑާއި... ކުޑަކުއްޖަކު ގޮވާ އަޑު އިވޭ ވާހަކަ... އަދި އެގެއިން ޝިފާޒާ ފެންނަ ވާހަކަވެސް މީހުން ކިޔާ... މިރޭ އަދި މޫސުމް މިހެން އޮތަސް އަދި ވިއްސާރަކުރާނެ... ކޮންމެ އަހަރެއްގެ މިރެއަކީ މިރަށަށް ބޯކޮށް ވާރޭވެހި ވިއްސާރަކުރާ ރެއެއް... ތިކަމާ ނޫޅެ ގެއަށް ދިޔަޔަސް މާ ރަނގަޅުވާނެ..."

އެމީހާ ދެއްކި ވާހަކަތައް އަޑު އަހަން ހުރި ޒައިދުގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެތަނުގައި އިތުރު ވާހަކައެއް ދައްކަން މަޑުކުރަން ބޭނުންނުވާތީ މާން ކުރިއަށް ހިނގައިގަތީ އެ ގެއާ ދިމާއަށް ދިއުމަށް އޭނާ ބޭނުންވެފައި ހުރިލެއް ބޮޑުކަމުންނެވެ. މާންގެ އަތުގައި ހިފަމުން އެގެއަށް ނުގޮސް ގެއަށް ދާން ހިނގާށޭ ޒައިދު ބުނީ އެމީހާގެ ވާހަކަތަކުން އޭނާގެ ހިތަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ބޮޑުކަމުންނެވެ. ނަމަވެސް މާން ހުރީ ގޮތް ދޫކުރާ ކަހަލަ ގޮތަކަށް ނޫނެވެ.

"މި ބޭބެ މުސްކުޅި ވީމަ ދައްކާ ވާހަކަ ގަބޫލު ނުކޮށް ދިޔަޔަސް އެންމެ ރަނގަޅު.. އަހަރެން މިދިނީ އިންޒާރެއް... މިރެއަކީ ތިގޭތެރެއިން ފެންނަ ކަންތައްތަކުގެ ފޯރި ގަދަވާނެ ރެއެއްކަން ހަނދާން ބަހައްޓާތި..." އެމީހާ ދެއްކި ވާހަކައަށް ސަމާލުކަން ނުދީ ކުރިއަށް މާން ހިނގައިގަތެވެ. މާން ހުއްޓުވަން އެކި ގޮތްގަތަށް ޒައިދު ވާހަކަ ދައްކަމުން ދިޔަ ނަމަވެސް މާންގެ ވިސްނުން ބަދަލު ކުރެވޭ ގޮތެއް އޭނާގެ އެކުވެރިއާއަކަށް ނުވިއެވެ.

ވީރާނާ ވެފައިވާ ގެއާ ހަމައަށް އާދެވުމުންވެސް އެދެމީހުންނަށް ތަފާތުކަމެއް އިހްސާސްކުރެވުނެވެ. އެގޭގެ ގޯތިތެރޭގައި ހެދިފައިވާ ބައެއް ގަސްތަކުގެ ފަތްތައް ނެތުމުންވެސް އެ މަންޒަރު ސިފަކުރެވުނީ ނުހަނު ބިރުވެރިކޮށެވެ. ކޮނޑުގައި އަޅުވާފައިވާ ކެމެރާގައި ބާރަށް ހިފަހައްޓައިގެން ހުރެ ޒައިދު ފޮޓޯއެއް ނަގާލި ވަގުތާއި ވިދާލި ވަގުތާ އިއްތިފާގުން ދިމާވުމުން ޒައިދުއަށް ބިރުން ހަޅޭއް ލަވައިގަނެވުނެވެ. ގޯތިތެރޭގައި ބޯކޮށް ހެދިފައިވާ ވިނަ ތަކުގެ ސަބަބުން ގޭގެ މައިދޮރާ ހަމައަށް ވަންނަން އެދެމީހުން އެކީގައި ހިނގާފައި ދިޔައިރު ހިތުގައި ނޭނގޭ ބިރުވެރިކަމެއް ވަނީ އަށަގެންފައެވެ. ދެބުރިއަށް ހަދާފައިވާ އިމާރާތަށް ޒައިދު ބަލާލިވަގުތު އޭނާއަށް ސިފަ ކުރެވުނީ ބިރުވެރި ފިލްމުތަކުން ފެންނަ ކަހަލަ ވީރާނާ ވެފައިވާ ބާ އިމާރާތެކެވެ. އެ އިމާރާތުގެ ބޭރު ފާރުގައި ފެޖި ޖަހާ ފައިވާއިރު ފާރުގައި މޫދެމިގެން ހެދިފައިވާ ވެޔޮ ގަނޑުތައް ހަރުލާފައި ވުމުންވެސް އެމަންޒަރުން ނާމާންކަން އެމީހުންގެ ހިތަށް ވެރިވިއެވެ.

ދޮރާ ހަމައަށް ދެވުނު އިރުވެސް ޒައިދު ދިޔައީ އެގެއަށް ނުވަމުނަށް މާންގެ ގާތު އާދޭސްކުރަމުންނެވެ. ބިރުގަންނަންޏާ ޒައިދު ގެއަށް ދިޔަޔަސް މައްސަލައެއް ނެތޭ ބުނެ އޭނާގެ އަތުގައިވާ މަޖައްލާގެ ބަނޑޭރިގަނޑަށް ބަލާލިއެވެ. އެއީ އެގެ ކަން އޭނާއަށް ޔަގީންވުމުން ގެއަށް ވަދެވެން ހުރި ދޮރާށީގެ ތަޅުގައި ހިފާ އަނބުރާލިއެވެ. އެގެއަށް ވަންނަން ބޭނުންނުވާތީ ޒައިދު ގެއަށް ދާން އެނބުރިލިއެވެ. ނަމަވެސް ކުރިމަތިން ފެންނަންހުރި ބޯ ބިޔަ ގަސްތަކާއި އެކު އަނދިރިކަން ފެތުރުފައިވާ މަގުތަކުން އެކަނި ގެއަށް ދާން ނުކެރޭނެތީ އޭނާ މާންގެ ފަހަތުން އެގެއަށް ވަންނަން ނިންމީ ހިތާ ދެކޮޅަށެވެ.

ދޮރު ހުޅުވުނު ވަގުތު ބައުވެފައިވާ ދޮރުގެ ކަނީގައިވާ ހުޅުތަކުން ފާޑެއްގެ އަޑެއްކިއީ ހިތަށް ނުތަނަވަސްކަން އިތުރުކޮށްދޭ ފަދަ ގޮތަކަށެވެ. ހަމަހިމޭންކަން ވެރިވެފައިވާ މާހައުލުން އެ އަޑު އިވުމުން ޒައިދު ބިރުން ހުރެ ދެލޯ ބޮޑުކޮށްލިއެވެ. އޭގެތެރެއަށް ވަންނަން މާން ކުރިއަށް އަޅާލި ފިޔަވަޅާއެކު ފިނި ވައިރޯޅިއެއް ފަހަތުން އޭނާގެ ހަށިގަނޑުގައި ބީހިލި ކަހަލަ އިހްސާސެއް ކުރެވުނެވެ. ގޭގެ ދޮރުމަތީ އެއްވެފައިވާ ހިކިފަތްތައް ވަޔާ އެކު އެގޭތެރެއަށް ވަންނަމުން ދިޔައެވެ. މާންގެ ފަހަތުން ބިރުން ހުރި ޒައިދު އެގޭތެރެއަށް ވަދެ އޭނާގެ އަތުގައި އޮތް ފޯނުގެ ޓޯޗް ދިއްލާލީ އެގޭތެރޭގައި އެއްވެސް އަލިކަމެއް ފެންނަން ނެތުމުންނެވެ. ހަމައެއާއެކު ބަންލާފައި ވަޔާ އެކު އެގޭގެ ދޮރު އެމީހުންގެ ފަހަތުން ލެއްޕުނު ބާރު އަޑަށް ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ.

(ނުނިމޭ)

ދެވަނަ ބަޔަށް އިންތިޒާރުކޮށްލައްވާ!