ސަރަހައްދީ ދާރުލްއާސާރު ބިނާކުރުން ވެގެންދާނީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް އެޅޭ މުހިންމު ބިންގަލެއް ކަމަށް މިނިސްޓާ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ ދާރުލްއާސާރު ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދެއްވި ހާއްސަ ހިތޯބުގައި މިނިސްޓާ ޔުމްނާ މައުމޫން ވިދާޅުވެފައި ވަނީ ދާރުލްއާސާރުތައް ތަރައްގީކޮށް އެތަން މުއްސަނދިކުރުން ވެގެންދާނީ ދިވެހިރާއްޖެ އިޖުތިމާޢީ ގޮތުން ކުރިއަރާ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށް ރާއްޖެއަށް މާލީ މަންފާތަކެއް ލިބި ދިވެހިރާއްޖޭގެ އިގްތިސާދަށް ހެޔޮ އަސަރުތަކެއް ކުރާނޭ ކަމެއް ކަމަށެވެ.
އެގޮތުން 2011 ވަނަ އަހަރު ވަނީ ހުވަދު އަތޮޅުގައި ސަރަހައްދީ ދާރުލް އާސާރެއް ބިނާކޮށްފައި ކަމަށާއި، ރާއްޖޭގެ އެހެނިހެން ކަންކޮޅުތަކުގައިވެސް އިތުރު ސަރަހައްދީ ދާރުލް އާސާރުތަކެއް ބިނާކުރުމަށް، ކަމާބެހޭ ފަރާތަތަކާ މަޝްވަރާ ކުރެވެމުން ދާކަމަށް މިނިސްޓާ ޔުމްނާ ވަނީ ވިދާޅުވެފައެވެ.
އަދި ސަރަހައްދީ ދާރުލްއާސާރުތަކާއި އަމިއްލަ ދާރުލްއާސާރުތައް ހުޅުވިގެންދިއުމަކީ ދިވެހީންގެ ޒަމާންވީ ތާރީޚާއި ތަރިކައާއި ސަޤާފަތާމެދު ދިވެހިންގެ ހިތްތަކުގައި ފަޚުރުވެރިކަން އުފެދޭނޭ ކަމެއް ކަމަށްވެސް މިނިސްޓާ ފާހަގަ ކުރެއްވިއެވެ.
އެހެން ކަމުން ދާރުލް އާސާރުތަކުން ލިއްބައިދޭ އަގުހުރި މައުލޫމާތު ރައްކާތެރިކުރުމަކީ އެންމެން ގުޅިގެން ކުރާ މަސައްކަތެއްގެ ގޮތުގައި ހެދުމަކީ މުހިންމު ކަމެއް ކަމަށާއި މިފަދަ ތަންތަނާ ތަކެއްޗަކީ ކާބަފައިން އަޅުގަނޑުމެންނާއި ހަވާލުކޮށްފައިވާ އަގުބޮޑު އަމާނާތެއް ކަމަށް މިނިސްޓާ ވަނީ މި ހިތޯބުގައި ފާހަގަ ކުރައްވާފައެވެ. އަދި މިތަކެތި ރައްކާތެރިކޮށް ދަމަހައްޓާ އަދުގެ ޖީލަށާއި އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން އެންމެންގެ ޒިންމާއެއް ކަމަށް ދެކުމަށް މިނިސްޓާ ޔުމްނާ ވަނީ އިލްތިމާސްކޮށްފައެވެ.