ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އުފަން ދުވަހުގެ ތަހުނިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ޅެން ބަހުންނެވެ.

2017 ވަނަ އަހަރު ރައީސް ނަޝީދުގެ އުފަން ދުވަހު ރައީސް ސޯލިހު ޅެމާއެކު ކުރެއްވި ޓްވީޓެއް މިއަހަރުގެ ރައީސް ނަޝީދުގެ އުފަންދުވަހާ ގުޅިގެން ވަނީ ރިޓްވީޓް ކުރައްވާފައެވެ. އެގޮތުން ރައީސް ލިޔުއްވާފައިވާ ޅެން ފަށްޓަވާފައި ވަނީ ރައީސް ނަޝީދަށް އުފަން ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އަރިސް ކުރައްވަމުންނެވެ. ދެން ޅެމުގައި ވިދާޅުވެފައި ވަނީ ރައީސް ނަޝީދުގެ އުމުރުފުޅުން 50 އަހަރު (2017 ވަނަ އަހަރު) ފުރުނު އިރު، އެމަނިކުފާނު ދިވެހި ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވާފައި ވާކަން ދިވެހިން ހަނދާން ކުރާކަމަށެވެ.

އަދި 2017 ވަނަ އަހަރު ނަޝީދު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން، ރައީސް ސޯލިހު ވަނީ އެދެބޭފުޅުން ކިތަންމެ ދުރުގައި ތިއްބެވި ކަމުގައި ވިޔަސް ރައީސް ނަޝިދުގެ އަރިހުގައި އެމަނިކުފާނުގެ ރޫހު ވާކަމަށް ވިދާޅުވެފައެވެ.

ޅެން ނިންމަވާލައްވަމުން ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ރައީސް ނަޝީދަށް ނަޔާ މުސްތަގުބަލަކަށް އެދިވަޑައިގަންނަވާ ކަމަށާ، ނަޝީދާއި އަވަހަށް ބައްދަލުވުމަށް އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވެފައި ވަނީ އޭރު ރައީސް ނަޝީދު ޓެރަރިޒަމްގެ ކުށުގެ މައްސަލައިގައި، ހުކުމް ތަންފީޒު ކުރެއްވި މަރުހަލާގައި އިނގިރޭސި ވިލާތަށް ބޭސްފަރުވާއަށް ވަޑައިގަތުމަށް ފަހު އެގައުމުގައި ހުންނެވި އިރެވެ.

މިމަހުގެ 17 ވަނަ ދުވަހަކީ ރައީސް ނަޝީދުގެ އުމުރުފުޅުން 52 އަހަރު ފުރުނު އުފަން ދުވަސް ކަމުން ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް އުފަންދުވަހުގެ ހެޔޮ އެދުމާ ތަހުނިޔާ ފޮނުވާފައެވެ.