އަވަށްޓެރި ސްރީލަންކާގައި މީހުން ދިރިއުޅެމުން އަންނަ އިމާރާތަކުން ދިވެހިން ނިކުންނަން އެ އިމާރާތުގެ މެނޭޖްމަންޓުން އަންގައިފިއެވެ.

އިންޓެލިޖެންސް މައުލޫމާތަކަށް ބިނާކޮށް ލަންކާގެ އިމާރާތަކުން ދިވެހިން ނިކުންނަން އެންގި ކަމަށް، އެ އިމާރާތުގައި ދިރިއުޅޭ، ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޔުނިވާސަލް އެންޓަޕްރައިސަސްގެ އެއް ހިއްސާދާރު އަހުމަދު މާހިރު ދީދީ، ލަންކާގެ "ދަ އައިލެންޑް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވިއެވެ. ނަމަވެސް، މި މައުލޫމާތަކީ ކޮން އިރަކު އަދި ކޮން ފަރާތަކުން ދިން މައުލޫމާތުތަކެއް ކަން އެތަނުގެ މެނޭޖްމަންޓުން ހާމަ ކޮށްފައި ނުވާކަމަށް މާހިރު ވިދާޅުވިއެވެ

ލަންކާގައި މާހިރު އުޅުއްވާ ޕެންޓް ހައުސް ހުންނަ އިމާރާތުގައި ދިވެހިންނަށް ނުތިބެވޭނެ ކަމަށް ބުނެ އެތަނުގެ މެނޭޖްމަންޓުން އީމެއިލުން އަންގާފައިވާ ކަމަށް މާހިރު ވިދާޅުވިއެވެ. އަދި އެތަނުގައި ގޯސްކޮށް ކަމެއް ނުހިންގަނީސް އެގޮތަށް އެންގުމަކީ ވަކި ބަޔަކާ މެދު ތަފާތު ކުރުމުގެ އަމަލެއް ކަމަށާއި ވަކި ބަޔަކަށް ވީތީ މިހާރު އެ ގައުމުގައި އަމަލު ކުރަމުންދާ ގޮތުން އޭނާ ލަންކާގައި ކުރެއްމަށް ގަސްދުކުރައްވާ އިންވެސްޓްމަންޓްތަކާ މެދު ވެސް ދެވަނަ ވިސްނުމަަކަށް ވަޑައިގަންނަވަން ޖެހިވަޑައިގެންފައިވާ ކަމަށް މާހިރު ވިދާޅުވިއެވެ.

މާހިރު ވިދާޅުވީ، އޭނާގެ ޕެންޓް ހައުސް އަކީ އޭނާ އެތައް އަހަރެއް ވަންދެން ހިފައިގެން އުޅޭ ތަނެއް ކަމަށާއި އޭނާ ލަންކާ އަށް އަންނަ ކޮންމެ ފަހަރަކު މި ޕެންޓް ހައުސްގައި އުޅޭ އިރު، ދުވަހަކު ވެސް ބަލައިނުގަނެވޭ ފަދަ އެއްވެސް ކަމެއް މި ތަނުގައި ކޮށްފައެއް ނޯންނާނެ ކަމަށެެވެ. އަދި މި ޕެންޓް ހައުސް އެއްވެސް އެހެން ބަޔަކަށް ކުއްޔަށް ދީފައި ނުވާނެ ކަމަށް މާހިރު ވިދާޅުވިއެވެ.

ލަންކާ އަކީ އޭނާ ކުޑައިރުއްސުރެ އުޅުއްވި ގައުމު ކަމަށް ވިދާޅުވެ، މާހިރު ވިދާޅުވީ އޭނާ އަކީ އެއްވެސް އިރަކު ޓެރަރިޒަމާއި ނޭދެވޭ އަމަލުތަކަށް ހިތްވަރު ދެއްވި ބޭފުޅެއް ނޫންކަމަށާއި އަބަދުވެސް ލޯބި ކުރައްވަނީ އަމާން، ސުލްހަވެރި ކަމަށް ކަމަށެވެ.

މިދިޔަ މަހު 21 ވަނަ ދުވަހު ހެނދުނު ލަންކާގެ ރައްޔިތުން އީސްޓާ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް ދިން ބޮމުގެ ހަމަލާ ތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ގާނޫނު ތަކާ އުސޫލުތަކަށް ލަންކާއިން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ކަންފަތް ފޮރުވޭނެ ހެން މޫނު ބުރުގާ އެޅުން މަނާވެ، ރެސިޑެންޓް ވިސާ ދުރާލާ ހޯދަން ޖެހުންފަދަ ބަދަލުތައް ވަނީ ގެނެސްފައެވެ.