އައިސިސް ފޮތް ފެނިގެން ބަންދު ކުރި ދެމީހުންގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެވެ.
އައިސިސް ފޮތް ފެނިގެން ލަންކާއިން ހައްޔަރުކޮށްފައި ތިބި އާދަމް މަނިކު (ފުނަމާ) އާއި ހަސަން މަނިކު (ބައިކެނޑި) ހައްޔަރުކޮށް ފުރަތަމަ މުއްދަތު ޖެހީ 13 ދުވަހެވެ. ނަމަވެސް މުއްދަތު ހަމަވެގެން މިދިޔަ ހުކުރު ދުވަހު ވަނީ އިތުރު 7 ދުވަސް ޖަހާފައެވެ. އަދި މި ހަތް ދުވަސް ހަމަވުމާއި ގުޅިގެން މިއަދު އަނެއްކާވެސް ވަނީ 3 ދުވަހުގެ މުއްދަތު ޖަހާފައެވެ.
މައުލޫމާތު ލިބޭ ގޮތުގައި މި ދެމީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ އިންޓަލިޖެންސް ކްލިއަރެންސް ނުލިބިގެންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ބަންދުގެ މުއްދަތު އިތުރު ކުރި ދެމީހުނާއެކު ޖުމްލަ ފަސް މީހަކު ލަންކާގައި ބަންދުކޮށްފައި އެބަތިބި ކަމަށެވެ. އަދި އެއެންމެން ހައްޔަރު ކޮށްފައި ތިބީ މިދިޔަ މަހު 21 ވަނަ ދުވަހު ލަންކާއަށް ދިން ޓެރަރިސްޓް ހަމަލާ ތަކާ ގުޅިގެން ނޫން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މި ރޯދަ މަހު، ލަންކާ ޖަލުގައި ހައްޔަރު ކޮށްފައިތިިބި މީހުންނަށް ރޯދަ ހިފުމަށްވެސް ހުރަސް އަޅަމުން ދާ ކަމަށް ބުނެ، 'ދަ ޕްރެސް' އަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ފޮރިން މިނިސްޓްރީއާ ސުވާލު ކުރުމުން އެ މިނިސްޓްރީން ވަނީ އެކަން ދޮގު ކޮށްފައެވެ.
މިދިޔަ މަހު 21 ވަނަ ދުވަހު ހެނދުނު ލަންކާގެ ރައްޔިތުން އީސްޓާ ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށް ދިން ބޮމުގެ ހަމަލާ ތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށް ގާނޫނު ތަކާ އުސޫލުތަކަށް ލަންކާއިން އަންނަނީ ބޮޑެތި ބަދަލުތައް ގެންނަމުންނެވެ. ކަންފަތް ފޮރުވޭނެ ހެން މޫނު ބުރުގާ އެޅުން މަނާވެ، ރެސިޑެންޓް ވިސާ ދުރާލާ ހޯދަން ޖެހުންފަދަ ބަދަލުތައް ވަނީ ގެނެސްފައެވެ.