މާލޭގެ ގެއެއްގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ތިން މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސް ޔުނިޓާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މާފަންނު ގެއެއް ބަލާ ފާސްކޮށްފައިިވާ ކަމަށެވެ. މި ގެ ބަލާ ފާސްކުރުމުގެ ތެރޭގައި 1.209 ކިލޯގެ ކެނަބިސް، 454.8 ގްރާމްގެ ހެރޮއިން އަދި 0.6 ގްރާމްގެ ކޮކެއިން ފެނިފައިވާ ކަމަށެވެ.
މި މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި ތިން މީހުންނަނީ ގޭންގަކަށް ނިސްބަތްވާ ތިން މީހުން ކަމަށް ފުލުހުން ބުނެއެވެ.
މިފަހަކަށް އައިސް ގިނަ އަދަދަކަށް މަސްތުވާތަކެތި ދަނީ ފުލުހުން ހޯދާ އަތުލަމުންނެވެ. މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި، އެއް ރަށުން އަނެއް ރަށަށް އަދި މަސްތުވާތަކެތި އެތެރެ ކުރުމަކީ މިހާރު ވަރަށް އާންމުވެފައިވާ ކަމެކެވެ. އެގޮތުން، މިދިޔަ ބުދަ ދުވަހު، ފުވައްމުލައް ސިޓީ އަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން އަވަށްޓެރި އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ހިންދޫ" ނޫހުން ބުނެފައި ވަނީ އިންޑިއާގެ ތިން ސިޓީ އަކުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ކަމަށެވެ. އެ ތިން ސިޓީއަކީ ދިވެހިން ގިނަ އަދަދަކަށް ދަތުރުކުރާ ޓްރިވެންޑްރަމާއި، ކޮޗިން އަދި ސޫތުކުޅި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.