އުތުރުގެ ރަށެއްގައި 15 އަހަރުގެ ކުއްޖަކު ވިހޭ ތިއްތު ދަރިފުޅު މަރުވެފައި ވުމުން އެ ކަން ހިނގާ ދިޔަ ގޮތް ބެލުމަށް ޕޯސްޓްމޯޓަމް ހަދަން ފުލުހުން ނިންމައިފިއެވެ. ފުލުހުން ދާދި ދެންމެ ބުނީ އެކަން ކުރުމަށްޓަައި ވާންޖެހޭ ތައްޔާރީތައް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

'ދަ ޕްރެސް' އަށް އެނގިފައިވާ ގޮތުގައި އެކުއްޖާ ވިހެއީ ގޭގައެވެ. އަދި އެގޭގައި އޭނާގެ މަންމަގެ އިތުރުން އޭނާގެ ލޯބިވެރިޔާ ދިރިއުޅެމުން ދާ ކަންވެސް ވަނީ އެނގިފައެވެ.

މިދިޔަ ހޯމަ ދުވަހު ހިނގި އެ ހާދިސާގައި 15 އަހަރުގެ ކުއްޖާ ވިހައިގެން އެ މައްސަލަ ފުލުހުންނަށް ރިޕޯޓު ކުރީ އެދުވަހު ހެނދުނެވެ. ފުލުހުން އެކުއްޖާގެ ވަނަވަރެއްވެސް އަދި ރަށެއްވެސް ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކުއްޖާ ވިހައިގެން ހާލު ދެރަވެގެން އެރަށުން ސިއްހީ ފަރުވާވެސް ހޯދާފައިވެއެވެ.