ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދެމެހެއްޓުމުން ބުނެދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ސިޔާސަތު ހަރުދަނާކަން ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ސިނާއަތުގެ 95 ޕަސެންޓު ހިއްސާކުރާ 3 ކުންފުނީގެ ތެރެއިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ތައްޔާރު ކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވާ ދެކުންފުނިން އެއް ކުންފުނި ކަމުގައި ވާ ފިޗް ރޭޓިންސް (ފިޗް) އިން ރާއްޖޭގެ ކްރެޑިޓް ރޭޓިންއަކީ ބީ ޕްލަސް ކަމަށް ނިންމާ އެކަން އާންމުކޮށްފައިވަނީ އިއްޔެއެވެ.
ފިޗުން ބުނީ ބީ ޕްލަސް ކްރެޑިޓް ރޭޓިން އެއްގެ ގޮތުގައި ދަމަހައްޓާފައި ވަނީ ރާއްޖޭގެ އިތުރުވެފައިވާ ދަރަންޏާއި، ރާއްޖެއިން ކުރަމުންދާ ހަރަދުގެ ނިސްބަތަށް ބަލާއިރު ރިޒާވް ކުރެވޭ ބޭރު ފައިސާގެ ރިޒާވް މަދުވުމުން ކުރިމަތި ވެދާނެ ނޭދެވޭ އަސަރަކުން ސަލާމަތް ވުމަށް އެކަށޭނެ ވަސީލަތްތަކެއް ރާއްޖޭގައި ހުރިކަމުގައި ފާހަގަ ކުރެވޭތީއެވެ. 2017 ވަނަ އަހަރު ކަނޑައަޅައިފައިވާ ކްރެޑިޓް ރޭޓިން އަށްފަހު އަލުން ރިވިއު ކޮށްފައިވަނީ މިއަހަރުއެވެ.
ފިޗްގެ ރޭޓިންއާ ގުޅޭގޮތުން ކުރީގެ އިކޮނަމިކް މިނިސްޓަރު ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފިޗުން ރާއްޖެއަށް ދީފައިވާ ރޭޓިން ދެމެހެއްޓުން ބުނެދެނީ ރައީސް ޔާމީންގެ އިގްތިސާދީ ސިޔާސަތަކީ ދެމެހެއްޓެނެވި ދިގުރާސްތާ އަދި ހަރުދަނާ ސިޔާސަތެއްކަމެވެ. އަދި އެ ސިޔާސަތުތައް ބައިނަލްއަގުވާމީ ބަލައިގަތުން ލިބިގަތުން ކަމަށެވެ.
ސޮވެރިން ކުރެޑިޓް ރޭޓިން އަކީ ދައުލަތެއްގައި ހުންނަ ދަރަނި އަނބުރާ އަދާކުރުމުގެ ގާބިލުކަން ހުރި މިންވަރު އަންދާޒާ ކުރުމަށް، އެ މަސައްކަތައް ހާއްސަ އިދާރާއަކުން ތައްޔާރު ކުރާ އެސެސްމަންޓުގެ ނަތީޖާއަށް ކިޔާ ނަމެކެވެ.
ފިނޭންސް މިނިސްޓްރީން ބުނީ މިކަމުން ފިޗް އިން ރާއްޖެއަށް ކުރާ އިތުބާރު ދައްކުވައިދޭ ކަމަށެވެ. އެގޮތުން ފިޗް އިން ވަނީ ކުރިޔަށްވުރެ ސްޓްރެޓެޖިކް އަދި ދެފުށް ފެންނަ އުސޫލަކުން ހަރަދު ކުރުމަށް ދައުލަތުން ކުރާ މަސައްކަތާއި، ބޭރު ގައުމުތަކާ އޮންނަ ގުޅުމާ، އިގްތިސޯދީ އަދި އިޖްތިމާއީ ކަންކަން ކުރި އެރުވުމަށް ކުރަމުން ދާ މަސައްކަތް ފާހަގަ ކޮށްފައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.