ރޭގަނޑުގެ ވަގުތުތަކުގައި ދުނިޔޭގެ ސަތަހައަށް އަލިކަން ގެނެސްދޭ ސެޓެލައިޓް ނުވަތަ ހަނދުގެ ސައިޒް ކުޑަވަމުން އަންނަ ކަމަށާއި، މިކަމުގެ ސަބަބުން ހަނދުގެ ބޭރު ސަތަހައިގައި "ރޫތަކެއް" ޖެހި، ލޮޅުންތަކެއް އަރަމުންދާކަމަށް، އެމެރިކާގެ ޖައްވީ އިދާރާ ނާސާގެ ލޫނާ ރެކޯނެއިސަންސް އޯބިޓާ (އެލް.އާރް.އޯ)ގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓުން ބުނެފިއެވެ.

މި މިޝަންއިން ނަގާފައިވާ 12000 އަށްވުރެ ގިނަ ފޮޓޯގެ ދިރާސާ ނަތީޖާއަށް ބަލާއިރު، ހަނދުގެ އެންމެ އުތުރު ތަނޑިއާއި ކައިރީގައި އޮންނަ މެއާ ފްރިގޯރިސްއޭ ކިއުނު ސަރަހައްދަށް ދަނީ ބަދަލުތަކެއް އަންނަމުންނެވެ. އެގޮތުން އެސަރަހައްދުގައި ރެނދުތަކެއް އެޅި، ކޮޅުކޮޅަށް ބަދަލުތަކެއް އަންނަކަން ނާސާގެ ހޯދުންތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

ދުނިޔޭގައި އުފެދިފައިވާ ޓެކްޓޯނިކް ޕްލޭޓްސްއާއި ހިލާފަށް ހަނދުގައި މިފަދަ ޕްލޭޓްތަކެއް ނުހުރެއެވެ. އޭގެ ބަދަލުގައި ހަނދަށް ލޮޅުންތައް އަރަމުންދަނީ މީގެ 4.5 ބިލިއަން އަހަރު ކުރިން ހަނދު އުފެދިގެން އައިއިރު އޭގައި އެކުލެވުނު ހޫނުގެ މާއްދާ، މަޑުމަޑުން ގެއްލޭ ގޮތްވާން ފެށުމުންނެވެ. ނަތީޖާއަކަށްވަނީ، މޭބިސްކަދުރެއް ގިނަ ދުވަސްވުމުން ހިކިގެންގޮސް އޭގައި ރޫތަކެއް ޖެހި، ހިއްކިމޭބިސް ކަދުރު (ރެއިޒިން) ފުކަކަށް ވާހެން، ހަނދުގެ ސަތަހާގައި ރޫޖެހޭ ގޮތްވުމެވެ.

ހަނދަށް އަންނަމުންދާ މި ޖިއޮލޮޖިކަލް ބަދަލާއެކު، ފާއިތުވީ އެތައް ސަތޭކަ މިލިއަން އަހަރަށް ބަލާއިރު ހަނދުގެ ސައިޒުން 50 މީޓަރު އުނިވެފައިވާކަމަށް ހޯދުންތަކުން ވަނީ ދައްކާފައެވެ.

މި ދިރާސާގެ ހޯދުންތައް އާންމުކޮށް ޝާއިއުކޮށްފައިވަނީ "ނޭޗާ ޖިއޯސައިންސް" ގައެވެ.