ކެންސަރުގެ ސަބަބުން އިންތިހާއަށް ވޭންހުރި ދުވަސްތަކެއް ގުނަމުންދާ އުމުރުން އެންމެ 5 އަހަރުގެ ހެރީ ޝޯއަށް ހިތްވަރު ދިނުމުގެ ގޮތުން، މަޝްހޫރު ރޭސާ ލުވީސް ހެމިލްޓަންގެ ފޯމިއުލާ ވަން ކާރެއް އެކުއްޖާއަށް ރަމްޒީކޮށް ހަދިޔާކޮށްފިއެވެ.

ލުވީސް ހެމިލްޓަންވަނީ ދާދިފަހުން ބޭއްވި ސްޕެނިޝް ގްރޮންޑް ޕްރީގައި އޭނާއަށް ލިބުނު ކާމިޔާބީވެސް، ސަރީއަށް ނިސްބަތްވާ ހެރީއަށް ހަދިޔާއަށްކޮށްފައެވެ.

ހެރީއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ޒާތުގެ ކަށީގެ ކެންސަރުގެ އެންމެ ފަހު ސްޓޭޖުގައި، އުމުރުގެ އެންމެ ފަހު ދުވަސްތައް ގުނަމުންދާ ކުއްޖެކެވެ.

މާސިޑީޒްއިންވަނީ ލުވީސް ހެމިލްޓަންގެ ފޯމިއުލާ 1 ކާރުތަކުން ކާރެއް، ހެރީގެ ގޭ ދޮރުމަތީގައި ޕާކުކޮށްދީފައެވެ. އެ ކާރު ކައިރީގައި ހެރީ އޭނާގެ ބައްޕަގެ އުރުގައި އިންނާތީ ފެންނަ ފޮޓޯއެއް މިހާރު ވަނީ ސޯޝަލް މީޑިއާގެ ސަމާލުކަން ހޯދާފައެވެ. މި ކާރު ކައިރީގައި ފޮޓޯއެއް ނެގުމަށް ހެރީ ބޭރަށް ނިކުތް ވަގުތަކީ، ބަލި ހާލަތު ހުރި ގޮތުން ގެއިން ބޭރަށް ނުނިކުމެ 3 ހަފުތާއެއްހާ ދުވަސްވަންދެން ހުރުމަށްފަހު އޭނާ ބޭރަށްވެސް ނިކުތް ފުރަތަމަ ފަހަރެވެ.

ލުވީސް ހެމިލްޓަންވަނީ ބާސެލޯނާގައި އޭނާއަށް ލިބުނީ ޓްރޮފީގެ އިތުރުން ރޭސް ޖެހުމަށް އޭނާ ބޭނުންކުރި އަންގި ޖޯޑެއްވެސް ހެރީއަށް ހަދިޔާކޮށްފައެވެ.

ހެރީގެ ބައްޕަ ޖޭމްސް ޝޯ ބުނީ، ހެރީއަށްޓަކައި ލުވީސް ހެމިލްޓަން ރޭހެއް ކާމިޔާބުކޮށް، އެ ޝަރަފު އޭނާގެ ދަރިފުޅަށް ހަދިޔާކުރި ކުރުމަކީ ބަޔާންކޮށްދޭން ދަތި އިހުސާސްތަކެއް ކުރިވި ކަމެއް ކަމަށެވެ. މިއީ ދިރިއުޅުމުގައި އިންތިހާއަށް ހިތްދަތި ވަގުތެއް ކަމަށާ، ނަމަވެސް ލުވީސް ހެމިލްޓަންގެ އެއްބާރުލުމާއެކު އާއިލާއަށް ހިސާބެއްގެ ހިނިތުންވުމަކާ އުފަލެއް ލިބިފައިވާކަމަށްވެސް ހެރީގެ ބައްޕަ ވަނީ ބުނެފައެވެ.

ކާރު ދެކެ އިންތިހާއަށް ލޯބިވާ ހެރީވެސް ހުރީ މިފަދަ ގޮތަކަށެވެ. ލުވީސް ހެމިލްޓަން އެ ދައްކަނީ ހަމަ އެ ހެރީގެ ވާހަކަ ކަން ގަބޫލުކުރަންވެސް އެ މައުސޫމު ކުއްޖާ ހުރީ ދަތިވެފައެވެ. ޖޭމްސް ބުނީ، ހެރީގެ އެންމެ ގާތް އެކުވެރިޔަކީ ލުވީސް ހެމިލްޓަންކަމަށް ހެރީ މިހާރު ބުނަމުންދާކަމަށެވެ.