މިއަދު ހަވީރު އަމީނީ މަގުގައި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށް އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ދެ ސައިކަލު ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ ސައިކަލުގައި ތިބި ދެމީހުންގެވެސް ކަނާތު ފަޔަށް ކަމަށް ފުލުހުން ބުނެއެވެ.

މި ދެ ސައިކަލު އެކްސިޑެންޓް ވެފައި ވަނީ އަމީނީ މަގު ފުރުގާން މިސްކިތް ކައިރިން މަގުގެ ދެކޮޅަށް ދުއްވާފައި ދިއުމުގެ ތެރޭގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓު ހިނގަން މެދުވެރިވެފައި ވަނީ މި ތަނުން އެއް ސައިކަލު ނުބައި ލޭނެއްގައި އޯވާޓޭކް ކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ.

މި އެކްސިޑެންޓުގައި އަނިޔާ ވެފައި ވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކަށާ އުމުރުން 31 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. 23 އަހަރުގެ މީހާ އަތުގައި ލައިސަންސް އޮތް ނަމަވެސް 31 އަހަރުގެ މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށް ފުލުހުން ބުނެއެވެ.

މި ރޯދަމަސް ފެށުނު ފަހުން އެކްސިޑެންޓް ހިނގާ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން ހުޅުމާލެ އަދި މާލޭ ގައި ހިނގި އެކްސިޑެންޓްތަކުގައި ވަނީ ގިނަ ބަޔަކަށް އަނިޔާ ވެފައެވެ.