ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ބައިނަލްއަގުވާމީ މިއުޒިކް ފްރެންޗައިޒް ޝޯ "މޯލްޑިވިއަން އައިޑްލް"ގެ 3 ސީޒަންގައިވެސް ފަނޑިޔާރުކަންކޮށްފައިވާ ކުޅަދާނަ ލަވަކިއުންތެރިޔާ މަރްޔަމް އުނޫޝާ (ކިޑީ) މަންމައަކަށް ވެއްޖެއެވެ.

ކިޑީގެ މެނޭޖާ އަދި ފިރިމީހާ އިބްރާހީމް ހަމީޝް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓުގައި ބުނެފައިވާ ގޮތުން ކިޑީގެ ދެމަފިރިންގެ އަލަތު ދަރިފުޅު މި ދުނިޔެއަށް ފުރަތަމަ ނޭވާލާފައިވަނީ މެއި 12 ވީ ހޯމަ ދުވަހުގެ 10:10 ގައި، އޭޑީކޭ ހޮސްޕިޓަލަށް ކަމަށެވެ. މިއީ މަންމައިންގެ ދުވަހުގެ ގޮތުގައި ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރަމުންދާ ދުވަސްކަމުން، ކިޑީއަށް ލިބުނު އުފާވެރިކަން ވަކިން ބޮޑުވާނެ ކަމަށް ގަބޫލުކުރެވެއެވެ.

ކިޑީގެ ދެމަފިރިންނަށް ލިބުނު މި އުފާވެރި ޚަބަރާއިއެކު ހެޔޮ އެދޭ ފަރާތްތަކުން ފޮނުވަމުންދާ ހުރިހާ މެސެޖަކަށް ވަކިވަކީން ޖަވާބު ނުދެވޭތީ މައާފަށް އެދޭ ކަމަށާ، ނަމަވެސް ހުރިހާ ފަރާތްތަކަށް ނިހާޔަތަށް ޝުކުރުވެރިވާކަމަށް ހަމީޝްގެ ޕޯސްޓުގައި ވަނީ ފާހަގަކޮށްފައެވެ.

ކިޑީއާއި ހަމީޝްއަށް ލިބިފައިވަނީ ފިރިހެން ކުއްޖެއް ކަމަށާ، ދެމައިންގެ ހާލުވެސް ރަނގަޅުކަމަށް ކިޑީގެ ޕީއާރް ކޮންޓެކްޓްގެ މަގާމުގައިވެސް ހުރި ހަމީޝްވަނީ ބުނެފައެވެ.

ދަ ޕްރެސްގެ ޓީމުން ކިޑީއާއި ހަމީޝްއަށް ވަރަށް ހާއްސަ މަރުހަބާއެއް ކިއަމެވެ.