ނިމިގެން ދިޔަ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރި ދުވަސްވަރުގައި މަރިޔަމް އަންޖަލް ސިޖްނީން ކިޔާ ކުއްޖަކު ކުރަހާފައި ދިން ތަސްވީރެއް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މުލިއާގެ ފާރުކޮޅުގައި ހަރުކޮށްފައި ވާކަމަށް އެ ކުއްޖާގެ މަންމަ ލިޝާނާ ބުނެފިއެވެ.

ކެމްޕޭން ދުވަސް ވަރުގެ ތެރޭގައި އަންޖަލް އެ ތަސްވީރު ކުރަހާފައި ވަނީ އޭނާގެ މަންމަ ސަޕްރައިޒެއް ދިނުމަށެވެ. އަންޖަލްގެ މަންމަ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އަންޖަލްގެ އުފަންދުވަހުގައި ރައީސް ގުޅުއްވާ އުފަންދުވަހުގެ ތަހުނިއާ ވިދާޅުވެފައިވާ ކަމަށެވެ.

އަންޖަލް ކުރެހި ތަސްވީރުގައި ލިޔެފައި ވަނީ "އިބޫއަކީ ވަރަށް ރަނގަޅު ރައީސެކެވެ. އަދި އޭނަ ކުދިން ދެކެ ލޯބިވެއެވެ. އަދި އިބޫގެ ކުލަޔަކީ ރީނދޫ ކުލައެވެ. (އިބޫ އޯކޭ) އިބޫގެ ވާހަކަ އަދި ކަނބޯ އިބޫ ދެކެ ލޯބިވެއެވެ." މިހެންނެވެ.

މީގެ އިތުރުން ލިޝާނާ ބުނީ، އެއްދުވަހު މުލިޔާގެ ބަލަން އައުމަށް އަންޖަލްއަށް ދައުވަތު ދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ. އިބްރާހިމް މުހައްމަދު ސޯލިހް މިހާރު ދިރިއުޅުއްވަމުން ގެންދަވާ މުލިއާގެ ބަލާލަން ދިއުމަކީ އަންޖަލްގެ ހުވަފެނެއް ކަމަށް އޭނާގެ މަންމަ ބުނެއެވެ.

އަންޖަލްގެ މަންމަ ވަނީ ކުޑަ ކުދިންނާ މެދު ރައީސް ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާ ކޮށްފައެވެ. ހަމައެހެންމެ ކުޑަ ކުދިންނާ މެދު ރައީސް ބަހައްޓަވާ ގާތްކަމަކީ ވަރަށް ގިނަ ބަޔަކު އެކަން ފާހަގަކޮށް ރައީސަށް ތައުރީފް ކުރަމުން ގެންދާ ކަމެކެވެ.