މި ދެތިން ދުވަހަކު އިންޓެނެޓްގެ ކޮންމެ ހިސާބަކަށް ބަލާލި ކަމުގައި ވީ ނަމަވެސް ފެންނާނީ މަންމައިންގެ ދުވަހުގެ ވާހަކަތެކެކެވެ. ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ މަންމައިންގެ ދުވަހާ ގުޅުވައިގެން ތަފާތު އެކި ވާހަކަތައް އެކި ގޮތްގޮތުން އިންޓެނެޓްގެ ޒަރިއްޔާއިން ފެތުރި، ދައުރުވަމުން ގޮސް މިފަހަރު އަޑު މިއިވުނީ ތަފާތު ވާހަކައެކެވެ. މިއީ މަންމައިން ނެތި، ދަރިން ބޮޑުވަމުން އަންނަ އަވަށެއްގެ ވާހަކައެވެ.

މިކަމެއް ހިނގަނީ އިންޑޮނޭޝިއާގެ އިރުމަތީ ސަރަހައްދުތަކުގައެވެ. މި ސަރަހައްދުގައި ދިރިއުޅޭ ހުރިހާ ޒުވާން މަންމައިން ވަނީ އެކި ކަހަލަ މަސައްކަތްތަކުގައި އަމިއްލަ ވަޒަން ދޫކޮށް ހިޖުރަކޮށްފައެވެ.

އާމްދަނީ ހޯދުމަށް މަންމަ ސައުދީ އަރަބިއްޔާއަށް ހިޖުރަކުރުމުން މާމައާއިއެކު ދިރިއުޅެމުންދާ އެލީ ސުސިއަވަތީ/ފޮޓޯ: ބީބީސީ

އެލީ ސުސިއަވަތީގެ މަންމަ މަސައްކަތު ހިޖުރަ ކުރީ އެލީގެ އުމުރުން އެންމެ 11 އަހަރުގައެވެ. މިކަން ކުރުމަށް އެލީގެ މަންމައަށް މަޖުބޫރުވީ އޭނާގެ ކައިވެނި ރޫޅުނު ހިސާބުންނެވެ. އެލީގެ މަންމަ މާޝިއާއަށް މަޖުބޫރުވީ އާމްދަނީ ހޯދުމަށް ސައުދީ އަރަބިއްޔާއަށް ދިރިއުޅުން ބަދަލުކުރާށެވެ. އެލީ ބެހެއްޓީ އޭނާގެ މާމަ ގާތުގައެވެ. ނަމަވެސް އެލީ ވަނީ މައިވަންތަ ލޯތްބާ ކުލުނަށް ފެންބޮވައިގަނެފައިވާކަން އޭނާގެ ވާހަކަތަކުން ހެކިދެއެވެ.

"ބައެއް އެހެން ކުދިން މަންމެންނާ އެކު އުޅޭތަން ފެނުނީމަ ހިތްދަތިވޭ. މަންމަވެސް މިކޮޅަށް (އިންޑޮނޭޝިއާ)އަށް އަންނާނެ ނަމައޭ ހިތަށް އަރާ. މަންމަ އަބަދު ބޭރަށް ދާކަށް ބޭނުމެއް ނޫން. އަހަރަމެން (ދަރިން) ގާތު ގޭގައި މަޑުކުރަން ބޭނުންވަނީ" އޭނާގެ ހިތުގައި ދައުރުވަމުންދިޔަ އިހުސާސްތަކުގެ ކުޑަ މިންވަރެއް އެލީ ބޭރުކޮށްލިއެވެ.

އެލީ ނިސްބަތްވަނީ އިރުމަތީ އޮންޑޮނޭޝިއާގެ އީސްޓް ލޮމްބޮކްގެ ވަނަސާބީ އަވަށަށެވެ. މި އަވަށުގެ މަންމައިންނަކީ ދަރިންނަށް ދިރިއުޅުމެއް ހޯދާދިނުމަށްޓަކައި އަމިއްލަ ވަޒަން ދޫކުރަން މަޖުބޫރުވެފައިވާ ބައެކެވެ. މި ސަރަހައްދުގައި ދިރިއުޅޭ ފިރިހެނުން މަސްހޫލުވެއުޅެނީ ދަނޑުގޮވާން ކުރުމުގެ މަސައްކަތުގައެވެ. އެހެން ހިސާބުތަކަށް އަންހެނުން ހިޖުރަކުރަނީ ގޭގައި ނޯކިރީ ކޮށްދިނުމަށާ އެހެން މީހުންގެ ދަރިން ބެލުމަށެވެ. އަންހެނުންނަށް ލިބޭ އާމްދަނީއާއި އަޅާ ބަލާއިރު އަވަށުގައި ތިބެގެން މަސައްކަތްކުރާ ފިރިހެންވެރިންނަށް ލިބެނީ ގާތްގަނޑަކަށް 4 ބައިކުޅަ އެއްބައިހާ ކުޑަ ފައިސާކޮޅެކެވެ.

ޗުއްޓީގައި މަންމަ އައުމުންވެސް ކަރީމަތުލް އަދީބިއްޔާ ބޭނުންވަނީ އޭނާގެ ބޮޑުދައިތައާއިއެކުގައި ދިރިއުޅެން/ފޮޓޯ: ބީބީސީ

ކައިވެނި ނުރޫޅި ތިބި އާއިލާތަކުގެ މައިން މަސައްކަތު ހިޖުރަކުރުމުން ދަރިންގެ ހުރިހާ ކަމެއް ކުރުމާ ހަވާލު ވަނީ ބަފައިންނެވެ. ނުވަތަ އޭގެ ދުރަށް އޮންނަ އާއިލާގެ މެމްބަރުންނެވެ. ނަމަވެސް މަޔަކާ ވަކިން އުޅެންޖެހުމުގެ ހިތްދަތިކަމީ މިއަވަށުގެ ކޮންމެ ކުއްޖަކުހެން މިއަދު ކުރަމުންދާ ހިތާމައަކަށް ވަނީ ވެފައެވެ.

ކަރީމަތުލް އަދީބިއްޔާގެ މަންމަ އޭނާ ދޫކޮށް މަސައްކަތު ހިޖުރަކުރީ އަދީބިއްޔާގެ އުމުރުން އެންމެ 12 މަހުގައެވެ. އެދުވަސްތަކުގައި މަންމައާއި އެކުގައި އުޅުނު އެއްވެސް ހަނދާނެއް އަދީބިއްޔާގެ ނެތެވެ. އަދީބިއްޔާއަށް އޭނާގެ މަންމަ އެންމެ ފުރަތަމަ ފަހަރަށް ފެނުނީ ފަށާ ތައުލީމުގެ މަރުހަލާ ނިމުމާ ގާތްވެފައިވަނިކޮށެވެ. ނަމަވެސް އެ ބައްދަލުވުންވީ އާއިލާއަށް ލިބުނު ފުން ހިތާމައަކަށެވެ. އަދީބިއްޔާ ބުނި ގޮތުގައި އޭނާގެ މަންމަގެ ޝަކުވާއަކަށްވީ އަސްލު މަންމައަކީ ކޮބައިކަން އަދީބިއްޔާއަށް އޮޅިފައި އޮތުމެވެ. އަދީބިއްޔާ ދުށް ގޮތުގައި އޭނާގެ މަންމައަކީ އޭނާ ބަލާ ބޮޑުކުރި ބޮޑުދައިތައެވެ. ނަމަވެސް މަންމައަކީ ކޮބައިކަން އަދީބިއްޔާއަށް ނޭނގުމުން އެކަމާ އޭނާގެ މަންމަ ހިތާމަ ކުރި ކަން އަދީބިއްޔާ ކިތަންމެ ރަނގަޅަކަށްވެސް ހަނދާން އެބަހުއްޓެވެ.

ކަރީމަތުލް އަދީބިއްޔާ އޭނާގެ ބޮޑުދައިތައާއިއެކުގައި/ފޮޓޯ: ބީބީސީ

އަދީބިއްޔާގެ ބޮޑުދައިތަ ބުނި ގޮތުގައި އޭނާގެ މަންމަގެ ފޮޓޯގަނޑެއްހާ ހިސާބުވެސް އެއާއިލާގެ އަތަކު ނެތެވެ. އެނގޭހާވެސް އެއްޗަކީ އެ މަންމަގެ ނަމާ އެޑުރެހެވެ.

"ދިރިއުޅުމުގައި މަންމަ 'މިސްވި'ވަރު ހިތަށް އިހުސާސްކުރެވުމުން އިންތިހާއަށް ދެރަވި. އެކަމަކު އަހަރެންގެ ގާތުގައި މަންމަ މަޑުނުކުރުމުން ރުޅިވެސް އައި" އޭނާގެ މަންމައާއި ފުރަތަމަ ފަހަރަށް ބައްދަލުވި ދުވަހުގެ ވާހަކަ ހިއްސާކުރަމުން އަދީބިއްޔާ ކިއާދިނެވެ.

މިހާރު އުމުރުން 13 އަހަރު ފުރިފައިވާ އަދީބިއްޔާ ދަނީ ވީޑީއޯ ކޯލް މެދުވެރިކޮށް އޭނާގެ މަންމައާއި ގަވައިދުން ގުޅާ ހަދަމުންނެވެ. ނަމަވެސް އެ ގުޅުމުގައި އަދިވެސް އަޑިގުޑަންތަކެއް ހުރިކަން އަދީބިއްޔާ ފާހަގަކުރެއެވެ.

އިންޑޮނޭޝިއާގެ ޒުވާން ޖީލުތައް ދަނީ އެހެން ގައުމަކަށް ހިޖުރަ ނުކޮށް ދިރިއުޅުން އާރާސްތުކުރެވޭނެ ގޮތްތައް އިންތިޒާމު ކުރަމުން/ފޮޓޯ: ބީބީސީ

"މަންމަ ޗުއްޓީއަށް ގެއަށް އަޔަސް، އަހަރެން ބޭނުންވަނީ ބޮޑުދައިތަ ގާތުގައި ހުންނަން. މަންމަ ބޭނުންވަނީ އެދުވަސްކޮޅު މަންމަ ގާތުގައި މަޑުކުރަން. އެކަމަކު އަހަރެން ޖަވާބުގައި ބުނަނީ ފަހުން އަންނާނަމޭ"، މިހާރު އޭނާގެ މަންމައާއި އޮންނަ ހީނަރު ގުޅުން ސިފަކުރަމުން އަދީބިއްޔާ ކިޔާދިނެވެ.

އަދީބިއްޔާގެ ބޮޑުދައިތަ ބާއިގު ނޫރުޖައްނާއަކީ އަދީބިއްޔާ ފަދަ 9 ކުއްޖަކު ބަލާބޮޑުކުރި މުރާލި އަންހެނެކެވެ. އެ 9 ކުދިންގެ ތެރޭގައި އޭނާއަށް އުފަން ހުރީ ހަމަ އެންމެ ކުއްޖެކެވެ. އަނެއް 8 ކުދިންނަކީ އޭނާއަށް ބޮޑުދައިތަ ކިއާ ކުދިންނެވެ. އެ ހުރިހާ ކުދިންގެ މަންމައިން ވީ ގައުމުން ބޭރަށް މަސައްކަތު ގޮހެވެ.

"އެ ކުދިން އަހަރެންނަށް ކިއާނީ ބޮޑު މަންމަން. އެކުދިންނަށް އަހަރެން އެއްވެސް ތަފާތެއް ނުކުރަން. އެއީ ހަމަ އަހަރެންނާ އެއްބަނޑު އެއްބަފާ ދަރިންތަކެއް ފަދަ. އެންމެ އުފާވަނީ އެކުދިން އަހަރެންނަށް ބޭނުންޖެހޭ ހިނދު އެކުދިންގެ ގާތުގައި ހުރެވޭތީ"، މިހާރު އުމުރުން ފަންސާހުން މައްޗަށް ގޮސްފައިވާ ނޫރުޖައްނާ، ހިނިތުންވެލައިގެން އިނދެ ﷲ އަށް ހަމްދުކުރަމުން ކިއާދިނެވެ.

އާމްދަނީ ހޯދުމުގެ މަގުސަދުގައި އިންޑޮނޭޝިއާގެ ރައްޔިތުން އެހެން ގައުމުތަކަށް ހިޖުރަކުރަން ފެށީ 1980ގެ އަހަރުތަކުގެ ތެރޭގައެވެ. ނަމަވެސް މިކަމަށް އެކަށީގެންވާ ގާނޫނުތަކެއް ހެދިފައި ނެތުމުގެ ނަތީޖާ ބައެއް ފަހަރު އިންތިހާއަށް ހިތްދައްޗެވެ.

މަސައްކަތުދާ ހިޖުރަކުރާ މީހުން ބައެއް ފަހަރު އާއިލާއަށް ދެން ފެންނަނީ ފުރާނަ ނެތް މަސްގަނޑެއްގެ ގޮތުގައި ސަންދޯކެއްގެ ތެރޭގައި އޮއްވައެވެ. އަނެއްބައި އަންހެނުން އެނބުރި ގައުމަށް އަންނަނީ އަރަބި ކޮންމެވެސް ގައުމެއްގެ މީހަކަށް ބަލިވެއިނދެގެން ލިބުނު ދަރިންވެސް ގޮވައިގެންނެވެ. އެކުދިންނަށް އިންޑޮނޭޝިއާގައި ކުރިމަތިލާންޖެހޭ ފުރައްސާރަކުރުންތައްވެސް މަދެއް ނޫނެވެ. މިގޮތަށް ލިބޭ ދަރިންނަށް އެ ގައުމުތަކުގައި ތިބޭ ބައެއް ބަފައިން ޚަރަދުކުރެއެވެ. އަދި އެ ދަރިންގެ މައިން އެނބުރި އަރަބި ގައުމަށް ދާންނުޖެހޭ ވަރަށް ފައިސާވެސް ދޭކަމަށްވެއެވެ.

މިހުރިހާ ކަމަކާއެކު އިންޑޮނޭޝިއާގެ ފުރާވަރު އަންހެން ކުދިން އަޒުމު ހިފާފައިވަނީ "އަޅުން"ގެ ގޮތުގައި އެހެން ގައުމަކަށް ހިޖުރަ ނުކޮށް ދިރިއުޅުން އާރާސްތުކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށެވެ.