ރިޕޯޓް ލިޔެ ނިންމާލުމަށްފަހު އަހަރެން ގޮނޑީގައި ހަމަޖެހިލީމެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ލޮލުގައި އަޅާފައިވާ ނަންބަރު އައިނު ރަނގަޅުކޮށްލާ، މޭޒުމަތީ ހުރި މޮނީޓަރުގެ ސްކްރީން ކައިރިއަށް ޖެހިލުމަށްފަހު އެ ލިޔުމުގެ ކުށްފިލުވާލަން ކިޔާލަން އަހަރެން މަސައްކަތް ކުރީމެވެ. ވެފައިވާ ވަރުބަލިން ދެލޮލަށް ބަރުވާތީ އައިނު ނަގާ ދެލޯ ފޮހެލީމެވެ. މޫނުމައްޗަށް ވެއްޓިފައިވާ އިސްތަށިތައް ރަނގަޅުކޮށްލުމަށްފަހު ކަނދުރާގައި އަތުން ފިރުމާލީ ވާޅުކަމެއް އިހްސާސް ވާތީއެވެ.
އެ ރިޕޯޓް ފޮނުވާލުމުގެ ކުރިން ކުށެއް ހުރިތޯ އަދި ކިޔާލަން އަހަރެން ބޭނުމެވެ. ނަމަވެސް ލޮލުގައި އެހާ ހިތްވަރެއް ނެތުމުން މޭޒުމަތީ ހުރި ހުސް ކޮފީތަށި ހިފައިގެން އަހަރެން ކައިރިވެލީ ކޮފީ މެޝިން ހުރި ދިމާއަށެވެ. މުޅި އޮފީސްތެރެއަށް އަހަރެން ނަޒަރު ހިންގާލީ އޮފީސްތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ރޭގަނޑު ލަސްވަން ދެން އަހަރެން މަސައްކަތްކުރަން މަޑުކޮށްގެން ހުރީ މާދަމާއިން ފެށިގެން އަހަރެން ޗުއްޓީއެއް ނަގަން އެދިފައި ވާތީއެވެ. އޭގެ ކުރިން އަހަރެން ހަވާލުވެފައިވާ ރިޕޯޓުތައް ލިޔެ ނިންމާ ހުށަހަޅާނަން ކަމަށް އިސްކޮށް މަސައްކަތްކުރާ އެ ނޫހުގެ އެޑިޓަރު ގާތުގައި ބުނެފައި އޮތުމުންނާ ވެސް އެކީގައެވެ.
ކޮފީތައްޓެއް ހިފައިގެން އައިސް އަހަރެން މޭޒު ކައިރީ އިށީން އިރު އަހަރެންގެ ފިރިމީހާގެ މިސްޑް ކޯލެއް ފޯނަށް އައިސްފައި އޮތެވެ. ފޯނު ނެގުމަށްފަހު ފަނަރަ ވަރަކަށް މިނެޓް ތެރޭ އަހަރެން ބަލާ އަންނާށޭ ހައިޝަމް ގާތު ބުނީމެވެ. އެއަށްފަހު ލޮލުގައި އައިނު އަޅާލަމުން އަހަރެން ލިޔެ ނިންމާލި ރިޕޯޓު ކިޔަން އަވަސްވެގަތީމެވެ. ކުށް ފިލުވާލުމަށްފަހު އެ އާޓިކަލް އެޑިޓަރަށް ފޮނުވާލި އިރު އަހަރެން އިނީ ވަރަށް ބޮޑަށް ވަރުބަލިވެފައެވެ. ގެއަށް ގޮސް އަރާމުކޮށް ނިދާލަން ބޭނުންވެފައެވެ. ފިރިމީހާއަށް މެސެޖެއް ކޮށްލުމަށްފަހު އޭނާ އަންނަން ދެން އަހަރެން ގޮނޑީގައި ލެނގިލައިގެން ހަމަޖެހިލީ ބުރަކައްޓަށް ވެފައިވާ ވާޅު ތަދަށް އަރާމެއް ހޯދާށެވެ.
އޭސީން ހަށިގަނޑަށް ލިއްބައިދެމުން ދިޔަ އަރާމު ފިންޏަށް ގެނބިގެން ދިޔަ އިރު އަހަރެންގެ ލޮލުގެ އެސްފިޔަތަކަށް ބަރުވާން ފަށައިފިއެވެ. ހީވެސް ނުކުރާހާ އަވަހަށް އަހަރެންގެ ދެލޮލަށް ނިދި ސާވާރުވެ ދެލޯ މެރިއްޖެއެވެ.
އެއްޗެއް ތަޅައިގެން ދިޔަ ކަހަލަ އަޑެއް އިވުމުން އަހަރެން ދިޔައީ ސިއްސައިގެންނެވެ. ނިދިޖެހިފައި ގޮނޑީގައި އޮތް ގޮތުން އަހަންނަށް ފުންމައިގެން ތެދުވެވޭ ގޮތެއް ނުވިއެވެ. ތެދުވަން ހަށިގަނޑަށް ގެނައި ކުއްލި ހަރަކާތާ އެކު އަރިއަޅާލައިގެން ނުވެއްޓުނީ ހަމަ ކިރިއާއެވެ. ލޮލުގައި އަޅާފައިވާ އައިން ރަނގަޅުކޮށްލަމުން އަހަރެން މަޑުމަޑުން ވިސްނާލީ އެ އިވުނު އަޑާ މެދެވެ. އަހަރެން ހުރި މޭޒުދަށުން ތެދުވަން އުޅެފައި ވެސް މަޑުޖެހިލެވުނީ ބަޔަކު އަޑުގަދަކޮށް ޒުވާބުކުރާ ކަހަލަ އަޑެއް އިވުމުންނެވެ.
އަތުކުރީގައި އަޅާފައިވާ ގަޑިއަށް ބަލާލެވުނީ އިވެމުންދިޔަ އަޑުތަކުން އެ ވާހަކަތަކަކީ އަހަންނާ ކޮންމެވެސް ވަރެއްގެ ގުޅުމެއް ވާ ވާހަކައެއްކަން އެނގުމުންނެވެ. ދަންވަރު އެއްގަޑިބައިވި އިރު އެޑިޓަރުގެ ކޮޓަރީގައި ވާހަކަ ދައްކާ އަޑުގަދަ ކުރާ ބަޔަކު ބަލާލަން އަހަރެން ބޭނުންވިއެވެ. ސިއްރުސިއްރުން އަހަރެން ކުރިއަށް ހިނގައިގަތީ މޭޒުމަތީ އޮތް ފޯނު ހިފައިގެންނެވެ.
އެޑިޓަރުގެ ކޮޓަރިއާ ގާތްވި އިރު އެ ކޮޓަރީގެ ދޮރު އެއްކޮށް ނުލެއްޕި ހުރިތަން އަހަންނަށް ފެނުނެވެ. އެތެރެއިން އިވެމުން ދިޔަ އަޑުތަކަށް ސަމާލުކަން ދެމުން ދިޔަ އިރު އެތަނުންގައި ވާހަކަ ދައްކަމުން ދިޔައީ ދެމީހުންނަށް ވުރެ ގިނަ ބައެއްކަންވެސް އަހަންނަށް ޔަގީންވިއެވެ. އަތުގައި އޮތް ފޯނު ކުރިއަށް ޖައްސާލަމުން އެތެރޭގައި ދެކެވެމުން ދިޔަ ވާހަކަ ރެކޯޑް ކުރަން އަހަރެން ހިތަށް އެރީ ކީއްވެކަމެއް އަހަންނަކަށް ނޭނގެއެވެ.
ފޯނު ދިއްކޮށްގެން އެތެރޭގައި ހިނގަމުން ދިޔަ ކަންތައްތައް ފެންނާނެހެން ވީޑިއޯ ކުރަމުން ދިޔަ އިރު އަހަރެން އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެތަނުގައި ތިބި މީހުންނަށް އެތާ އަހަރެން ހުރިކަން އެނގިއްޖިއްޔާ އަހަރެންގެ ދިރިއުޅުން ފުނޑުފުނޑުކޮށްލާނެކަން އެނގިހުރެވެސް އެކަން އަހަރެން ކުރަން ބޭނުންވީ ދެކެވެމުން ދާ ވާހަކައިގެ ގޮތުންނެވެ. މިހާ ދުވަސްވީ އިރުވެސް މީހުންނަށް ސިއްރުވެފައިވާ ކަމެއްގެ ވާހަކަ ދެކެވެމުން ދާތީ އަހަރެން ބޭނުންވީ އެ ވާހަކައިގެ ހަގީގަތް މީހުންނާ ހަމައަށް ފޯރުކޮށްދޭށެވެ.
އެތެރެއިން ދެކެވެމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދީގެން ހުރި އިރު އަހަރެންނަށް ހައިރާންކަމެއް ލިބުނީ މުއާޒްގެ ނަން އެމީހުން ނެގުމުންނެވެ. މުއާޒް ގެއްލިގެން އުޅުނު ވާހައާއި އޭނާ ނުފެނި ހޯދަމުން ދާ ވާހަކައާ ގުޅުންހުރި ހުރިހާ އާޓިކަލެއް ލިޔަނީ އަހަރެންނެވެ. އެ އާޓިކަލްތަކާ ގުޅޭ ގޮތުން އެމީހާ އެޑިޓަރާ އެތައް ސުވާލެއް ކުރުމުން އަހަރެންގެ ހިތުގައި ބުނެދޭން ނޭނގޭ ކަހަލަ ބިރުވެރިކަމެއް އުފެދުނެވެ.
އެ ވާހަކަތައް ވީޑިއޯކުރަމުން ދިޔައިރު ވާހަކަ ދައްކަމުން ދިޔަ މީހާގެ މޫނު ސާފުކޮށް ފެންނާނެހެން ފޯނު ހިފަހައްޓައިގެން ހުންނަން އަހަރެން މަސައްކަތް ކުރީމެވެ. އެ ވާހަކަތައް އަޑު އަހަން ހުރި އިރު އަހަރެންގެ ހިތުގެ ވިންދު ދިޔައީ އަވަސްވަމުންނެވެ. މުއާޒްގެ ދުވަސް ދުއްވާލަން ޖެހުނީ ސިޔާސީ ކަންކަމާ ގުޅުންހުރި ސިއްރުތަކެއް އޭނާގެ އަތުގައި ޖެހުމުން ކަމަށް އެމީހާ ބުންޏެވެ. އެ ކަމުގެ ތެރޭގައި އެކަން އެނގޭ އެންމެންގެ ދުވަސް ދުއްވާލެވިފައިވާ އިރު މުއާޒުގެ އަތަށް ލިބިފައިވާ އެއްޗެހިތަކެއް ނުފެންނާތީ އެ ތަކެތި ހޯދޭނެ ގޮތެއް އެމީހުން ބޭނުންވާ ކަމަށްވެސް ބުންޏެވެ.
ރަހުމް ކުޑަގޮތަކަށް މުއާޒް މަރާލި ފަދައިން އެޑިޓަރު މާރާލުމަކީ ވެސް އެމީހުންނަށް އުނދަގޫ ކަމެއް ނޫންކަމަށް ބުނެ އޭނާގެ އަތުގައި އޮތް ވަޅި އެޑިޓަރާ ދިމާއަށް ދިއްކޮށްލީ ބިރުވެރިގޮތަކަށެވެ. ލިބުނު ސިހުމާއެކީ އަހަރެންނަށް ތެޅިގަނެވުނީ އެ ވަޅިން އެޑިޓަރަށް ހަމަލާ ދެނީ ކަމަށް ހީވުމުންނެވެ. އަމިއްލަ މީހާގެ ނަފްސު ކޮންޓްރޯލް ނުކުރެވި ވީިޑިއޯ ކުރަން ހިފަހައްޓައިގެން ހުރި ފޯނު އަތުން ދޫވެގެން ވެއްޓުނީ އެކަމަށް އަހަރެން ނުވިސްނާ ހުއްޓައެވެ. އަޑެއް ނުލައްވާ އަވަހަށް ފޯނު ނަގަން އަހަރެން މަސައްކަތްކުރީ އެތާ ތިބި މީހުން ބޭރަށް ނުކުމެދާނެތީ ޖެހިލުންވެ ހުރެއެވެ.
"ކާކު... މިގަޑީ ކާކު އޮފީހުގަ އުޅެނީ... ކަލޭ ގައިމު ބުނި އެކަކުވެސް ނޫޅޭނޭ.. އެންމެން އޮފީސް ނިންމާފަ 10 ޖަހާއިރު ގެއަށް ދާނޭ..." އަޑަށް ބާރުލަމުން އެތަނުން އެކަކު ނޫހުގެ އެޑިޓަރާ ދިމާއަށް އިޝާރާތްކުރަމުން ވާހަކަ ދެއްކިއެވެ.
އެ ކޮޓަރި ތެރޭ ތިބި މީހުން ނުކުމެ ކޮޓަރިން ބޭރު ބަލާލަން ވާ އިރަށް އަހަރެންނަށް އެ ކޮޓަރި ފަހަނަ އަޅާ އޮފީހުން ބޭރަށް ނުކުނަން ހިނގައިގަނެވުނީ ހަމަ ކިރިއާއެވެ. އެވަގުތު އެތަނުގައި ތިބި މީހުން އޮފީހުން ނުކުމެވެން ހުރި މައިދޮރާ ދިމާއަށް އަންނާނެކަން އެނގެއެވެ. އެއިން ވާހަކައެއް ލީކް ވާކަށް އެމީހުން ބޭނުމެއް ނުވާނެއެވެ. އެތަނުގައި މީހަކު ހުރިތޯ ޔަގީންކުރަން އެމީހުން ދާނީ ތިރިއަށެވެ. އެހެންކަމުން ލިފްޓަށް ވެސް ނުފިއްތާ އަހަރެން މިސްރާބުޖެހީ ސިޑިން މައްޗަށެވެ.
ސިޑިން މައްޗަށް އަހަރެން އަރަން ސިޑިމަތިން ދުއްވައިގަތީ ލައިގެން ހުރި ފައިވާން އަތަށް ނަގައިގެން ހުސްފައިގައެވެ. އަޑެއް ނީވޭނެހެން އިނގިލި ކުރި ޖައްސައިގެން ހަރުފަތްތަކުން މައްޗަށް އަރަމުން ދިޔަ އިރު އޮފީހުގެ ދޮރު ހުޅުވާފައި ބަޔަކު ނުކުތް އަޑު އަހަންނަށް އިވުނެވެ. ނޭވާ ހިފަހައްޓައިގެން ހުރެ އަހަރެން ރޭލިންގް ދަގަނޑުގަނޑާ ގާތްވެލާ ސިއްރުސިއްރުން ތިރިއަށް ބަލާށެވެ. އޭގެތެރެއިން އެކަކު ލފްޓު ކައިރީ މަޑުކޮށްގެން ހުރީ ލިފްޓަށް ފިއްތައިގެންނެވެ. ދެންތިބި ދެމީހުން އެކީގައި ސިޑިން ތިރިއަށް ފައިބަން ދުއްވައިގަތެވެ.
ލިފްޓު ކައިރީ ހުރި މީހާ މައްޗަށް ބަލާލަން ވާއިރަށް އަހަރެން ފަހަތަށް ޖެހި ފިލީމެވެ. އަޑެއް ލައްވާ ނުލައި ހުންނާށާއި ނޭވާ ހިފަހައްޓައިގެން ހުންނަން އަހަރެން އެއް އަތުން އަނގަމަތި ނިވާކޮށްލީމެވެ. ލާ ނޭވާވެސް އެމީހުންނާ ހަމައަށް ފޯރާކަށް އަހަރެން މި ވަގުތަކު ބޭނުމެއް ނުވިއެވެ. އަނެއް އަތުން ފޯނުން ދެންމެ ނެގި ވީޑިއޯ އަހަރެން ސޯޝަލް މީޑިއާއަށް އަޕްލޯޑުކޮށްލީ އެ ހުރި ފިޔަވަޅު މަތީ ހުރެއެވެ.
އަހަރެންގެ އެއްބަނޑު ބޭބެ މުއާޒްގެ ގާތިލުން އެނާ މަރާލިގޮތާ އެކަމުގެ ހަގީގަތް އަހަރެންނަށް މިއަދު މިވަނީ ހޯދިފައެވެ. ނޫސްވެރިކަން ކުރަން އުޅޭ މުއާޒް ބޭބެ މަރުވެގެން ދިޔަ އިރު އޭނާއަށް ވީ ކިހިނެއްކަން މިއަދާ ހަމައަށް އައި އިރުވެސް އެކަކަށްވެސް އެނގިފައެއް ނެތެވެ. ވޭތުވެ ދިޔަ އެއް އަހަރު ދުވަހު ނޫސްވެރިކަމުގެ ދާއިރާއަށް ވަދެ އަހަރެން މަސައްކަތް ކުރީ އެކަމުގެ ހަގީގަތް ހޯދަން ދެވެން އޮތް އެންމެ ފުނަކާ ހަމައަށް ދިއުމަށް އަޒުމު ކަނޑައަޅައިގެންނެވެ.
ސޯޝަލް މީޑިއާއަށް ވީޑިއޯ އަޕްވުމުން އަހަރެންނަށް ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެ ލިބުނު ހިތްހަމަޖެހުމަށް ނުތަނަވަސްކަމެއް ވެރިކުރުވީ އަހަރެންގެ އަތުގައި އޮތް ފޯނު ރިންގް ވާން ފެށުމުންނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އަހަރެން ފޯނު ނެގީ ރެއިލިންގް ދަގަނޑުގަނޑާ ގާތްވެ ތިރިއަށް ބަލާލަމުންނެވެ. ފޯނު ރިންގުވި އަޑު އިވި ދެލޯ ބޮޑުކޮށްގެން އަހަންނާ ދިމާއަށް ބަލަން ހުރި މީހާ ފެނުމުން އަހަރެން ސިޑިން މައްޗަށް ދާން ދުއްވައިގަތީ ފަޔަށް ލެވުނު ބާރެއްލަމުންނެވެ. ފޯނު ނަގާ އަހަރެން ކަންފަތުގައި ޖަހައިލީމެވެ. އެ ގުޅީ އަހަރެންގެ ފިރިމީހާއެވެ.
އޮފީސް ދޮރު ކައިރީ ލިފްޓަށް ފިތައިގެން މަޑުކޮށްގެން ހުރި މީހާ މައްޗަށް ދާން ދުއްވައިގަތެވެ. އޭނާ އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަތް އަޑު އަހަންނަށް އިވުނެވެ. " އޭ... އޭނަ މިއޮއް ދަނީ މައްޗަށް..."
އަހަރެން ހުރިހާ ވާހަކައެއް އެއް ފައްޗަކަށް ކިޔައިދޭން މަސައްކަތް ކުރިއިރު އަހަންނަށް ނޭވާލާނެ ފުރުސަތެއް ދެން ނެތް ކަހަލައެވެ. "ހައިޝަމް... އަހަރެންނަށް މުއާޒް މަރާލި މީހުން އެނގިއްޖެ.. އެމީހުން އަހަރެން ފަހަތުން އެ އަރަނީ ޓެރަސް އަށް... އަވަހަށް ފުލުހުންނަށް ގުޅާ..." ހައިޝަމްގެ ފަރާތުން އިތުރު ޖަވާބަކަށް މަޑުކުރުމެއް ނެތި އަހަރެން ފޭސްބުކް ހުޅުވާލާ ވީޑިއޯ ލައިވް ކުރަން ފެށީމެވެ.
ގާތް ރައްޓެހިން ގާތު އަވަހަށް ފުލުހުން މިތަނަށް ފޮނުވައިދިނުމަށް އެދުނީމެވެ. އަހަރެންގެ ދުވަސް ދަނީ ކަމަށް ބުނެ ކަންތައްވީ ގޮތް ކުރުގޮތަކަށް ކިޔައިދޭން މަސައްކަތް ކުރި އިރު އަހަރެން ދައްކަމުން ދިޔަ ވާހަކަ ހަމަނުޖެހޭ ހެން އަހަންނަށްވެސް ހީވިއެވެ.
ފޯނު ހިފަހައްޓައިގެން ހުރި އިރު އަހަރެންނަށް އެ ޓެރަސް ވަށައިގެން ހޯދާލެވުނެވެ. ފިލަން ދާނެ އެއްވެސް ތަނެއް އެ ޓެރަސްމަތީގައި ނެތެވެ. ދެލޯ މަރާލައި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލުމަށްފަހު މުއާޒް މަރާލި ގޮތް އަހަރެން ކިޔައިދެމުން ދިޔައީމެވެ. ބައެއް ޖުމްލަ ތަކުރާރުކޮށް އަހަންނަށް ކިޔައިދެވެމުން ދިޔައެވެ. ބިރުގެންފައި ހުރިވަރުން އަހަންނަށް ކިޔޭ ނުކިއޭވެސް ނޭނގެނީއެވެ.
ޓެރަސް މައްޗަށް ބަޔަކު އައިސް އެރިކަން އެނގުމުން އެ އަޑުތަކަށް ސަމާލުކަން ނުދީ އަހަރެން އެ ހުރިހާ ވާހަކައެއް ހިއްސާ ކުރަމުން ދިޔައީ ވަގުތު ކުޑަތަން ވެއްޖެކަން އިހްސާސްވުމުންނެވެ. ދެން އަހަންނަށް އިހްސާސް ކުރެވުނީ ތޫނު ތަދެއް އަހަރެންގެ އަރިކައްޓާ ދިމާލުން އެރިކަމެެވެ. އެއާއެކު ކަންފަތްވެސް ބައްވެގެން ދިޔައެވެ. ބޮލުގައި ބާރު އެއްޗަކުން ޖެހީކަން އަހަންނަށް އެނގުނީ ހިފަހައްޓައިގެން ހުރި ފޯނުން އަހަރެން ލައިވްކޮށްގެން އިން ވީޑިއޯއިން ބޮލާ ދިމާއަށް އައި ހަމަލާ އަހަންނަށް ފެނުމުންނެވެ. ވީ ތަދާ އެކު އަހަރެންގެ އަރު ތެރެއިން އާހްގެ އަޑެއް ބޭރުވިއެވެ. އަހަރެންގެ އަތުން ހިފަހައްޓައިގެން ހުރި ފޯނު ވެސް ދޫވެ ބިންމައްޗަށް ވެއްޓުނެވެ.
އެމީހަކު ވަޅިން ހަމަލާދީގެން ހުރީ އަހަރެންގެ އަރި ކައްޓަށެވެ. ހަރައިގެން ހުރި ވަޅި ނައްޓާލިކަން އަހަންނަށް އިހްސާސްވީއިރު އެ ދިމާލުން އާދަޔާ ހިލާފް ފިނިކަމެއް އިހްސާސްވިއެވެ. އަނެއްކާވެސް އެމީހާގެ އަތުގައި އޮތް ތޫނު ވަޅި އަހަރެންގެ ބުރަކަށިން ދިމާލަކަށް ހަރާލައިފިއެވެ. މި ފަހަރު އަހަރެންގެ ގައިން ވަރު ދޫވެ އެ ހުރި ތަނަށް އަހަރެން ވެއްޓުނެވެ.
އެމީހުން އެ ޓެރަސް މަތިން ފައިބެގެން ދިޔަ ދިމާއަށް ބަލަން އަހަރެން އޮތީމެވެ. ދުރުގައި ވެއްޓިފައި އޮތް ފޯނާ ދިމާއަށް ވާސިލް ވޭތޯ އަހަރެންގެ އަތް ހަރާކާތް ކުރަމުން ދިޔައީމެވެ. ނަމަވެސް އޭރު އަހަންނަށް ތަނެއް ދޮރެއް ފެންނަ ވަރެއް ނޫނެވެ. ދެލޮލަށް ވަނީ ފުސްވެފައެވެ. ބޮލުގައި އުފެދިފައިވާ ތަދު ގަދަވެ މީހާގެ ގައިން ވާގި ދޫވަމުން ދިޔައެވެ. އަހަރެން އޭރު ނޭވާ ލަމުން ދިޔައީ ހިތްވަރަށެވެ. އޭރު އަހަރެންގެ ކަންފަތުގައި ސައިރެންގެ އަޑު ޖެހިއްޖެއެވެ. ހަށިގަނޑުގައި އަޅަމުންދިޔަ ވޭނަށް ވުރެ އަހަރެންގެ ހިތަށް ލިބުނު ހަމަޖެހުން ބޮޑުވިއެވެ.
ނޫސްވެރިއަކަށް ވުމުގެ މަގްސަދު އެ ދުވަހު އަހަރެންނަށް ހާސިލް ވިއެވެ. އަހަރެންގެ ހުރި ހަމައެކަނި ބޭބެގެ ގާތިލް ހޯދުނީމައެވެ. ބޭބެގެ މަރުގެ ފަހަތުގައި ތިބި މީހުން ހާމަ ކުރެވުނީމައެވެ. ބޭބެއަށް އިންސާފް ހޯދައިދޭން އަހަރެން ކުރި މަސައްކަތް ކާމިޔާބު ވީމައެވެ. ސައިރަންގެ އަޑު އޭރުވެސް ނުހުއްޓި އެއްވަރަކަށް އަހަންނަށް އިވިއިވި ހުއްޓެވެ. އަހަރެން ދެލޯ މެރިފައިވީ ނަމަވެސް އޭރު ސިޑިން މައްޗަށް ބަޔަކު ދުވެފައި އެރިކަން އެނގުނެވެ.
"މުނާ...މުނާ..."
ގިނަ ބައެއްގެ އަޑުތަކުގެ ތެރެއިން އަހަންނަށް އިވުނީ އަހަރެންގެ ފިރިމީހާ ހައިޝަމްގެ އަޑެވެ. މަޑުމަޑުން އަހަރެންގެ އެސްފިޔަތައް ހުޅުވާލީމެވެ. ފުލުހުންގެ ޓީމް އައިސް އަހަރެން ކައިރިއަށް ހުއްޓުނު އިރު އަހަރެން ކައިރިއަށް ހައިޝަމް އައިސް އިށީނެވެ. އަހަރެންގެ މޫނުގައި ހައިޝަމްގެ އަތް ޖައްސާލުމުން އަހަރެން ހިނިތުންވަމުން ދެލޯ މަރާލީމެވެ.
(ނިމުނީ)
ވަރަށް ރީތި ވާހަކައެއް ވަރަށް ފުރިހަމަ އުފެއްދުމެއް
ސަޅި