ރަމަޟާން މަހު ރޯދަ ވީއްލުމަށް އިންޑިއާއާއި ޕާކިސްތާނުގެ މީހުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރޫހް އަފްޒާ ހޯދުމަށް އިންޑިއާގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ތަކުލީފުތަކަށް ހައްލެއް ހޯދާންދޭން ތައްޔާރަށް އޮތް ކަމަށް ޕާކިސްތާނުން ބުނެފިއެވެ.
ރޫހް އަފްޒާއަކީ ދިވެހިންގެ މެދުގައި "ރޯޒްސިރަޕް" ގެ ނަމުން މަޝްހޫރުވެފައިވާ ފިނިފެންމާ ސިރަޕްއާއި ފިނިފެން އެއްކޮށްގެން ތައްޔާރުކުރާ މޭ ފިނިކޮށްލާދޭ ފޮނި ބުއިމެކެވެ. ދިވެހި އިފްތާރު ސުފުރާތަކުގައި ކާރަފަނި ހުރުން "ލާޒިމު" ވާ ފަދައިން، އިންޑިއާގެ ސުފުރާތަކުގައި ރޫހް އަފްޒާ ހުރުން ލާޒިމެވެ. ނަމަވެސް މިފަހަރު ކަންވީ އެހެނެއް ނޫނެވެ. ދިހަ ބާރަ ފިހާރައަށް ދާއިރުވެސް ރޫހް އަފްޒާ ތައްޔާރުކުރަން ބޭނުންވާ ރޯޒް ސިރަޕް ފުޅިއެއް ލިބޭނެ ގޮތެއް އިންޑިއާގެ މުސްލިމުންނަކަށް ނުފެނުނެވެ.
އިންޑިއާގެ ވިޔަފާރިވެރިން ބުނާ ގޮތުގައި ރޫހް އަފްޒާ ގަންނަން ނުލިބޭ ކަމަށެވެ. އެ ބުއިމަކަށް އެންމެ ޑިމާންޑް ބޮޑުވާ މޫސުމާ ޖެހުނުއިރު ރޫހް އަފްޒާ ފުޅީގެ ސަޕްލައި %50 ދަށަށް ގޮސްފައިވާކަމަށް އިންޑިއާގެ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. އާންމު ބައެއް ފަރާތްތަކުން ބުނާ ގޮތުގައި މިހާރު ރޫހް އަފްޒާގެ ކަޅުބާޒާރެއްވެސް ވަނީ އުފެދިފައެވެ. ކަސްޓަމަރުންނަށް ރޫހް އަފްޒާ ފޯރުކޮށްދިނުމަށްޓަކައި ވިޔަފާރިވެރިންނަށް މަޖުބޫރުވެފައިވަނީ ކަޅުބާޒާރުން ވިޔަފާރިކުރުމަށެވެ.
އާދަޔާ ހިލާފަށް ހޫނުގަދަވުމުގެ ސަބަބުން ކުރިމަތިލާންޖެހޭ ހީޓް ސްޓްރޯކްއާއި ފެންމަދުވުމުގެ އިތުރުން އެހެން ތަކުލީފުތަކުން އާންމުން ސަލާމަތްކޮށްދިނުމުގެ ބޭނުމުގައި ރޫހް އެފްޒާ އެންމެ ފުރަތަމަ ތައާރަފުކުރީ ބޭހެއްގެ ގޮތުގައެވެ. އެއީ މީގެ 100 އެތައް އަހަރެއް ކުރިންނެވެ. ނަމަވެސް އެ ބޭހަކީ އާންމު ބުއިމެއް ކަމުގައި ހަމަޖެއްސުމާއެކު، އާންމުންގެ މެދުގައި ބޮޑު ހިޓަކަށްވިއެވެ.
1947 ވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނު ބައިވުމާއެކު، ރޫހް އަފްޒާގެ ބާނީ މަޑުކުރީ އިންޑިއާގައެވެ. އެ އާއިލާގެ އެންމެ މެމްބަރުން ބަދަލުވީ ޕާކިސްތާނަށެވެ. ނަތީޖާއަކަށްވީ ޕާކިސްތާނުގައިވެސް ރޫހް އަފްޒާ އުފައްދަން ފެށުމެވެ. މައުލުމާތު ލިބޭ ގޮތުގައި ރޫހް އަފްޒާގެ ސަޕްލައި އިންތިހާއަށް ދައްވެފައި މިވަނީވެސް މި އާއިލާގެ ދެ ބައިމީހުންގެ މެދުގައި ވިޔަރީގެ މައްސަލަތަކެއް ޖެހިގެންނެވެ. ކުންފުނީގެ އިސް މަގާމުތަކަށްވެސް މިމައްސަލާގައި ލޮޅުންތަކެއް ވަނީ އަރާފައެވެ.
ކަންމިހެން އޮތްއިރު، ޕާކިސްތާނުގެ ގޮފިން ވަނީ އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ހުއްދަ ދީފިނަމަ އިންޑިއާގެ ޑިމާންޑަށް ރޫހް އަފްޒާ ފޯރުކޮށްދެވިދާނެކަމަށް ބުނެފައެވެ.