އުމުރުން 17 އަހަރުގެ ކުއްޖަކު ދުއްވި ސައިކަލަކާ ޕިއްޒާ ބޯނާ ގެ ޑެލިވަރީ ސައިކަލެއް ޖެހި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގައިފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ކުޑަ ދެކުދިން ތިބި ސައިކަލު ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ޕިއްޒާ ބޯނާގެ ޑެލިވަރީ ސައިކަލުގައި ޖެހިގެން ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓު ހިނގާފައި ވަނީ ހުޅުމާލޭ ވެލިގާ ހާޑްވެއާ ކައިރިންނެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި 3 މީހުންނަށް އަނިޔާ ވެފައި ވާކަމަށެވެ. އެގޮތުން އެއް ސައިކަލު ދުއްވަން އިން 17 އަހަރުގެ ކުއްޖާ އަށާ އެ ސައިކަލުގެ ފަހަތުގައި އިން 14 އަހަރުގެ ކުއްޖަކަށް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން 14 އަހަރުގެ ކުއްޖާގެ ކަނާއަތު ކަށި އިނގިއްޔާއި ވާއަތު އުޅަނބޮށި ކައިރިން މަށައިގެން ގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި ދުއްވަން އިން 17 އަހަރުގެ ކުއްޖާގެ ވާއަތު އުޅަނބޮއްޓާއި ކަނާއަތު ކުޑަ ހުޅުމަތިންނާ މޫނުގެ ދެ ތަނަކުން މަށައިގެން ގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ޕިއްޒާ ބޯނާގެ ޑެލިވަރީ ސައިކަލު ދުއްވަން އިން ބިދޭސީ މީހާއަށްވެސް މި އެކްސިޑެންޓުގައި އަނިޔާ ލިބިފައި ވާކަމަށް ފުލުހުން ބުނެއެވެ. އެގޮތުން ބިދޭސީ މީހާގެ ވާއަތު ފައިގެ ކަކުލާއި ކުޑަ ހުޅު ކައިރިން މަށައިގެން ގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. މި ބިދޭސީ މީހާގެ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ކުޑަ ދެކުދިން ދުއްވި ސައިކަލުގެ ކުރީ ކަވަރު ވަނީ ހަލާކު ވެފައި ކަމަށާ ބިދޭސީ މީހާ ދުއްވި ސައިކަލަށް ކަމެއް ވެފައި ނުވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.