މޭވާ އަކީ ސިއްހަތަށް ގިނަ ގުނަ ފައިދާތަކެއް ކުރުވާ ކާނާއެކެވެ. ގިނަ އިން މޭވާއާ ތަރުކާރީ ކައި އުޅޭ މީހުންނަކީ ބަލިތަކާއި ދުރު ބައެއްކަމަށް ދުނިޔޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ހުރިހާ މޭވާ އަކީ ވެސް ސިއްހަތަށް ފައިދާ ހުރި މޭވާ ތަކެވެ. ނަމަވެސް، ދުޅަހެޔޮ ސިއްހަތަކަށް އެންމެ ބޭނުން ވާ މޭވާތަކަކީ ކޮބާ ކަން އެނގޭ ހެއްޔެވެ؟

އަލަނާސި

އަލަނާސި އަކީ އޮށްޓަރު ހުރި މޭވައެކެވެ. އަލަނާސި އެއް ތަށީގައި ދުވަލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ވިޓަމިން ސީގެ 131 ޕަސަންޓު ހިމެނެއެވެ. އަދި ދުވާލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ މެންގަނީޒްގެ 76 ޕަސަންޓު ހިމެނެއެވެ.

އަވޮކާޑޯ

އަވަކާޑޯއަކީ ހަށިގަނޑަށް މެގްނީޒިއަމް ލިއްބައިދޭ މޭވައެކެވެ. އަވޮކާޑޯ އިން ސަރުބީ އަންދާ، ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައެވެ. އެއް އަވޮކާޑޯގައި ދުވަލަކަށް އިންސާނެއްގެ ހަށިގަނޑަށް ބޭނުންވާ ޕޮޓޭސިއަމްގެ 28 ޕަސަންޓް ހިމެނެއެވެ.

އާފަލު

އާފަލަކީ މޭވާތަކުގެ ތެރެއިން އެންމެ މަގުބޫލު މޭވާއެވެ. ގިނަ އަދަދަކަށް ފައިބާ އެކުލެވޭ މި މޭވާގައި ވިޓަމިން ސީ، ވިޓަމިން ކޭ، ވިޓަމިން ބީގެ އިތުރުން ޕޮޓޭސިއަމް ވެސް ހިމެނެއެވެ. އާފަލީ އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ މޭވާއަކަށް ވުމުގެ ސަބަބުން، ހަކުރު ބަލިން އަދި އަލްޒައިމާޒް އިން މީހާ ދުރުކޮށްދެއެވެ. މީގެ އިތުރުން އާފަލަކީ ހަޖަމު ކުރުމުގެ ނިޒާމަށްވެސް ފައިދާތަކެއް ކުރުވާ މޭވައެކެވެ.

އަންނާރު

އަންނާރަކީ އެންޓިއޮކްސިޑަންޓްސް ގިނައިން އެކުލެވޭ މޭވައެކެވެ. އަންނާރުގައި އެންޓިއޮކްސިޑަންޓްސްގެ މިންވަރު، ގްރީން ޓީ އަށް ވުރެ ތިން ގުނައަށް ގިނައެވެ. މީގެ ސަބަބުން އަންނާރު ވެގެން ދަނީ ކެންސަރާ ދުރުކޮށްދޭ މޭވާއަކަށެވެ.

އަނބު

އަނބަކީ ވިޓަމިން ސީ އިން މުއްސަނދި ފައިބާ އެކުލެވޭ މޭވައެކެވެ. އަނބުގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސް ސަބަބުން އަނބު ވެގެން ދަނީ ބަލި ތަކާއި ދުރުކޮށްދޭ މޭވައަކަށެވެ. ހާއްސަކޮށް އަނބުގެ ސަބަބުން ހަކުރު ބައްޔާއި ދުރުވެއެވެ.

ކްރޭންބެރީ

ވިޓަމިން ސީ، ވިޓަމިން އީ، ވިޓަމިން ކޭ1، ކޮޕާ އަދި މެންގަނީޒް އިން މުއްސަނދި މި މޭވާ އަކީ ދިވެހިންގެ މެދުގައިވެސް މަގުބޫލު މޭވައެކެވެ. ކްރޭންބެރީގައި އެކުލެވޭ އެންޓިއޮކްސިޑަންޓްސް ގައި ހަށިގަނޑަށް ފައިދާ ހުރި ފްލެވަނޮލް ޕޮލީފެނޮލްސް ހިމެނެއެވެ. ދިވެހިންގެ މެދުގައި ކްރޭންބެރީ މަގުބޫލު ވެފައި ވަނީ ކުޑަކަމު ދިއުމުގެ ނިޒާމަށް ދިމާވާ އިންފެކްޝަން ރަނގަޅު ކުރުމަށް ބޭނުންތެރި މޭވާއެއްގެ ގޮތުންނެވެ. ކްރޭންބެރީގައި ހިމެނޭ އޭ ޓައިޕްގެ ޕްރޯންތޮސިއަނިޑިންސް އިން ބެކްޓީރިއާތައް ދުރުކޮށްދެއެވެ.

ލުނބޯ

ލުނބޮއަކީ ވިޓަމިން ސީ ވަރަށް ގިނަ އަދަދަކަށް ހިމެނޭ މޭވާއެކެވެ. ލުނބޮއަކީ ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ބަރުދަން އިތުރުވުމުން ދުރުކޮށްދޭ ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ. ލުނބޯ އިން ލިބޭ އިތުރު މުހިންމު ފައިދާ ތަކުގެ ތެރޭގައި ކިޑްނީގައި އުފެދޭ ހިލަތައް ވިރުވާލުމަށް މަސައްކަތް ކޮށްދެއެވެ.

ކަރާ

ކަރައަކީ ހަށުގަނޑަށް ފައިދާ ހުރި، ވިޓަމިން އޭ އަދި ސީ އެކުލެވޭ މުހިންމު މޭވައެކެވެ. ކަރާގައި ހިމެނޭ އެންޓިއޮކްސިޑަންޓްސް އަކީ ކެންސަރު ބައްޔާއި ދުރުކޮށްދޭ އެއްޗެކެވެ. އަދި މީގައި ހިމެނޭ ލިކޮޕީން އިން ހަޖަމް ކުރުމުގެ ނިޒާމަށް ދިމާވާ އުނދަގޫ ތަކުން ދުރުކޮށްދީ ލޭ ހޮޅިތައް ބެދުމަށް ދިމާވާ ހުރަސްތައް ނައްތާލައި، ކޮލެސްޓްރޯލް މަދުކޮށްދެއެވެ. މީގެ އިތުރުން ކަރައަކީ ހުރިހާ މޭވާތަކެއްގެ ތެރެއިން އެންމެ ހަށިގަނޑު ތާޒާކޮށް ބަހައްޓާއިދޭ މޭވައެވެ.