ދިވެހި ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކީވެސް އާއިލީ އޯގާތެރިކަމާ ލޯބި ލިބެމުންދާ ކުއްޖެއްކަން ޔަގީން ކުރުމަކީ ސަރުކާރުގެ ވަރަށް މުހިންމު މަގްސަދެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ.
ރައީސް މިހެން ވިދާޅުވެފައި ވަނީ ކުޑަކުދިންގެ ދުވަހުގެ މުނާއްސަބަތުގައި ފޮނުއްވެވި ތަހުނިޔާގެ ހިތޯބުގައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މި ސަރަހައްދުގެ އެހެނިހެން ގައުމުތަކުގެ ކުޑަކުދިންނާ އަޅާ ބަލާއިރު ނިސްބަތުން ރާއްޖޭގެ ކުޑަކުދިންގެ ހާލަތު ރަނގަޅުކަމަށާ ދިވެހި ކުޑަ ކުދިންގެ ހާލަތު މިހާރަށްވުރެ ރަނަގަޅު ކުރުމަށް އިތުރަށް ކުރަންޖެހޭ ބައެއްކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުން ގެންދާ ކަމަކީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމަށް ގާނޫނެއް ފާސް ކުރުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސް މިއަދުގެ ހިތާބުގައި ވިދާޅުވީ ތުއްތު ކުދިންގެ ސިއްހީ ދުޅަހެޔޮ ކަމާ، ޖިސްމާނީ ހަށިހެޔޮ ކަމަށް ހެޔޮ ބަދަލު ތަކެއް ގެނެސްދޭން ޖެހޭ ކަމަށާ އެކުދިންނަށް ރަނގަލު ތަރުބިއްޔަތެއް ދިނުމަށް އިސްކަން ދޭން ޖެހޭ ކަމަށެވެ. އަދި ހަށިހެޔޮ ޒުވާން ޖީލެއް ބިނާ ކުރުމުގެ ތެރެއިން ރަސްމީ ތައްލީމީ ނިޒާމުގެ ތެރެއިން އެކުދިންގެ ސިއްހަތު ބެލޭނެ އިންތިޒާމް ހަމަޖެއްސުމަކީ މުހިންމު ކަމެއް ކަމަށާ އެކަން ކުރުމަށް އިސްކަން ދެއްވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަށް އިސްކަން ދިނުމަކީ ފަހުރުވެރި އާއިލާއެއް ބިނާ ކުރުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.