ކ. އޮޅުވެލި ފުށީގައި މުސާރަ ނުދިނުމުގެ ސަބަބުން ބަންގްލަދޭޝް މުވައްޒަފުންތަކެއް ނިކުމެ އެ ރިސޯޓުގައި މުޒާހަރާ ކުރަމުން ދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މުޒާހަރާ ކުރަމުންދަނީ ތާޑް ޕާޓީ ކޮންޓްރެކްޓުގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝް މުވައްޒަފުން ތަކެއް ކަމަށެވެ. މި މައްސަލައިގައި 50 އަށްވުރެ ގިނަ މުއައްޒަފުން މުޒާހަރާ ކުރަމުން ދާ ކަމަށް އެ ރިސޯޓުން ރިޕޯޓް ކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ.
އަދި މުޒާހަރާ ކުރަމުންދަނީ ރިސޯޓުގެ މަސްލަހަތު ގެއްލޭ ގޮތަށް ދަނޑިބުރި އާއި ލަކުޑި ބުރި ފަދަ ތަކެތި ހިފައިގެން ކަމަށް ފުލުހުން ބުނެއެވެ.
މުޒާހަރާ ކުރަމުން ދާ މުވައްޒަފުން ދަނޑިބުރިއާއި ލަކުޑި ބުރިފަދަ ތަކެތި ހިފައިގެން ގެސްޓު އޭރިޔާއަށް ވަނުމުގެ މަސަތްކަތް ކުރަމުންދާތީ ފުލުހުން ދަނީ އެ ރިސޯޓަށް ދިއުމުގެ މަސަތަކަތް ކުރަމުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
މި ރިސޯޓުގެ އިތުރުން ވެސް ރާއްޖޭގެ ބައެއް ފަރާތްތަކުން މަސަތްކަތް ކުރުވުމަށް ފަހު އުޖޫރަ ނުދޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ސަންރައިސް ސެކިއުރިޓީ ސާވިސަސް ގެ 30 މުވައްޒަފުންނަށާއި، ކިހާ މޯލްޑިވްސް ރިސޯޓުގެ ބައެއް މުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލައެއް ފެންމަތިވެފައި ވާކަމުގެ މައުލޫމާތު ދަނީ ލިބެމުންނެވެ.