މިނިސްޓާ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓު އާމިނަތު އާތިފާގެ ކާރާއި ސައިކަލެއް ޖެހި އެކްސިޑެންޓު ވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ބުނީ އެކްސިޑެންޓު ވީ އިރު މިނިސްޓާ ކާރުގައި އިންނެވި ކަމަށާ، ނަމަވެސް މިނިސްޓަރަށް އެއްވެސް ގެއްލުމެއް ލިބިވަޑައިގެނަފައި ނުވާކަމަށެވެ. އަދި އިތުރު މީހަކަށްވެސް މި އެކްސިޑެންޓުގައި ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓު ހިނގައިފައި ވަނީ މިއަދު ހެނދުނު 9:54 ހާއިރު ކަމަށާ މި އެކްސިޑެންޓު ހިނގަން މެދުވެރިވީ ދުއްވާފައި ދިޔަ ސައިކަލު ކުއްލިޔަކަށް ކާރު ލޭނަށް އެރުމުން ކަމަށް ފުލުހުން ބުނެއެވެ. މި ހާދިސާ ހިނގި އިރު ސައިކަލު ދުއްވަން އިނީ 24 އަހަރުގެ އަންހެނެއް ކަމަށާ އޭނާގެ އަތުގައި ލައިސަންސް އޮތް ނަމަވެސް ލައިސަންސް ވަނީ މުއްދަތު ހަމަވެފައި ކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓު ހިނގާފައި ވަނީ ބޮޑުތަކުރުފާނު މަގުން އިސްކަންދަރު މައިޒާން ކުރިމަތިން ދެކުނުން އުތުރަށް ދުއްވާފައި ދަނިކޮށްކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓުގައި ސައިކަލަށް އެއްވެސް ގެއްލުމެއް ވެފައި ނުވި ނަމަވެސް މިނިސްޓަރުގެ ކާރުގެ ކުރީކޮޅު ވަނީ ބަނޑިވެފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.