ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ޖަޒީރާ ދިރިއުޅުމަށް އޮތް ލޯބި ދައްކުވާލައިފިއެވެ.

އަލީ ހުސެއިން ކޮށްފައިވާ ޓްވީޓްގައި ވިދާޅުވެފައި ވަނީ 18 ކާށި އަދި ބޮންތި ރަތް ކެޔޮ ގަނޑެއް އަމިއްލަފުޅަށް ކަނޑާފައި ވާކަމަށެވެ. މި ޓްވީޓުގައި ކާށިތަކަކާއި ކެޔޮގަނޑެއް ބަރޯއަކަށް ލައިގެން ދާ މަންޒަރު ފެންނަ ފޮޓޯތަކެއް އާންމުކޮށްފައި ވެއެވެ.

މިހާރު ރާއްޖޭގެ ކެއުމަށް ބޭނުންކުރަމުން އަންނަ ގިނަ ބާވަތްތަކަކީ ބޭރުން އިމްޕޯޓު ކުރާ ތަކެއްޗެވެ. އަދި ރާއްޖޭގައި ހައްދަމުންދާ ބައެއް ތަކެތި ކަމުގައިވާ ކަރާ، އަނބު، މިރުސް ފަދަ ތަކެއްޗަކީވެސް ގިނަ އަދަދަކަށް ރާއްޖެއިން ބޭރުން އެތެރެ ކުރަމުން އަންނަ ތަކެއްޗެވެ. އިމްޕޯޓްކުރާ ކާބޯތަކެތި މަދު ކުރެވޭނީ ރާއްޖޭގައި އުފައްދާ ތަކެތި އިތުރުކޮށްގެންނެވެ. އެގޮތުން ޖަޒީރާ ރަށްތަކުގައި ދިރިއުޅުމުންދާ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އުފައްދަން ފެއްޓުމަށް އަލީ ހުސައިން ވަނީ ގޮވާލައްވާފައެވެ.

މި ޓްވީޓުގައި އާންމުންގެ މީހަކު އަލީ ހުސެއިން ބަރޯ ހިފަހައްޓަވައިގެން ހުންނެވި ފޮޓޯއަށް ފާޑުކިޔާފައިވެއެވެ. ބަރޯ ދުއްވަވާފައި ނެތްކަމަށް ބުނެ އާންމުންގެ މީހަކު ކޮށްފައިވާ ޓްވީޓަކަށް ރައްދު ދެއްވަމުން އަލީ ހުސައިން ވިދާޅުވީ، އޭނާއަކީ ދިވެހިން ރަށްފުށުގައި ކޮށްއުޅޭ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ މީހެއް ކަމަށެވެ. އެގޮތުން މަހާއި ވެލި އަދި ގާ ބަރޯއަށް ލައިގެން އުފުއްލަވާފައި ވާނެ ކަމަށް ވިދާޅުވިއެވެ. އަދި ބަރޯ އެ ފަދައިން ހިއްލާލައިގެން ހުންނެވީ ބަރޯގައި ހުރި އެއްޗެތި ފޮޓޯއަށް ދައްކާލެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަލީ ހުސެއިނަކީ ޖޭޕީގެ މެންބަރެއް ކަމުގައިވީ ނަމަވެސް، އޭނާގެ މިޒާޖާއި ޝަހުސިއްޔަތަށް އިދިކޮޅު ފަރާތްތަކުން ސަޕޯޓް ކުރެއެވެ.