ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެގަމުގެ ބައެއް ގާނޫނުތަކާއި ސިޔާސަތުތަކަށް ގެންނަ ބަދަލުގެ ސަބަބުން އެގައުމުގައި ދިރިއުޅޭ ދުވެހިންނަށް އުފުލަން ޖެހޭ ތަކުލީފުތަކަށް ހައްލެއް ހޯއްދެވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ލަންކަގެ ބޮޑުވަޒީރާ މަޝްވަރަ ކުރައްވަން ނިންމަވައިފިއެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަބދުﷲ ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި މަޝްވަރާތައް ކުރައްވާނެކަން ޝާހިދު ވަނީ ހާމަ ކުރައްވާފައެވެ.

ހާއްސަގޮތެއްގައި ރެސިޑެންޓް ވިސާ ސިޔާސަތަށް އެގައުމުން ގެނައި ބަދަލާ ގުޅިގެން ދިވެހިންނަށް އުފުލަން ޖެހިދާނެ ތަކުލީފުތަކަށް ލުޔެއް ހޯއްދެއްވޭނެ ކަމުގެ އުންމީދު ވަރަށް ބޮޑުކަމަށްވެސް ޝާހިދު ވަނީ ވިދާޅުވެފައެވެ.

ލަންކާ އިން ރެސިޑެންޓް ވިސާއަށް ގެނައި ބަދަލުގައި ވާގޮތުން ދިގު މުއްދަތަކަށް އެ ގައުމުގައި ތިބެން ބޭނުން ނަމަ އެތެރެވެވޭނީ ރާއްޖޭގައި ތިބެގެން ވިސާގެ ކަންކަން ފުރިހަމަ ކޮށްގެނެވެ. އަދި މި ބަދަލަށް މިމަހުގެ 15 އިން ފެށިގެން އަމަލުކުރާ ގޮތަށް ވަނީ ނިންމާފައެވެ.

ރެސިޑެންޓް ވިސާއަށް އެ ބަދަލު އައި ނަމަވެސް އޮން އެރައިވަލް ވިސާ އަށް ބަދަލެއް ނުގެނެއެވެ.

ލަންކާ އިން ރެސިޑެންޓް ވިސާގެ އުސޫލުތައް ބަދަލު ކުރީ މިދިޔަ މަހު 21 ވަނަ ދުވަހު އެގައުމަށް ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެންނެވެ. މި ހަމަލާތަކުގައި 250 އެއްހާ މީހުން މަރުވެފައިވާ އިރު، 400 އަށް ވުރެ ގިން މީހުން ޒަހަމް ވެފައިވެއެވެ.