ހުޅުމާޅޭގައި ދުއްވާ އެމްޓީސީސީގެ ބަހެއްގެ ދަށުވެ މިއަދު ހެނދުނު މީހަކު ނިޔާވެއްޖެއެވެ. ނިޔާވީ އުމުރުން 31 އަހަރުގެ ޔޫކްރެއިން އަންހެނެއް ކަމަށާ އޭނާ އަކީ ފަތުރުވެރިއެއް ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ އެކްސިޑެންޓް ހިނގާފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިގެން ކަމަށް ބުނާ ކަމަށެވެ.

މި ހާދިސާ ހިނގައިފައިވަނީ މިއަދު ހެނދުނު 6:37 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. މި އެކްސިޑެންޓް ހިނގާފައިވަނީ ހުޅުމާލޭ އެފްއެސްއެމް ފިތުރޯނު މަގު ފިއުލް ސަޕްލައި ކައިރިންނެވެ. ފުލުހުން ބުނީ ޔޫކްރެއިން އަންހެން މީހާ އަކީ މަގުން ހިނގާފައި ދިޔަ މީހެއް ކަމަށާ ބަސް ގޮސް އޭނާގެ ގައިގާ ޖެހި ބަސް ދަށުވީ ކަމަށެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ބަސް އޮތީ ދުވާރުމަތިން އަރައިގެން ގޮސް ގަސްތަކުގެ ތެރޭގައެވެ.

ބަސް ދުއްވަން އިނީ ލައިސެންސް އޮތް ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އަދި އޭނާ ވަނީ މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ މިމައްސަލް އިތުރަށް ތަހުގީގު ކުރަމުން ދާކަމަށެވެ.

ހުޅުމާލޭގައި ދުއްވާ ބަސްތައް ހުޅުމާލެ ތެރޭގައި ބާރަށް ދުއްވާކަމުގެ ޝަކުވާ އާންމުން ދަނީ ކުރަމުންނެވެ. މީގެ ކުރިން ވެސް ބަހުން ޖެހި މީހުންނަށް އެކި ވަރުގެ އަނިޔާ ވެފައި އެބަހުއްޓެވެ.