މަސައްކަތަށް ފަރުވާ ކުޑަވެ ގަޑި ޖެހުމުގެ ސަބަބުން އަހަންނަށް މިއަދު ޖެހުނީ ވަޒީފާ ދޫކޮށްލާށެވެ. މެންދުރުގެ ހޫނުގައި އަހަރެން ހިނގާފައި ގެއަށް އައިއިރު މީހާ ހުރީ ގަބުވެފައެވެ. ދެން ހަދާނެ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. އަހަރެންނަށް ވަޒީފާއަށް ގޮސް މަސައްކަތް ކުރަން އިންނަން ފޫހިވިއެވެ. މީހުން ގިނަ ތަންތަނަށް ނުކުމެ އުޅެން ލަދުގަތެވެ. މީހުންނާ ވާހަކަ ދައްކާ ހީ ސަމާސާ ކުރުމާ ދުރުވިއެވެ. ރައްޓެހިންނާ އޮންނަ ގުޅުން ކުޑަ ވިއެވެ.

މީހުން އަހަރެންގެ ފަސްފަހަތުން މަލާމާތްކުރަމުން ދާ ކަމަށް އަހަރެންގެ ޒަމީރު ގަބޫލު ކުރިއެވެ. ނަމަވެސް މީ ކުރިން އަހަރެން އަމިއްލަ ނަފްސާ މެދު ދެކެމުން އައި ގޮތެ ނޫނެވެ. އަހަންނަކީ ކުރިން ވަރަށް ހީވަގިކޮށް މަސައްކަތް ކުރަމުން އައި މީހެކެވެ. ރައްޓެހިންގެ ތެރޭގައިވެސް ހުރިހާ ރައްޓެހިން ފަޚުރުވެރިވާ އެކުވެރިއެކެވެ. އާއިލާގައި އެންމެންނާ ގުޅި އާއިލާގެ ބައްދަލުވުންތަކުގައި އެތަނެއްގައި އެންމެ ފޯރިގަދަކޮށް މަޖާ ކޮށް ހީސަމާސާ ކުރާ އެކަކެވެ. ގިނަ މީހުން އަހަރެން ސިފަ ކުރަނީ ސަކަ މިޒާޖެއް ހުންނަ މަޖާ އަންހެނެއް ގޮތަށެވެ. އަހަންނަކީ ކުރަން އަޒުމް ކަނޑައަޅައިފި ކަމެއް އެހާމެ ފަސޭހައިން ކޮށްލާ މީހެކެވެ. ކޮންމެ ކަމެއް ކުރިއަސް އެކަމުން ރަނގަޅު ނަތީޖާ އެއް ނެރޭ މީހެއްގެ ގޮތުގައި އޭރު އަހަރެން ވެސް ގަބޫލުކުރަމެވެ. ނަމަވެސް މިހާރު އަހަރެންގެ ކިބައިގައި އެއިން އެއްވެސް ކަމެއް ނެތް ކަހަލައެވެ.

ކަންކަމާ ކުރިމަތިލާން ނުކެރޭ ފިނޑި މީހަކަށް އަހަރެން ވެއްޖެއެވެެ. މީހާ ފިނޑިވެ ކަންކަން ނުވާނޭ ބުނެ ދޫކޮށްލުމަކީ އަހަރެންގެ އާދައެކެވެ. ރައްޓެހިންނަށް ފިލައިގެން އުޅެނީވެސް އެހެންވެއެވެ. މީހުންގެ ކުރިމަތީގައި އަހަރެންނަކީ މިހާރު ސިފަވެސް ހުތުރު މީހަކަށް ވެއްޖެއެވެ. އެކަނިމާ އެކަނި ގޭގައި ކައިގެން އޮތުން ނޫން ކަމެއް ނުކުރެވެއެވެ.

ގޭގައި އެހެން އިނދެ އިނދެ މީހާގެ ސިފަ ގެއްލޭ ވަރަށް ފަލަވެ މީހާ ހުތުރުވެއްޖެ ކަމަށް އަހަރެން ގަބޫލުކޮށްފީމެވެ. ތަނަކުން ރައްޓެއްސަކަށް ފެނުނަސް އެއިން ކޮންމެ މީހަކުވެސް ކޮށްލާ ސުވާލަކީ، ހާދަ ފަލަވެއްޖެއޭ، ހިކޭކަށް ނޫޅެން ހެއްޔެވެ. މި ސުވާލުތަކާ ކުރިމަތިލާނެ ހިތްވަރު މުޅިންހެން އެލިއްޖެއެވެ. މީހުންގެ ތެރޭގައި އަހަރެންނަށް ބާކީކަން އިހްސާސްވެ ދުނިޔެ މަތިން ފޫހިވާ ހިސާބަށް ހިނގައްޖެއެވެ.

އެތައް ހިޔާލުތަކެއް އަހަރެންގެ ސިކުނޑިތެރޭ ވަށާލާފައި ވުމުން މަގުމަތިން ދާ މީހުންނަށް އަހަންނަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ދުވާރުމަތިން ހިނގަމުން އައިސް އަހަންނަށް ހުއްޓެވުނީ ކުރީގެ ރަހްމަތްތެރިއެއްގެ ކުރިމައްޗަށެވެ. އަހަންނަށް މާ ބޮޑު ސަމާލުކަމެއް ނުދީ ހުރެވުމުން އެއީ ކާކުކަން ދެނެގަންނާކަށް ނޭނގުނު ނަމަވެސް އޭނާއަށް އަހަރެން ފެނިފައި އަހަރެން ދެނެގަންނަން އެނގުނެވެ. އަހަރެންގެ ނަމުން ގޮވާ އޭނާ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. ސިހިފައި ކަހަލަ ގޮތަކަށް އަހަރެން މަޑުޖެހިލާފަ އެ އަންހެންމީހާގެ މޫނަށް ބަލާލީމެވެ.

ލައިގެން ހުރި ހެދުމުންނާއި ބޭނުންކޮށްފައިވާ ގަހަނާއިންވެސް ފެންނަނީ ފުރިހަމަ ކަމެވެ. އޭނާގެ އުރުގައި އިން ތުއްތު ކުއްޖާ އޭނާގެ ގާތުގައި ހުރި ފިރިހެނެއްގެ އަތަށް ދެމުން އޭނާ އަހަރެންނާ މުހާތަބުކޮށް ވާހަަކަ ދެއްކިއެވެ.

"އަހަރެން އަޑު އެހިން ތިމީހުން ވަރިވީއޭ... އެއީ ތެދެއްތަ..." އޭނާ ކޮށްލި ސުވާލުން އަހަރެންގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. ވަގުތުން އަހަންނަށް އިސްޖަހާލެވުނެވެ. ލަދުގަނެ އެ ވާހަކަ ހިއްސާ ކުރާނެ ގޮތަކާ މެދު ވިސްނާލީމެވެ. ނަމަވެސް އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހީވީ ދުލުގައި ތަޅެއް ލެވުނު ހެންނެވެ. ޖަވާބުގައި ބޯ ޖަހާލީ މޫނު މައްޗަށް އަރާ ފައިބަމުން ދިޔަ ކުލަވަރު ފޮރުވަމުންނެވެ.

"ކޮބާ ދަރިފުޅު... ތީނަ ކައިރީގަތަ ހުންނަނީ..." ދެން އޭނާ ކޮށްލި ސުވާލުން އަހަރެންނަށް އަހަރެންގެ ދަރިފުޅު މަތިން ހަނދާންވިއެވެ. ގެއަށް އަވަހަށް ދާން ބޭނުންވެފައި ހުރިކަންވެސް ރޭކާލީ އެހިސާބުންނެވެ. އޭނާ އަހަރެންގެ ހަށިގަނޑަށް މަތިން ތިރިއަށް ބަލައިލި ގޮތް އަހަންނަށް އެވަގުތު ފާހަގަވިއެވެ. އޭނާގެ ދުލަށް އެ ބަސްތައް ނުގެނައި ނަމަވެސް ހިތުގައި އޮންނާނީ ކީކޭ ކަން އަހަންނަށް ދެނެގަނެވުނީ މޫނުމައްޗަށް އޭނާ ޖައްސާލި ވައްތަރުންނެވެ. ދަރިފުޅު ވީ ގޭގައި ކަމަށް ބުނެ އަހަރެން މަސައްކަތް ކުރީ އަވަހަށް އޭނާ ކައިރިން ސަލާމަތް ވެގެން ދާށެވެ.

އެވަގުތު އޭނާގެ ފިރިމީހާ އަހަންނަށް ތައާރަފްކޮށްދީ އެ ދެމަފިރިންނަށް ލިބިފައިވާ ދަރިފުޅުވެސް ތައާރަފްކޮށްދިނެވެ. މިހާރު އެމީހުން ލަންކާއަށް ދިރިއުޅުން ބަދަލުވާން އުޅޭ ކަމާއި އެމީހުންގެ ދިރިުޅުމުގައި ލިބުނު ކުރިއެރުންތައް ހިއްސާ ކުރަމުން ދިޔައީ އެ ދެމަފިރިންވެސް ވަރަށް ހިނިއައިސް ތިބެއެވެ.

އެއިން ކޮންމެ ވާހަކައެއް އަހަންނަށް އިވެމުން ދިޔަ ނަމަވެސް އެއިން އަހަރެންގެ ހިތަށް ކުރަމުން ދިޔައީ ކެތްކުރަން އުނދަގޫ އަސަރުތަކެކެވެ. އެއީ އަހަރެންވެސް އުންމީދުކުރި ކަހަލަ ދިރިއުޅުމެކެވެ. ނަމަވެސް ހާލަތު ނިޔާ ކުރި ގޮތުން އަހަންނަށް އެ ހިސާބަށް ދެވޭ ގޮތެއް ނުވިއެވެ.

ކައިވެނި ރޫޅި އެކަނިވެރި މައެއްގެ ގޮތުގައި އަހަރެން އުޅެމުންދާ ހާލު އެނގޭނަމަ އެ ވާހަކަތައް އެ ބީދައިން އަހަރެން ކައިރިއަކު ނުދައްކާނެއެވެ. ސަލާމް ކޮށްލުމަށްފަހު އަހަރެން އަވަހަށް މިސްރާބު ޖެހީ ގެއާ ދިމާއަށް ދިއުމަށެވެ. އަހަރެން ގެއަށް އަންނާނެ ވަގުތެއްގެ އިންތިޒާރުގައި ތިމާގެ މީހަކު ދަރިފުޅު ކައިރީ ބަހައްޓާފައި ހުރެވުމުން އިތުރަށް ލަސްކުރާކަށް އަހަރެން ބޭނުމެއް ނުވިއެވެ.

ގެއަށް އައިސް ވަދެ ދޮރު ނުހުޅުވެނީސް އަހަރެންގެ ކަންފަތުގައި ޖެހުނީ އަހަރެންގެ ދަރިފުޅު ބަލަން ގޭގައި ބަހައްޓާފައި ދިޔަ މީހާ ފޯނުން ދައްކަމުން ދިޔަ ވާހަކައިގެ އަޑެވެ. އޭނާ މީހަކަށް ގުޅައިގެން ހުރެ ކިޔަމުން ދިޔަ ހުރިހާ އެއްޗެއްވެސް ރައްދުވަނީ އަހަންނާ ދިމާއަށް ކަން އެނގުނެވެ.

ކުއްޖާ އެއްލާލާފައި އަބަދު ބޭރުގައި އުޅޭ ވާހަކައާއި މީހަކާ އިނދެގެން ދަރިން ނުބެލޭ ވަރުން ދަރިން ނުހޯދީމަ ނިމުނީ ނޫންހޭ އެމީހަކު ބުނާ އަޑު އިވުނެވެ. އެ ވާހަކަތައް އަހަންނަށް އަޑު އިވުމުން އިތުރަށް ހިތުގައި ޖެހުނެވެ. ގެއަށް ވަންނަން އުޅެފައިވެސް އަހަރެންގެ ފިޔަވަޅު އެ ހުރި ތަނަށް މަޑު ޖެހުނީ ހިފެހެއްޓުމެއް ނެތި އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ހިފަހައްޓާލާށެވެ.

"މީހުން ދަރިން ހޯދިއަސް އެހެން މީހުންނަށް އުނދަގޫ ޖައްސާކަށް ނުވާނެ ދޯ... ނުބެލެންޏާ ގޮސް އެ ކުއްޖާގެ ބަފައާ ހަވާލުކުރަންވީނު..."

އޭނާގެ ކޮންމެ ޖުމްލައެއް އައީ ތީރުތަކެއްހެން އަހަރެންގެ ހިތަށް ހެރެމުންނެވެ. ގާތް މީހުންވެސް އަހަންނާ ދޭތެރޭ ދެކެނީ އެހާ ދަށުދަރަޖައިން ހެއްޔެވެ. އަހަރެން ގެއިން ބޭރަށް މިދަނީ ކައިގެން ބޮއެގެން އުޅުމަށާއި ދެމައިންނަށް ބޭނުންވާނެ އެއްޗެތި ހޯދާނެ ފައިސާ ހޯދާށެވެ. ކަރުކެހިލުމަށްފަހު އަހަރެން ތަޅުގައި ހިފައިލީ ނޭފަތް ދަމާލަމުންނެވެ. ހަމައެއާ އެކު އެމީހާ ފޯނު ބާއްވާފައި ދޮރާ ދިމާއަށް ބަލައިލިއެވެ.

ދޮރު ހުޅުވާލުމާއެކު އަހަރެންގެ ދަރިފުޅު ބައުޖަހާފައި އައިސް އަހަރެންގެ ހެދުމުގެ ފަސްބައިގައި ހިފައިފާ ކޮޅަށް ތެދުވެ މަންމާ އޭ ކިޔާ ގޮވާލިއެވެ. ކުއްޖާ އުރައިގެން އަހަރެން ވަދެ އެ ކުޑަ ކޮޓަރި ތެރޭ ހުރި އެނދުގައި އިށީނީ އަނގައިން އެންމެ ބަހެއްވެސް ނުބުނެއެވެ. އަމިއްލަ މީހާގެ ދިފާއުގައި ވާހަކަ ދައްކާނެ ގޮތެއް އަހަންނަކަށް ނުވިސްނުނެވެ. ހިމޭނުން އިނުމަކީ މިވަގުތު އަހަންނަށް ފެނުނު އެންމެ ބުއްދިވެރި ގޮތެވެ.

ބިންމަތީ އެއްވެސް ތަރުތީބެއް ނެތި ހުރި ކުޅޭ އެއްޗިސް އަހަރެން ނަގާ ވަށިގަނޑަށް އަޅަން ފެށީ ކުއްޖާ ބަލަން އައިސް ހުރި މީހާ ގެއިން ދިއުމުންނެވެ. އަހަރެމެން ދެމައިން އެކަނި ވުމުން އަހަރެން ގޮސް ކުއްޖާއަށް ކާންދީ ރީތި ކުރުމަށްފަހު އެ ކުއްޖާ ނިންދަވަން އެނދުމަތީ ބޭއްވީމެވެ. މަޑުމަޑުން ނާނާއެއް އަހަރެން ކިޔާލީ ކުއްޖާއަށް ފަސޭހައިން ނިދޭނީ އަހަރެން ނާނާ ކިޔައިދީނީމަ ކަން އިނގޭތީއެވެ.

ފަނޑު އަލިކަމެއް އެކުލެވިފައިވާ އެ ކޮޓަރިތެރޭގައި އޮތް އިރު އަހަންނަށް ސިފަވަމުން ދިޔައީ އުންމީދުގެ ހުޅުކޮޅު ނިވެމުން ދިޔަ އަހަރެންގެ ބަދުނަސީބު ދިރިއުޅުމެވެ. މީހުން އަހަންނާ ދިމާއަށް އެއްލަމުން ދިޔަ މަލާމާތުގެ ބަސްތަކެވެ. ފަލައޭ ހުތުރޭ ސިފަ ގެއްލިފައޭ ބުނެ އިންނާނެ މީހަކުވެސް ދެން ނުވާނޭ މީހުން ބުނި ހަނދާންތަކެވެ.

ސީލިންގުގައި ހަރުކޮށްފައި ހުރި ފަންކާގެ ފިޔަތައް އެނބުރެމުން ދިޔައިރު އާދައިގެ ވަރެއްގެ ފިނިކަމެއް ލިއްބައިދެމުން ދިޔަ ނަމަވެސް އަހަރެންގެ ހިތަކަށް އެއްވެސް ހަމަޖެހުމެއް ނުލިބެއެވެ. އަހަރެންގެ ފިރިމީހާވެސް އަހަރެން ދޫކޮށްފައި ދިޔައީ މީހާ ފަލަވެ ސިފަ ހުތުރުވީމަ ހެއްޔެވެ. މާ ބަނޑުވެ އަހަރެންގެ ހަށިގަނޑަށް އައި ބަދަލުތަކަށްފަހު އޭނާ ވެސް އަހަރެން މަތިން ފޫހިވީ އެހެންވެ ހެއްޔެވެ. އަހަންނަކީ މިހާރު މީހަކު ބަލައިލާ ވަރުގެ މީހެއް ނޫން ކަމަށް އަހަންނަށް ގަބޫލު ކުރެވުނެވެ. މަސައްކަތް ކުރާ ތަނުގެ މީހުންވެސް އަހަންނަށް ކުރާ މަލާމާތް އަހަރެންގެ ހިތަކުން ފިލައިގެނެއް ނުދާނެއެވެ. ރައްޓެހިންގެ ތެރެއިންވެސް ގިނަ މީހުން ވާހަކަ ދައްކާލާ ހަދަނީ ކަންކަން ހޯދާ ވާހަކަ ކިޔަންކަން އަހަންނަށް އެނގެއެވެ.

މި ދުނިޔޭގައި އަހަރެން މިހެން ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަހަލައެވެ. އަހަންނާ އަޅާލާނެ އާރެއް ޔާރެއް ނެތެވެ. އަހަރެންގެ ހާލު ބަލައިލާނެ މީހަކު ނެތެވެ. ކައިގެން ތޯ ބޮއެގެންތޯ ހުރީ ބާލާލާނެ މީހަކު ނެތެވެ. ގައިން ތާހިރުވެ ފެންވަރަންވެސް އަހަރެން ބޭނުން ނުވަނީ އެހެންވެއެވެ. އަހަރެން ތިއްތި ދެއްކޭނެ މީހަކު ނެތީމައެވެ. ދެއްކޭނެ މީހަކު ހުރި ނަމަވެސް ރަނގަޅުތާއެވެ.

އެފަދަ އެކި ހިޔާލުތަކާ ފިކުރުތައް ފުނި ޖެހެމުން ދާ ގިނަ ރޭތަކުގައި އަހަރެން ނުނިދާ އޮންނަނީކީއެއް ނޫނެވެ. ރޭގަނޑުވެ ހަމަހިމޭންވުމުން މިފަދަ އެތައް ހިޔާލުތަކެއް އަހަންނަށް އުނދަގޫ ކުރެއެވެ. މީހުންގެ މަލާމާތުގެ ބަސްތަކާއި އަހަރެންގެ ހިތްދަތި ދިރިއުޅުމާއި ބަދުނަސީބުކަން ހިތަށް ވެރިވުމުންް ބުނެދޭން ނޭނގޭ އެތައް ހިޔާލެއް ސިކުނޑިތެރޭ މަސްހުނިވަނީއެވެ.

އަރާމު ނިންޖަކުން ނިދާލެވުނު ދުވަހެއް ހަނދާނަކު ނެތެވެ. އަހަރެންގެ ކަމަކީ އެކަނިމާ އެކަނި އޮވެ އެކި ކަންކަމާ ވިސްނާ ފިކުރު ކުރުމެވެ. އެހެންމީހުންގެ ދިރުއުޅުމުގެ ފެންވަރާއި އަހަރެންގެ ދިރުޅުމުގެ ބިކަ ހާލު އަޅާ ކިޔުމެވެ. އަހަރެންގެ ބަދު ނަސީބުކަން އިހްސާސްވާ ކޮންމެ ފަހަރަކު އެކަމާ އަހަރެން ރޮއެ ހިތާމަކުރަމެވެ.

އެކި ހިޔާލުތަކުގެ ތެރޭގައި އޮވެ ދެން އަހަރެންގެ ހިތަށް އެރީ އަމިއްލަ އަށް މަރުވާށެވެ. އެހެން މީހުންނަށް އުނދަގޫކުރަން މިދުނިޔޭގައި އަހަރެން ހުންނާކަށް ބޭނުމެއް ނުވިއެވެ. އޭރުން އެހެން މީހުން އެ ކިޔާ އެއްޗެހިވެސް އަހަންނަކަށް ނީވޭނެ ނޫންހެއްޔޭވެސް ހިތަށް އެރިއެވެ. އެނދުން ތެދުވަން އަހަރެން މަސައްކަތް ކުރި ވަގުތު އަހަރެންގެ އަތުގެ ޝަހާދަތް އިނގިލީގައި އަހަރެންގެ ދޮޅު އަހަރު ނުވާ ތުއްތު ދަރިފުޅު ހިފާ ބާރުކޮށްލީ އެވަގުތެވެ. އަހަރެން މަޑު ޖެހިލުމަށްފަހު އެ ތުއްތު ކުއްޖާގެ މޫނަށް ބަލާލީމެވެ.

އެ ތުއްތު މައުސޫމް ކުއްޖާގެ މޫނަށް ފުން ނަޒަރަކުން އަހަރެން ބަލާލީ އެއީ އެ ތުއްތު ކުއްޖާ އަހަންނަށް ފެންނާނެ ފަހު ފަހަރު ކަމަށް ހިތަށް އެރުމުންނެވެ. އެ ކުއްޖާ އޭރު އޮތީ ކަޅި ޖަހާނުލާ އަހަރެންގެ މޫނާ ދިމާއަށް ބަލާށެވެ.

އެ ކުއްޖާ ބުނާ ކަހަލައެވެ. "މަންމާ! މަންމަ މަރުވީމާ އަހަރެން ބަލާނީ ވަކި ކާކު... މަންމަ އަކީ ވަރަށް ހިތްވަރު ގަދަ މީހެއް... މިއޮއްހާ ދުވަހުވެސް މަންމަ އެކަނި މާ އެކަނި ތި އުޅުނުހެން އަދިވެސް އުޅެވޭނެ... އަޅުގަނޑު މަންމަ ބުނާ ބަސް އަހާނަން.... މަންމާ އަހަރެން ދޫކޮށްފައި ނުދޭ...."

ބަހުގެ މުއާމަލާތެއް ނުހިނގި ނަމަވެސް ދެމައިންގެ ހަތަރު ކަޅި ބައްދަލުވެގެން ދިޔަ ވަގުތު އަހަންނަށް އެ ކުއްޖާގެ އާދޭސް އަޑު އިވުނު ކަހަލައެވެ. އެ ދުވަހު އަހަންނަށް ކުރެވެން އުޅުނު މޮޔަކަމަކުން ސަލާމަތްވެވުނީ އަހަރެންގެ އަތުގައި އެ ތުއްތު ކުއްޖާ ހިފެހެއްޓުމުންނެވެ. އެ މައުސޫމް ކުއްޖާއަށްޓަކައި އަހަރެންގެ ފުރާނަވެސް ގުރުބާނެވެ.

އެދުވަހު އާ އަޒުމަކާ އެކީ ދުނިޔެއާ ކުރިމަތިލާން އަަހަރެން ނިންމީމެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ކޮންމެ ކަމެއްވެސް ކުރަން އަހަރެން ނިންމީ އެ ކުއްޖާގެ މުސްތަގުބަލަށްޓަކައެވެ. ހިތުގައި އޮތް ހުރިހާ ވަހުމްތައް އެއްފަރާތްކޮށްލާ މާތްﷲ ހަމްދުކުރީމެވެ. އަހަރެންނަށް ދެއްވި ނިއުމަތްތަކަށް އަހަރެން ޝުކުރު ކުރީމެވެ. ދުނިޔޭގައި މިއަށްވުރެ ހާލުގައި އުޅޭނެ މީހުންވެސް ތިބޭނެ ކަން އަހަރެން އަމިއްލަ ނަފްސަށް ވިސްނައިދިނީމެވެ.

ނަމާދުކޮށް ދުއާކުރުން ގިނަ ކުރީމެވެ. ދުނިޔެއަކީ އިމްތިހާނެއް ކަމަށާއި އެ އިމްތިހާނުން އަހަރެން ފާސްވާން މަސައްކަތް ކުރަން އަޒުމް ކަނޑައެޅީމެވެ. ދިރިއުޅުމުގެ އެއް ދޮރު ލެއްޕުނަސް އެ ނިމުނީކީ ނޫނެވެ. އަނެއް ދޮރު ހުޅުވަން މަސައްކަތް ކުރާނީވެސް ތިމާ އަމިއްލައަށް ކަމަށް އަހަރެންގެ ބަލިކަށި ހިތަށް ވިސްނައިދިނީމެވެ.

އަހަރެންގެ ދިރިއުޅުމުގެ ހުޅުކޮޅު ނިވުނަ ނުދީ އާ އުންމީދަކާ އެކީ ދަރިފުޅާ އެކު ދުނިޔެއާ ކުރިމަތިލާން އަހަރެން އަތުކުރި އޮޅާލީމެވެ. ދިރިއުޅުމުގައި ދިމާވާ ދަތިތަކާއި ހުރަސްތައް ކަޑައްތުކޮށް ކުރިއަށް ދާން އަހަރެން މަސައްކަތް ކުރާނީ ހިތްވަރުގަދަ މަންމައެއް ގޮތުގައެވެ.

(ނިމުނީ)