"ޒިމީ... ޒިމީ...."

ސިޑިން މައްޗަށް އަރާ ކޮޓަރި ދޮރު ހުޅުވާލަމުން ބުޝްރާ ގޮވާލިއެވެ. "އަޅެ ކޮބާތަ މިކުއްޖާ.... ފޯނުވެސް ނިވާލާފާ... އޭނާ ޓިއުޝަނަށޭ ކިޔާފަ ކޮންތާކަށް އެދިޔައީ..." ކަންބޮޑުވެފައި ހުރެ ބުޝްރާ ވާހަކަދެއްކީ އޭނާގެ ފަހަތުން އެކޮޓަރިއަށް އައި އާސިފާއާއެވެ.

"ދެންވެސް އަވަހަށް ޒުބޭރަށް ގުޅާބަލަ..." އާސިފާ މަސައްކަތް ކުރީ ބުޝްރާއަށް ވިސްނައިދެވޭތޯއެވެ. ކޮޓަރިތެރޭ ދެއަތަށް ހިނގާލަހިނގާލަ ބުޝްރާ ހުރީ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައެވެ. ހުރި ހަމައެކަނި އަންހެން ދަރި ގެއްލިގެން އުޅެންޖެހުމުން އޭނާ ހުރީ ހާސްވެފައެވެ. ފޯނުން ނަންބަ ުތަކަކަށް ފިތާލުމަށްފަހު ކަންފަތުގައި ފޯނު ޖަހާލިއެވެ. އިރުކޮޅެއް ފަހުން އެކޮޅުން ވާހަކަ ދެއްކިއެވެ.

"ހަލޯ... ޝިރާގެ މަންމަތަ؟... ކޮބާތަ ޝިރާ؟.. ވާހަކައެއް އަހާލަން މިގުޅީ... މީ ޒިމީގެ މަންމައޭ..." ފޯނުން ވާހަކަ ދައްކަމުން ދިޔައިރު ބުޝްރާ އޭނާގެ އަތުގެ ނިޔަފަތިތައް ހަފަމުނެނެވެ. އިރުކޮޅެއްފަހުން ފޯނުން ޝިރާ ވާހަކަ ދެއްކިއެވެ.

"ހަލޯ... ޝިރާ.. މީ ޒިމީގެ މަންމަ.. އެނގިއްޖެދޯ... މިއަދު ޒިމީ ޓިއުޝަނަށް ދިޔަތަ؟..." ބުޝްރާ ބޭނުންވީ ޒިމީ ދިޔަތަނެއް ހޯދާށެވެ.

"ނޫން... ނާދޭ... ޒިމީ މިއަދު ސްކޫލަކަށްވެސް ނާދޭ... ކިހިނެއްވީ..." ޝިރާދިން ޖަވާބު ކަންފަތުގައި ޖެހުމާއި އެކީ ބުޝްރާ އިތުރު ސުވާލެއްނުކޮށް ފޯނު ބޭއްވިއެވެ. ސޯޅަ އަހަރުގެ އަންހެންދަރި ވީތަނެއް ނޭނގުމުން އޭނަ ކަންތައް ބޮޑުވިއެވެ.

"ބުޝްރާ.. އެމަންޖެ ކީކޭތަ ބުނީ؟... ދެންވެސް ޒުބޭރަށް ގުޅާބަލަ..." އާސިފާގެ ބަސް އެހިސާބުން މެދުކެނޑުނީ ބުޝްރާގެ ރުޅިވެރި މޫނު ފެނުމުންނެވެ.

"އަދިވެސް ޒުބޭރަށްތަ ނުގުޅިގެން މިއުޅެނީ... ޒިމީ ދިޔަ ތަނެއްނު ހޯދަންވީ... އަހަރެންނާ އެކީ ހެނދުނު ގެއިން ނުކުތީ... ގަޑި ޖެހޭތީ އަހަރެން އަވަހަށް ދިޔައީ އޮފީހަށް... ޒިމީ ދިޔައީ ސްކޫލަށް... ސްކޫލަށް ނުގޮސް ދެން ވަކި ކޮންތާކަށް ދާނީ... އަހަރެން މިއަދު ބިޒީކަމުން އެއްފަހަރުވެސް ޒިމ އަށް ނުގުޅަން.. އޮފީހުން އައިއިރު ގޭގަ ނެތީމަ އަހަރެން ހީކުރީ ޓިއުޝަނަށް ދިޔައީކަމަށް... ބަލާ ދިޔައިރު އެކްލާސް ހުރިހާ ކުދިން ގެއަށް ހިނގައްޖެ... މިހާރު ގަޑިން ދިހައެއް ޖަހަނީ... އަޅެ ދެން އޭނަ ވަކި ދާނީވެސް ކޮންތާކަށް؟... ފިހާރަތައްވެސް ބަންދުކުރާ ގަޑި ޖެހެނީ..." ބުޝްރާ ގެއިން ނުކުތުމަށް ހިނގައިގަތެވެ. ބުޝްރާގެ ފަހަތުން އާސިފާއަށް ދާކަށް ނުކެރުނެވެ.

މަގުމައްޗަށް ނުކުމެ މަގުގެ ދެފަރާތަށް ބަލަން ހުރި އިރު ބުޝްރާގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ. އޮފީސް ނިންމާފަ ގެއަށް އަައި ގޮތަަށް ޔުނީފޯމް ބަދަލު ނުކުރެވި ހުރިކަންވެސް އޭނާއަށް ރޭކާލީ މާ ފަހުންނެވެ. އަނބުރާ ގެއަށް ވަަނީ ހެދުން ބަދަލު ކުރާށެވެ. އެއަށްފަހު އޭނާގެ ރައްޓެއްސަކަށް ގުޅާލީ ސައިކަލުގައި ގެއަށް އައިސް ދިނުމަށެވެ. ރައްޓެހި ކުދިންނާއެކީ ގާޑިޔާ ކައިރިއަށް ބައެއްފަހަރު ޒިމްނާ ދެއެވެ. ބުޝްރާ ބޭނުންވީ ޒިމްނާ ގޮސްދާނެހެން ހީވާ ހުރިހާ ތަނެއް ބަލާށެވެ.

ސިޓިންގް ރޫމުގައި މަޑުކޮށްގެން ހުރީ ބުޝްރާގެ އެކުވެރިޔާ ގުޅާނެ އިރެއްގެ އިންތިޒާރުގައެވެ. ގޭގެ މައިދޮރު ހުޅުވާފަ އެތެރެއަށް ވަދެގެން އައި ޒުބޭރާ ދިމާލަށް ބުޝްރާއަށް ބަލާލެވުނީ ހައިރާނުން ފުރިގެންވާ ގޮތަކަށެވެ. "ކޮބާތަ ޒިމީ... އާސިފާ އަހަރެންނަށް ގުޅާފަ ބުނި ޒިމީ ދެކުނިން ޭ... އެމަންޖެ ގެއްލިއްޖޯ..." ހަރުއަޑުން ޒުބޭރު ދައްކަމުން ދިޔަ ވާހަކަ އަޑުއަހަން ހުރި ބުޝްރާ އިސްޖަހާލިއެވެ.

*** *** *** *** *** ***

ރޭގަނޑުގެ ވަގުތެކެވެ. ދިހައެއް ޖެހުމާއިއެކު ފިހާރަތައް ބަންދުކޮށްފިއެވެ. ކޮންމެ މީހަކުވެސް އަވަދިނެތި އުޅެމުންދިޔައީ އެމީހެއްގެ ދިރިއުޅުމާއި އަމިއްލަ މަސައްކަތުގައެވެ. ބައިބޯވެ މީހުންނާ އެއްގަމު އުޅަނދުފަހަރުން ފުރި ބާރުވެފައިވާ މާލޭގެ މަގުތައް އޮންނަނީ ތޮއްޖެހިފައެވެ. މަގުގެ ދެފަރާތުގައި ޕާކުކޮށްފައި ހުންނަ ސައިކަލުތައް މަދެއްނޫނެވެ. ދުވާރުމަތިން ހުއްޓެމުން ކަހަލަގޮތަކަށް މީހުންގެ ގައިން ރެކެމުން ނޫނީ ހިނގޭ ވަރެއް ނޫނެވެ.

ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރާ ޒިންމާދާރު އޮފިސަރެއްކަމަށްވާ އިޔާޒް، ސައިކަލުގައި ދުއްވާފައި ދިޔައީ އޮފީހާ ދިމާއަަށެވެ. އޮފީހަށް ވަދެ މެޝިނުން ކާޑު ކަނޑާލުމަށްފަހު އޭނާގޮސް އިށީނީ ރިސެޕްޝަންގައެވެ. ރޭގަނޑު ޑިއުޓީކަމުން އެންމެންވެސް ތިބީ މަސައްކަތް ލުއިވާނެކަމަށް ނިންމައިގެންނެވެ.

"މިރޭ ކަމެއް ނެތެއްނު... ހިނގާ ފިލްމެއް ބަލާލަން... މަގޭ ހާޑްގަ އިންނާނެ އެއްކަލަ އިޔާޒް ބުނި ފިލްމް..." ދަންވަރު ޑިއުޓީގައި ހޭދަކުރާ ގިނަ ރޭތައް ދާނީ މިފަދަ ގޮތަކަށެވެ. އިޔާޒްގެ އަތަށް ކޮފީ މަގެއް ދިއްކޮށްލަމުން ރިސެޕްޝަންގައި ހުރި އަންހެންކުއްޖާ ފިލްމުބަލަން އެދުމަށްފަހު ފާހާނާއަށް ދިޔައީ އިޔާޒް ގާތު އެތަނުގައި މަޑުކޮށްލުމަށް އެދެމުންނެވެ.

ހޫނު ކޮފީމަގު ތުނބުގައި ޖެހިތަނާ ފޯނު ރިންގުވިއެވެ. ފޯނުގެ އަަތްގަނޑު އިޔާޒް ނެގީ ރިސެޕްޝަންގައި އިތުރު މީހަކު ނެތުމުންނެވެ.

*** *** *** *** *** ***

"ހަލޯ... އަޅުގަނޑު މިގުޅަނީ އަޅުގަނޑުގެ ދަރިފުޅު ގެއްލިގެން... ހެނދުނުދިޔަ ގޮތަށް ގެއަކަށް ނާދޭ... ސްކޫލަކަށްވެސް ނުދެޔޯ...." ޒުބޭރު ހުރީ މޭފިނިވެފައެވެ. ފުލުހުން އެދުނު މައުޅުމާތު ދިނުމުން އެމީހުން ގެއަށް މިއަންނަނީ ކަމަށް ބުނެ ފޯނު ކަނޑާލުމުން ޒުބޭރު ބަލާލީ ސޯފާގައި ރޯން އިން ބުޝްރާގެ މޫނަށެވެ.

ދެލޯ މުދުނަށް އަރުވައިގެން ޒުބޭރާ ދިމާއަށް ބަލަން މެދު އުމުރުގެ ބުޝްރާ އިނެވެ. އެކަނިމާއެކަނި މާލޭގައި ކުއްޔަށް އޭނާއާ އޭނާގެ އަންހެންދަރި އުޅެމުންދިޔައީ މ.ވެލްވެޓްގައެވެ. އާއިލާ ރޫޅިފައިވުމުން ބުޝްރާއާއި ޒުބޭރު ދިރިއުޅެމުން އައީ ވަކިންނެވެ. ނަމަވެސް އެމީހުންގެ ދަރިފުޅ ށް އެއްވެސް ކަމެއް އުނި ނުވާނެހެނެވެ.

"އައްސަލާމް އަލައިކުމް...."

"ވާލައިކުމުއް ސަލާމް..." ގޭގެ މައިދޮރު ހުޅުވާލަމުން ސަލާމްދިން ފުލުހުންގާތު އެތެރެއަށް އައުމަށް ޒުބޭރު އެދުނެވެ. ގެއްލިގެން އުޅޭ ކުއްޖާއާ ބެހޭ މައުލޫމާތު ހޯދުމަށް އިޔާޒްމެން އަވަސް ވެގަތެވެ.

"އަހަރެމެންގެ ދަރިފުޅު ގެއްލިފައިވަނީ ހެނދުނު.... އޭނާ ސްކޫލަށް ދަނީ އެކަަނި.. މިއަދު އޮފީސް ނިންމާފަގެއަށް އައިއިރު، ދަރިފުޅު ގޭގަަ ނެތީމަ ހީކުރީ ޓިއުޝަނަށް ދިޔައީކަމަށް... އެކަމަކު އޭނަ ޓިއުޝަނަށް މިއަދު ނުދާ ކަމަށްވަނީ... އޭނަަ ކުލާސް ކުދިންނަށް އަހަރެން ގުޅީއެއިން ގެއަކަށް ދިޔަތޯ ބަލަން... އެހިސާބުން އެނގުނީ މިއަދު އޭނަ ސްކޫލަށް ނުދާކަން..." އެއް ފައްޗަކަށް ވާހަކަ ދައްކަމުން ދިޔަ ބުޝްރާ ހުރީ ކަންބޮޑުވެފައެވެ.

"ފުރިހަމަ ނަމަކީ.. އާމިނަތު ޒިމްނާ ޒުބޭރު.. 16 އަހަރު.. ކިޔަވަނީ އަމީނިއްޔާ ސްކޫލް ގްރޭޑް 10 އެއްގަ..." ފުލުހުން ކުރަމުން ދިޔަ ސުވާލުތަކަށް ޒުބޭރު ޖަވާބު ދިނެވެ.

ޒިމްނާގެ ކޮޓަރި ފާސްކުރަން ފުލުހުން ދިޔައެވެ. ފިޔާތޮށިކުލައިގެ ކުލަލާފައިވާ ކޮޓަރީގައި ވަނީ ހުދުކުލައިގެ ފަރުނީޗަރެވެ. ކިޔަވާ މޭޒުމަތީހުރި ފޮތްތަކަށް ބަލަމުން ދިޔަ އިޔާޒްގެ ލޮލުގައި އަޅައިގަތީ ކަޅު ކުލައިގެ ޑައިރީއެކެވެ. ޑައިރީ ހުޅުވާލަމުން ޞަފްހާތަކަށް ވަކިވަކިން ބަލ ލިއެވެ. އިނގިރޭސި އަކުރުތަކުން ލިޔެފައިވާ ބައެއް ލިޔުންތައް ކިޔާލިއެވެ. ޒިމްނާ ހޯދުމަށް މުހިއްމު މައުލޫމާތުތަކެއް ހިމެނޭ އެ ޑައިރީ ނަގައިގެން، ސިޓިންގ ރޫމަށް އިޔާޒް ނުކުތީ އޮފީހަށް ގުޅަމުންނެވެ. "މ.ވެލްވެޓްއިން ފެށިގެން އަމީނިއްޔާއާ ދެމެދުން ލިބެންހުރި ސީ.ސީ.ޓީ.ވީ ފުޓޭޖްތައް ހޯދާ... މިއުޅެނީ އަންހެންކުއްޖެއް ގެއްލިގެން..."

ބުޝްރާމެން ބަޔާން ދިނުމަށް ފުލުސް އޮފީހަށް އައުމަށް އެދެމުން، ޒިމްނާގެ ފޮޓޯގަނޑެއް ބޭނުންވާކަމަށް ބުނެ، އެމީހުން އެގެއިން ނުކުތީ ފުލުސް އޮފީހަށް ދާށެވެ.

*** *** *** *** *** ***

ބަޔާން ދިނުމަށްފަހު އެޑްމިން އޮފިސަރގެ އަަތަށް ޒިމްނާގެ ފޮޓޯގަނޑު ހަވާލުކުރުމަށްފަހު ބުޝްރާއާ ޒުބޭރު މަޑުކުރީ އިޔާޒް އަންގާލަން ދެނެވެ. އިޔާޒް އިނީ އޮފީހަށް އައި ގޮތަށް އޭނާގެ ކެބިންގައި ފޭސްބުކަށް ވަދެގެންނެވެ. އިޔާޒްގެ މޭޒުމަތީ ޒިމްނާގެ ފޮޓޯގަނޑާއި ބަޔާން ގެނެސް އެޑް ިން އޮފިސަރ ބޭއްވިއެވެ. އިޔާޒް އެ ފޮޓޯގަނޑަށް ބަލާލި ވަގުތު މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. ފަސްމުގުލަށްޖެހި ކަހަލައެވެ. އެ ކޮޓަރިއަށް ޒިމްނާގެ މައިންބަފައިން ވެއްދިއެވެ. އަދި ދޮރުކައިރީ ހުރި ސޯފާގައި އެމީހުން އިށީނދެގެން ވާހަކަ ދައްކަން ތިބީ ޒިމްނާގެ ޑައިރީ ހިފައިގެންނެވެ.

ކެބިނަށް ވަދެ އިޔާޒްގެ ކޮމްޕިއުޓަރ ސްކްރީން ލުގްމާން ހުޅުވާލިއެވެ. އެ ކޮމްޕިއުޓަރުން 'ފޭސްބުކް' އަށް ވަދެފައިވާއިރު އޭގައި ހުޅުވާފައިވާ ޒިމްނާގެ ފޮޓޯގަނޑަށް ލުގްމާން ބަލަން އިނީ ހައިރާން ވެފައެވެ. ދެލޯ އަޅާލަމުން އިޔާޒް ހުރި ދިމާއަށް ބަލާލިއެވެ.

*** *** *** *** *** ***

ގެއަށް އައިސް ބުޝްރާއަށް ނިދޭ ގޮތެއް ނުވިއެވެ. ޒިމްނާގެ ކޮޓަރިއަށް ވަދެ އޭނާގެ އަލަމާރި ހުޅުވައިގެން ފޮތްތަކާއި، ކުޑައިރުގެ ފޮޓޯތަކަށް ބަލަމުން ދިޔައިރު މާޒީ ސިފަވަމުން ދިޔައެވެ.

ޒިމްނާއަށް ދެ އަހަރު ވީއިރު ޒުބޭރާއި ބުޝްރާގެ ކައިވެނީގެ ގޮށްވަނީ މޮހެވިފައެވެ. އެދުވަހަށްފަހު ބުޝްރާ ދިރިއުޅެމުން އައީ އެކަނިވެރި މައެއްގެ ގޮތުގައެވެ. އެކަނިމާ އެކަނި ޒިމްނާއަށް އުޅެވޭވަރުވުމުން ބުޝްރާ ވަޒީފާއަށް ދިޔައީ އެމީހުންގެ ޚަރަދުތައް ބޮޑުވެ އުޅެން ދަތިވާން ފެށުމުންނެވެ. ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ގޭތެރޭގައި އެކަނި ޒިމްނާ ހޭދަކުރާ ވަގުތުތައް ވަރަށްވެސް ގިނައެވެ. ގްރޭޑް ދިހައެއްގައި އުޅޭ އަހަރުކަމުން ޓިއުޝަން ނަގަން ކިލާހަކަށް ފޮނުވީ ޒިމްނާވެސް އެކަމަށް އެދުމުންނެވެ. ޒިމްނާ ބޭނުންވާ ވަރަށް ފައިސާ ދޭއިރު އެ ފައިސާއިން ޒިމްނާ ކުރަނީ ކޮން ބޭނުމެއްތޯ ބުޝްރާ އަހާވެސް ނުލައެވެ.

މި އަހަރު ކުރީކޮޅު ނުދަންނަ ފިރިހެނެއްކަމަށްވާ 'ޑެވިލް ބޯއި' އާ ޗެޓްކޮށް އެތައްފަހަރަކު ފޯނުން ވާހަކަ ދެއްކިކަމަށް ޑައިރީގައި އޮތެވެ. އެ ޑައިރީގައި ޒިމްނާ ލިޔެފައިވާ ކަންތައްތައް އޮފިސަރ އިޔާޒް ކިޔައިދިނުމުން ބުޝްރާގެ ހޭބުއްދި ފިލައި ނުދިޔައީ ހަމަކިރިޔާއެވެ. އޭނާގެ ދަރިފުޅަށް މިފަދަ ކަންތައްތަކެއް ކުރިމަތިވީއިރު އެއިން އެއްވެސް ކަމެއް އޭނައަށް ރޭކާނުލީ ކީއްވެހެއްޔެވެ؟ ބުޝްރާ އިތުރަށް އެ ދުވަސްތައް ހަނދާން ކުރަން މަސައްކަތް ކުރިއެވެ.

އެބުނާ ދުވަސްތަކަކީ ޒިމްނާ އެއްގޮތަކަށްވެސް ކޮޓަރިން ނުނިކުމެ އުޅެމުން ދިޔަ ދުވަސް ވަރެކެވެ. ބުޝްރާ ކޮޓަރިއަށް ވަނުމުން ރުޅިއާދެއެވެ. ޒިމްނާގެ އެއްޗެތި ހާވަފާނެތީ އޭނާ އުޅެނީ ކޮޓަރި ތަޅުލައިގެންނެވެ. ލާ ހެދުން ގަޔަށް ބާރުވިއެވެ. ގަދަ ރަތް ކުލައިގެ ލިޕްސްޓިކް ޖެއްސުމާއި އަނދުން އެޅުން އާންމުވިއެވެ. ފަހުގެ ފެޝަނަކީ މިއޭ ކިޔާ ބުޝްރާ ހޯދައިދޭ އަންނައުނު ކަމުނުގޮސްގެން ދެމައިން ޒުވާބު ކުރަންޖެހޭ ދުވަސްތައް ގިނަވިއެވެ.

ބުޝްރާއަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. އޭނާގެ ހިތާ ސިކުނޑި ފަޅައިގެން ހިނގައްޖެއެވެ. މިއަދު މިފެނުނީ މަންމައެއްގެ ލޯތްބިން ދޮންފުތު ކުރުމުގެ ނަތީޖާއެވެ. ކުއްޖާއަށް ދޭންޖެހޭ ވަގުތު ނުދެވުމާއި، އަޚްލާގަށް އަންނަމުން ދިޔަ ބަދަލު ދެނެގަތުމަށް ނުކުޅެދުމުގެ ނަތީޖާކަން ބުޝްރާއަށް ވިސްނުނެވެ.

ގަޑީގެ ސިކުންތު ކަށި ދައުރުވަމުން ދާ އަޑު ނޫން އަޑެއް އެގޭތެރެއަކުން ނީވެއެވެ. ޒުބޭރާ ބުޝްރާ ތިބީ ސޯފާގައި ލެނގިލައިގެނެވެ. އެމީހުންގެ ލޮލަށް މިރޭ ނިދި ނާންނާނެކަން އެނގޭތީއެވެ. ދެމީހުންކުރެ އެކަކުވެސް ވާހަކަ ދައްކަން ބޭނުން ނުވާ ކަހަލައެވެ.

*** *** *** *** *** ***

ޒިމްނާގެ ލޮލަށް ވަނީ ބަރުވެފައެވެ. އޭނާގެ ލޯ ހުޅުވަން މަސައްކަތް ކުރުމުންވެސް ލޯ ހުޅުވޭ ގޮތެއް ނުވިއެވެ. ކޮޓަރި ތެރޭގައި މީހަކު އުޅޭކަމުގެ އިހްސާސްވިއެވެ. ޒިމްނާގެ ހަށިގަނޑުގައި އަތަކުން ބީހެންފެށުމުން އޭނާ ގަދަ ހެދިއެވެ. ޒިމްނާގެ ދުލަކު ވަރެއްނެތެވެ. "ދުރަށް ދޭ... ނޫން..." ޒިމްނާ ބޮޑާހާކަން ފެށިއެވެ.

ކަންކަށި މައްޗަށް އެމީހާގެ ބޮޑު އަތްތިލައިން ހޫނު އެތިފަހަރެއް އަރުވާލިއެވެ. ވީތަދުން ޒިމްނާ ރޮއިގަތެވެ. ޒިމްނާގެ ތުނި ހަށިގަނޑު މައްޗަށް އެމީހާ ވެއްޓިގަތީ އެކަމަށް ޒިމްނާ ނުވިސްނާ އޮއްވައެވެ. ނޭވާ ހާސްވެ ތެެޅެމުން ދިޔައިރު އެމީހާ ކޮށްޕާލާނެހާ ބުންވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. ދެން އިވުނީ މީހަކު ކޮޓަރީގައި ޓަކި ޖަހާލި އަޑެވެ.

"ކާކު؟..." ސިހިފައި އެމީހާ ތެދުވެގެން ގޮސް ދޮރު ހުޅުވާލިއެވެ.

*** *** *** *** *** ***

ދަންވަރު ތިނެއް ޖެހުމާއި އެކީ ޒުބޭރުގެ ފޯނު ރިންގްވިއެވެ. ފޯނު ކަނޑާލުމަށްފަހު ބުޝްރާ ގޮވައިގެން ޒުބޭރު ދިޔައީ ހޮސްޕިޓަލަށެވެ. އެހިސާބުން އެކަންތައް ހިނގާ ދިޔަގޮތް ތަފްސީލްކޮށް ފުލުހުންގެ އޮފިސަރ އިޔާޒް ކިޔައިދިނެވެ.

"މާދަމާ ހެނދުނު ފުލުސް އޮފީހަށް ހާޒިރުވެދެއްވާތި... ހުރިހާ ކުދިން ވީ ވޯޑުގަ..." ނޫސްވެރިންނާ މުޚާތަބުކޮށް ވާހަކަދައްކަން ހުރި އޮފިސަރގެ ވާހަކަ މެދުކަނޑާލަމުން ބޭރަށް ހިނގައިގަތެވެ. އިޔާޒަށް އުނދަގޫތަކެއް ވަމުން ދިޔައެވެ. އެކަން ފޮރުވަން މަސައްކަތްކުރި ނަމަވެސް ލުގްމާނަށް ކޮންމެވެސް ނުބައެއް އުޅޭހެން ހީވިއެވެ.

ޒުބޭރާ ބުޝްރާ ދިޔައީ މިރޭ ސަލާމަތްކޮށްގެން ގެނައި ކުދިން ބާއްވާފައިވާ ވޯޑަށެވެ. ޒިމްނާ އޮތީ އައިވީ ގުޅާފައެވެ. އޭނާގެ ނޭފަތާ ތުންފަތްވަނީ ފަޅައިގެން ގޮސްފައެވެ. ވަޅުވަދެފައިވާ ދެލޯ މަރައިގެން ޒިމްނާއަށް އޮތީ ނިދިފައެވެ. ބުޝްރާ ދުވެފައިގޮސް އެކުއްޖާގެ ބޮލުގައި ފިރުމާލިއެވެ. ނިތްކުރިއަށް ބޮސްދިނެވެ.

އެވޯޑުގައި ތިބި ގިނަކުދިންގެ މައިންބަފައިން އަދި އެތަނަށް ނާދެއެވެ. މައިބަފައިންގެ އިހްމާލުން ހަލާކުވެގެންދާ ކިތެއް ކުދިން މާލޭގައި އުޅޭ ބާވައޭ ބުޝްރާގެ ހިތަށް އެރިއެވެ. ޒިމްނާގެ މަގަތުގައި އޮށޯވެ އެމަންޖެ ގައިގާ ބައްދާލަމުން ބުޝްރާ ދެލޯ މަރާލިއެވެ. އެނދުކައިރީގައި ހުރ ހުސް ގޮނޑީގައި އިށީންނަމުން ޒުބޭރު ހަމަޖެހިލިއެވެ. ނިދަން ބޭނުން ނުވާތީ އޭނާގެ ފޯނުން ފޭސްބުކަށް ވަނެވެ. ނޫސްތަކުން ނެރެފައިވާ ޚަބަރުތައް ފެނުމުން ޒުބޭރު އެއިން ޚަބަރެއް ހުޅުވާލިއެވެ.

*** *** *** *** *** ***

"އުމުރުން ސޯޅަ އަހަރުގެ އަންހެން ކުއްޖެއް ގެއްލިގެން މިރޭ ފުލުހުންގެ ޓީމުން ހިންގި ހާއްސަ އޮޕަރޭޝަނުން ވަނީ ގޭންގް ގްރޫޕެއް ހިންގަމުންދާ ވަރަށް ނުބައި ވިޔަފާރިއެއް ފަޅާއަރާފައެވެ. މި ގްރޫޕުގައި ދެ ޖިންސުގެ ޒުވާނުން ޝާމިލްވެއެވެ.

ސްކޫލުން ނިމިގެން އެކަނިމާ އެކަނި ދާ ކުދިންނަށް ފާރަލާ އެކުދިންނާ ހާއްސަ ބަޔަކު ބައްދަލުކުރެއެވެ. އެމީހުން އެކުދިންގެ ބޮލަށް އެރެއެވެ. ފައިސާގެ ބޭނުންޖެހޭ ކުދިންނަށް ހަވާލުކުރަނީ ޕެކޭޖްތަކެއް ޑެލިވެރީ ކުރާށެވެ. މި މަސައްކަތުން ފުދޭ ވަރެއްގެ އުޖޫރައެއް ދެއެވެ. މިގޮތުން ފ ރާވަރުގެ ކުދިން މެދުވެރިކޮށް މި ގޭންގުން ޑެލިވަރ ކުރަނީ އެކި ޒާތްޒާތުގެ މަސްތުވާ ތަކެއްޗެވެ.

އާއިލާ މައްސަލަތައް މެދުވެރިވެ ވިސްނާ ފިކުރުކުރާ ދަރިވަރުންނަށް އެހީވުމުގެ ގޮތުން އެންޓި-ޑިޕްރެޝަން ބޭސް ގުޅަ ކަމަށްބުނެ އެކުދިންގެ ޑިޕްރެޝަން ނުވަތަ ސްޓްރެސް ފިލުވާލަން އެމީހުން މަސްތުވާތަކެތިދެއެވެ. ބޭހަށް އެކުދިން ދެވިހިފާ ހިސާބުން އެމީހުން އެކުދިންނާ ދުރުވެއެވެ. ނ ތީޖާއަކަށް ވެގެންދަނީ އެކުދިން އެމީހުންގެ ފަހަތުން ބޭސް ބޭނުންވެގެން އާދޭސްކުރަން ފެށުމެވެ. އިތުރަށް އެބޭސް ބޭނުންވުމުން، ފައިސާ ހޯދުމަށް ގޭތެރެއިން ވައްކަންކޮށް އެކުދިންގެ ލަދުހަޔާތް ކެނޑިގެންދެއެވެ. އެބުނާ އަދަދަށް ފައިސާ ނުހޯދޭ ކުދިންނަށް ޖެހެނީ އެމީހުން އައްޑާ ތަކުގައި ހަށިވިއްކަން ނުކުންނާށެވެ.

މިރޭ ދަންވަރުގެ ވަގުތެއްގައި މާލޭގެ 10 ގެސްޓް ހައުސެއް ބަލާ ފާސްކުރިއެވެ. ޖުމްލަ ބާރަ އަންހެންކުދިން ވަނީ މި އޮޕްރޭޝަނުން ސަލާމަތްކޮށްފައެވެ. މިހާރު އެކުދިންނަށް އައި.ޖީ.އެމް.އެޗުން ދަނީ ސިއްޙީ ފަރުވާ ދެމުންނެވެ.

މި އޮޕަރޭޝަންގައި އިސްކޮށް އުޅުއްވި ފުލުހުންގެ އޮފިސަރ ދެއްވި އިންޓަވިއުގައި ވިދާޅުވެފައިވަނީ މިކުދިންނަށް ރިހެބުން ދޭންޖެހޭ ފަރުވާގެ އިތުރުން ކުދިންނަށާއި މައިންބަފައިންނަށްވެސް ކައުންސިލިންނާ އިތުރު އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެއެވެ. އަދި މިފަދަ އެތަށް ކުދިންނެއް މި މުޖްތަމައުގައި ވާނެކަމާއި، އެކުދިން ސަލާމަތްކުރުމަށް ި އޮޕަރޭޝަން ކުރިއަށް ގެންދާނެކަމަށްވެސް ވިދާޅުވެފައި ވެއެވެ."

*** *** *** *** *** ***

ފޯނުގެ ސްކްރީން ނިއްވާލުމަށްފަހު ފުން ނޭވާއެއް ޒުބޭރު ދޫކޮށްލިއެވެ. ދެލޯ މަރާލި ވަގުތު ޒިމްނާ ގޮވާލި އަޑު އޭނާއަށް އިވުނެވެ. އެނދުގައި އޮތް ޒިމްނާއަށް ބަލާލިއެވެ. އޭރު ބުޝްރާ އޮތީ ގަދައަށް ނިދާފައެވެ.

"އައިމް ސޮރީ... އަޅުގަނޑު..." ޒިމްނާ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ ފޭބިއެވެ. އޭނާއަކަށް ވާހަކައެއް ނުދެއްކުނެވެ. ނުދަންނަ މީހެއްގެ ބަހަށް ހެއްލުމުގެ ސަބަބުން ޒިމްނާއަށް ވަނީ ހިތުން ފިލައިގެން ނުދާވަރުގެ ލަނޑެއް ލިބިފައެވެ.

"ޝްޝް.. ނުރޮއެ ޒިމީ... މަންމައާ ބައްޕަ މިހުރީ ޒިމީއާ އެކު... މީ ހަމައެކަނި ޒިމީގެ އިހުމާލުން ވީ ކަމެއްނޫން... އާއިލާ ރޫޅި ކުދިންނަށް ދޭން ޖެހޭ ސަމާލުކަން މައިންބަފައިންނަށް ނުދެވުނީމަ ވީގޮތް... ވެދިޔަ ކަމުން އިބްރަތް ލިބިގަނެ އާފެށުމަކުން ފަށަންވީ... އެއީ އަަހަރެމެންގެ ދިރިއުޅު ަށް އައި އަނދިރި ދުވަހެއް... ދެން ނިދާލާ... އަރާމުކޮށްލާ..." ޒުބޭރުގެ ނަސޭހަތް އަޑުއެހުމަށްފަހު އޭނާގެ ލޯ މަރާލިއެވެ. އާ ފެށުމަކުން ދިރިއުޅުން ފެއްޓުމަށް އަޒުމް ކަނޑައަޅައިގެންނެވެ.

*** *** *** *** *** ***

ސައިކަލު ކައިރީ ހުއްޓިގެން ހުރި އިޔާޒްގެ ހަރަކާތަށް ބަލަންހުރި ލުގްމާނަށް ކެތްނުކުރެވިގެން ސުވާލުކޮށްލިއެވެ. "ކަލޯ... ކިހިނެއްވީ؟... ހިނގާ ކޮފީއަކަށް... ތިއޮއް ނިދެނީ ނުން... ޒިމީ އެއީ ކާކުތަ؟.."

ލުގްމާނާ ކުރިމަތިލަމުން އިޔާޒް ވާހަކަ ދެއްކިއެވެ. "ޒިމީއޭ... ކަލޭ ލަދެއްވެސް ނުގަނޭތަ؟... ގޭންގު މީހުންނާ ގުޅިގެން ފުރާވަރުގެ ކުދިން ހައްލަން.... ޒިމީއަށް ގުޅީވެސް ކަލޭ... ބަލަ އެއީ އަހަރެން އޮންލައިންކޮށް ވާހަކަ ދައްކާ ޒިމީއޭ... ކަލެއަށް އެވަރުވެސް ނޭނގެނީތަ؟... ޒިމީއަކީ އަހަރެންނަށް ވަރަށް ހާއްޞަ ކުއްޖެއްކަން ކަލެއަށް ހަމަ ރަނގަޅަށް އިނގޭނެ.. ކަލޭއަކަށް ދެން ސަލާމަތެއް ނުވެވޭނެ..." އިޔާޒްގެ ލޮލުން ފާޅުވަމުންދިޔައީ ހިތާމައާއި ރުޅިވެރިކަމެވެ.

ލުގްމާން ހިނިތުންވާން މަސައްކަތްކުރީ ކަމެއް ސިއްރުކުރާ ފަދަ ގޮތަަކަށެވެ. ދެކޮނޑު އަރުވާލަމުން އޭނާ ވާހަކަ ދެއްކީ މޫނުމަތިން ހައިރާންވެފައި ހުރިކަން ދައްކަމުންނެވެ. "ކީކޭ؟ އިޔާޒް މޮ..މޮޔަވީތަ؟ އަހަރެން ނުކުރަން..."

"ހުރިހާ ހެއްކެއް އެބައޮތް މިޑައިރީގަ... ކަލޭގެ ނަންބަރާ.. ފޭސްބުކް އެކައުންޓް... އަހަރެންވެސް ފުރަތަމަ ގަބޫލެއް ނުކުރަން... އެކަމު ގޮތްނޭނގޭ އެފްބީ އެކައުންޓް އަހަރެން ހެކް ކޮށްގެން މެސެޖްތައްވެސްް ބަލައިފިން... މިއަދުން ފެށިގެން އަހަރެންނާ ލުގުމާނާ އެއްވެސް ގުޅުމެއް ނޯންނާނެކަން ހަނދާން ބަހައްޓާތި..." އިޔާޒްގެ ބަސްތައް އަޑުއިވި ލުގުމާން ފަހަތަށް ޖެހުނެވެ. ލުގްމާނަކީ 'ފޭސްބުކް' އިން ނުދަންނަ ކުދިން ހައްލާލާ، ގޭންގުތަކާ ގުޅިގެން އަންހެން ކުދިން ހަށިވިއްކުމަށް ނެރި ޑްރަގްސް ވިޔަފާރި ކުރާ އެކަކެވެ.

އައި.ޖީ.އެމް.އެޗް ކައިރިއަށް ފުލުހުންގެ ވެހިކަލެއް މަޑުކޮށްލީ އެވަގުތެވެ. ބިޑިއަޅުވައިގެން ވެހިކަލަށް ލުގުމާން އެރުވިއެވެ. ލުގްމާނާއެކު މިކަމުގައި ޝާމިލްވާ ގިނަ ބަޔަކު އެރޭ ހައްޔަރު ކުރެވުނެވެ. ފުލުހުންނަށް މިކަން ކާމިޔާބު ކުރެވުނީ ޒިމީގެ ޑައިރީގެ އެހީގައެވެ.

(ނިމުނީ)