އިރުއޮއްސި އަނދިރިވަމުން ދިޔަވަގުތެވެ. ރަތްވިލާތަކުން އުދަރެހުގައި ކުރެހިފައިވާ މަންޒަރު ވަރަށްވެސް ހިތްގައިމެވެ. އަތިރި މަތީ މަސް ހިފަން ތިބި ކުދިންތައް ސަކަރާތްޖަހާ ހީ ސަމާސާ ކުރަމުން ދިޔައެވެ. ރަށުގެ ގޮނޑު ދޮށުގައި އެހެލާފައިވާ ދޯނީ ކައިރީ އެއްވެގެން ތިބި ފިރިހެންވެރިންގެ އޮލަވާހަކާއި ހުނުމުގެ އަޑު މުޅިތަނަށް ވެރިވެފައިވާ އިރު އެ މާހައުލުން ފެންނަމުން ދިޔައީ އުފާވެރިކަމެވެ.

ހުޅަނގު ފަތާރު ފާލަންމަތީ ހުއްޓިގެން ހުރި އަލީފްގެ ނަޒަރު ހުސްކޮށްލެވިފައި ވަނީ އިރު އޮއްސެމުން ދިޔަ ހިތްގައިމު މަންޒަރަށެވެ. ފެންނަމުން ދިޔަ އަލި ރަތް ދަނބުކުލަތައް ހިމެނޭ ވިލާތަކުގެ ކުރެހުމަށެވެ. ދަޅަމަތި ބަލަން ހުރި އަލީފްގެ ސިކުނޑިވަނީ މުޅިން އެހެން ދުނިޔެއެއްގައެވެ. އޭނާގެ އަނދިރި ޙަޔާތާ ދޭތެރޭ ވިސްނަން ހުރީ ތިން އަހަރުގެ ތުއްތު އެލްޒާ އުރައިގެންނެވެ.

ސިކުނޑީގައި ހައިޖާނެއްހެން އެނބުރެމުންދިޔަ އެ ތޫފާނީ ޚިޔާލުތަކުން އަލީފް ހުރީ ހަދާނެގޮތް ހުސްވެފައެވެ. ނަގޫރޯޅިއެއްހެން އޭނާ ވަށާ އެނބުރެމުން ދިޔައީ އެ ހާދިޡާތަކެވެ. އެލްޒާ ގޮވައިގެން އަަނބުރާ ގެއަށް ނުދާން އޭނަ ޢަޒުމް ކަނޑައެޅިއެވެ.

އެއްގަމުން އަލީފްގެ ލޮލުގައި އަޅައިގަތީ ހިރުނދުގަސްތަކެއްގެ ހިޔަލުގައި ހުރި ޖޯލި ފައްޗެވެ.އަދި އެތަނުން ޖޯއްޔެއްގައި އޮށޯވެގެން އޮތް އަލީފްގެ ބޮޑުދައިތަ އާބިދާއެވެ. ދުފާ އަނގަ ރަތްކޮށްގެން އޮތް އާބިދާގެ އަތަށް އެލްޒާ ހަވާލުކުރުމަށްފަަހު އަލީފް ގެއާ ދިމާއަށް ހިނގައިގަތެވެ.

"އަލީފް... ކޮންތާކަށް؟..." ބޮޑުދައިތަ އާބިދާ އަހާލިއެވެ.

ބަހެއް ނުބުނެއަލީފް ދުއްވައިގަތުމުން ކޮންމެވެސް ނުބައެއް އުޅޭހެން އާބިދާއަށް ޝައްކުވިއެވެ. އެލްޒާ ރޯންފެށީ އެވަގުތުކަމުން އެމަންޖެ އުރައިގެން މަސަލަސް ކުރަމުން އާބިދާ ޖޯލިން ތެދުވެ އަލީފަށް ގޮވާލިއެވެ. އެވަގުތު އާބިދާގެ ނޭފަތުގައި ޖެހުނު ވަހުން އެލްޒާއަށް ހުރީ ބޮޑުކަމުދެވިފައިކަން އެނގުނެވެ. އެހެންކަމުން އަތިރިއާ ކައިރީގައި ހުރި އާބިދާގެ ގެއަށް އޭނާ ދިޔައީ އެލްޒާގެ ނެޕީ ބަދަަލުކުރާށެވެ.

ޢިޝާ ނަމާދުކޮށް ނިމިގެން މިސްކިތުން މީހުން ފައިބައިގެން ގެއަށް އައި އިރުވެސް އަލީފްގެ ޙަބަރެއް ނުވުއެވެ.އާބިދާ ގެއިން ނުކުތީރޭގަނޑު އަށެއްވެސް ޖެހި ފަހުންނެވެ.ތުއްތު އެލްޒާ އުރާލައިގެން އެގެއާ ދިމާއަށް ދާން އޭނާ ހިނގައިގަތެވެ. އާބިދާގެ ކޮނޑުގައި ބޯ އަޅައިގެން އެލްޒާ އޮތީ އާބިދާގެ ބުރުގަލުގެ އެއްކަން އަނގަޔަށް ލައިގެން ދަތުން ދަމާލަދަމާލައެވެ.

ފަނަރަ މިނެޓެއްހާއިރުގެ ހިނގުމަކަށްފަހު އަލީފްމެންގެއާ ހިސާބަށް ދެވުނުއިރު ބުނެދޭން ނޭނގޭ ކަހަލަ އުނދަގޫތަކެއް އާބިިދާއަށް ވިއެވެ. އުރުގައި އިން އެލްޒާގެ ބުރަކަށީގައި ފިރުމާލަމުން ވަށައިގެންވާ މާހައުލަށް އާބިދާ ނަޒަރު ހިންގާލިއެވެ. ރަށުގެ ގިނަ މީހުންތަކެއް އެހިސާބަށް އެއްވެގެން އުޅޭއިރު ކޮންމެވެސް ކަންތައްގަނޑެއް ވެއްޖެކަންއާބިދާއަށް ނަގައިގަަނެވުނެވެ. ކަންކަންމަތީ ރަނބަތަޅަން ތިބި މީހުން ދައްކަމުން ދިޔަ ވާހަކަތައް އޭނާގެ ކަންފަތުގައި ޖެހުމުން އާބިދާ އަވަސްވެގަތީ އާލިމާ ކޮއްކޮގެ ޚަބަރެއް ބަލާށެވެ. މީހުންތައް ކައިރިން ރެކެމުން ގެއ ކައިރިއަށް ދެވުނީ ވަކި ހިސާބަކަށެވެ. ފުލުހުންވަނީ އެހިސާބުގައި ރީނދޫކުލައިގެ ޓޭޕެއް ދަމާ އެތެރެއަށް ވަނުން މަނާކޮށްފައެވެ.

އެގޭ ކައިރީގައި އޮތް އެމްބިއުލަންސް ދުއްވާލީސައިރަން އަޅަމުންހަސްފަތާލާ ދިމާއަށެވެ. ކަންތައްބޮޑުވެފައި އާބިދާހުރީ ވާނުވާ ނޭނގޭތީއެވެ.ކައިރީގައި ތިބި މީހުންގެ ގާތުން ޚަބަރު ދަބަރު އޮޅުން ފިލުވުމަށް އާބިދާ ސުވާލުކޮށްލިއެވެ.

"ކިހިނެއްވެގެންތަ މިއުޅެނީ؟...." އާބިދާއަށް ރޮއިގަނެވުނެވެ.

އެމީހުން ދިން ޚަބަރުންގެ ސަބަބުން ހަތަރު އުދަރެސް ފެނު ޖެހުނުކަހަލައެވެ. މިދުވަސްއައިސްދާނެ ކަމާމެދު އޭނާ ވިސްނާތާ ކޮން ދުވަހެއް ހެއްޔެވެ. ފިޔަވަޅެއް ނޭޅި ހުއްޓާ ކަންތައް މާ މައްޗަށް ދިޔައީއެވެ. އާބިދާގެ ކަކުލު ހުޅުން ވާގިދޫވާހެން ހީވިއެވެ. އެތަނުން މީހަކު އާބިދާގެ އުރުގައި އިން އެލްޒާ ނަގާ އުރާލިއިރު އެމަންޖެ އަޑުން އަޑުނަގާ ރޯން ފެށިއެވެ.

އާބިދާ ހަމަޔަކަށް އެޅުނީ އިރުކޮޅެއް ފަހުންނެވެ. ދިގުހެދުމުގެ ޖީބުގައި އޮތް ފޯނު ނަގާ އަވަހަށް ގުޅާލީ އޭނާގެ ދަރިފުޅަށެވެ. އޭނާގެ ދަރިފުޅަކީ ރަށު ހަސްފަތާލުގައި މަސައްކަތްކުރާ އިސް ޑޮކްޓަރެކެވެ.

ޑޮކްޓަރ އަކްރަމް ހުރީ އެވަގުތު ޑިއުޓީގައެވެ. އެހެންކަމުން މަންމަގެ އެދުމަށް،ކުއްލި ޙާލަތުގައި ހަސްފަތާލަށް ގެނައި ބަލިމީހާ ގާތަށް ދިޔައެވެ.ހަސްފަތާލު ތެރޭތޮއްޖައްސަމުން ދިޔަ ނޫސްވެރިންނާ އާންމުންގެ މީހުންތައް ފެނި އެމީހުން އެތަނުން ދުރުކުރުމަށް ސެކިއުރިޓީ މީހާ ގާތުގައި އަކްރަމް އެދުނެވެ.

އަވަސްފަރުވާދޭ ކޮޓަރީގެ ބޭރުގައި މަޑުކޮށްގެން ތިބި ދެ ނަރުސްކުދިންދައްކަމުންދިޔަވާހަކަ އިވިފައި އަކްރަމްގެ ފައިދަށުން ބިންގަނޑު ދެމިގަތް ކަހަލައެވެ. އަކްރަމް އަވަސްވެގަތީ އެނދުމަތީގައި އޮތް ބަލިމީހާ ގާތަށް ދިއުމަށެވެ. އޭރުވެސް ޑޮކްޓަރުންގެ ޓީމެއް އެނދު ވަށާ އެމީހާއަށ ފަރުވާ ދިނުމުގައި އަވަދިނެތި އުޅުނެވެ. ކުކުރާލަ ކުކުރާލަ އޭނާ އޮތް ހާލު ފެނިފައި އަކްރަމްގެ ލަގޮނޑީގައި ރިއްސާލިއެވެ. ކައިރިއަށް ޖެހި އޭނާގެ އަތުގައި ހިފަހައްޓަމުން އަކްރަމް ވާހަކަ ދެއްކި އިރު ލޯފުސްވަމުން ދިޔައެވެ.

"ކާކު މިހެން ހެދީ... އަހަރެން ބޭނުން އިންސާފު ހޯދައިދޭން..." މާގިނަ ވާހަކައެއް އަކްރަމަކަށް ނުދެއްކުނެވެ.

އެމީހާގެ މޫނުމަތިން ތަންތަންގަނޑުފަޅައިގެންގޮސް މަސްގަނޑު ފޭވެފައިވެއެވެެ. އެތަންތަނުގައި ލޭ ގަނޑުވެފައި ހުރިއިރު މީހާގެ ސިފަނޭނގޭ ވަރަށްމުޅި މޫނުވަނީ ދުޅަވެފައެވެ. ނަމަވެސްއެއީ ކާކުކަން ދެނެގަންނަން އަކްރަމަށް އެނގުނެވެ. އަކްރަމްގެ ދެލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފެހެއްޓޭގޮތެއް ނުވިއެވެ. އާލިމާއަށް ދީފައިވާ އަނިޔާއަކީ އިންސާނަކަށް ކެތްކުރެވޭވަރުގެ އަނިޔާއެއް ނޫނެވެ. ދަށްބަނޑުގަޔާ ބުރަކަށީގައި ޖަހާފައިވާ ތަންތަންވެސް ހުރީ ނޫފައިގެންފައެވެ. އަކްރަމް ބޭނުންވީ ފުލުސް އޮފީހަށް ދާށެވެ. އޭރުވެސް ތުރުތުރުލާ އަޑަކުންއާލިމާ ގޮވަމުން ދިޔައެވެ. "އަލީފް.. އަލީފް..."

އާލިމާއަށް ފަރުވާދީ ބެލެހެއްޓުމަށްހަސްފަތާލުގައި ތިބި އެންމެ ޤާބިލް ޑޮކްޓަރުންނާ ހަވާލުކުރުމަށްފަހު އަކްރަމް މިސްރާބުޖެހީ ފުލުސް އޮފީހަށެވެ. އޭރު ފުލުސް އޮފީސްތެރޭ ހުރި ކޮަޓަރިއެއްގައި އަލީފްވަނީ ބަންދު ކުރެވިފައެވެ.

ފުލުސްއޮފީހަށް ވަދެ އެތަނަށް އައި ބޭނުން ހާމަ ކުރުމުން ފުލުހުންގެ އޮފިސަރ އަޒްހާން އެދުނީ އެމޭޒު ދޮށުގައި މަޑުކޮށްލުމަށެވެ. އޮފިސަރ އަޒްހާންގެ ކުރިމައްޗަށް ހުރި ހުސްގޮނޑީގައި އަކްރަމް އިށީނެވެ. ފައިގެ ބޮޑުވައި އިނގިލި ޖައްސައިގެން ތަޅުވާލަ ތަޅުވާލަ އިންއިރު ދޭތެރެއަކުން އަތުގައިވާ ފޯނަށް ބަލާލައެވެ. އަކްރަމް ހާސްވެފައި އިންކަން އެނގުމުން މިވަގުތުު އަަލީފްގެ ބަޔާން ނަގަމުން ދާކަމަށް އަޒްހާން ބުނެލިއެވެ. އިރުކޮޅެއްފަހު އެ މޭޒު ދޮށަށް ފުލުހުންގެ މީހަކުއައިސް ގަނޑުތަކެއް ދިއްކޮށްލިއެވެ. އޮފިސަރ އަޒްހާން އެ ގަނޑުތަކަށް ބަލާލުމަށްފަހު އެބަޔާން ކިޔައިދޭން ފެށިއެވެ.

ކޮއްކޮއާ އެކީ ކުޅެން އުޅުމަށްފަހު އޭނާ ނިންދެވީ ހަވީރު 5 ޖެހިއިރެ... ދެން ސިޓިންގް ރޫމުގައި އަހަރެން އިނީ ޓެބްލެޓުން ގޭމެއް ކުޅޭށެ... މަންމަ ބަލިވެ އުޅޭތީ އެ ހަފްތާގައި ގޭތެރޭގެ ހުރިހާ މަސައްކަތެއް ކުރީ އަހަރެން އެކަންޏެ....ގޭގައި އުޅެނީވެސް މަންމައާ، އަހަރެންނާ، އަހަރެންގެ ކޮއްކޮއެ... ސޯފާގައި އިންދާ ކުއްލިއަކަށް ދޮރުހުޅުވާފައި އެތެރެއަށް ވަދެގެން އައީ....."

*** *** *** *** ***

"އާލިމާ.... އާލިމާ.... ހަމަ މިހާރު ބޭރަށް ނުކުމޭ.... މީ މަށަށް ޖެހިފަހުރި ބޮޑު މުސީބާތެއް..." ގެއަށް ވަދެގެން އައި ޒީޔާދު ވާހަކަ ދެއްކީ ބަރު އަޑުން ރުޅިވެރިކަމާއި އެކީގައެވެ. ސިޓިންގ ރޫމުގެ ސޯފާގައި އިން ފުރާވަރުގެ އަލީފް ދެލޯ އަޅާ، މޫނު ކުނި ކުރަމުންޒިޔާދާ ދިމާއަށް ބަލާލިއެވެެ. "ކިހިނެއްވީ؟... މަންމަ އުޅެނީ ބަލިވެ...." އަލީފް ވާހަކަ ދައްކަމުން ސޯފާއިން ތެދުވިއެވެ.

"ކަލޭގެ އަމާ އެ އުޅެނީ މަގޭ އަތުން ބޮނޑިއެއް ބޯ ހިތުން.... ކޮންމެހެން މަށޭ ކިޔައިގެން ރަށުތެރޭ ފާޑުފާޑުގެ އަނގަ ތަޅުވާކަށް ނުޖެހޭނެ... ހުރޭ މިއަދު ކުޅި ދައްކާލާނަން..." ޒިޔާދު ހުރީ ރުޅިއައިސްގެންގޮސް ފަޅައިގެންދާން ކައިރިވެފައެވެ.

ދުރުދުރުގައި ބޮޑެތި ފިޔަވަޅު އަަޅަމުން ޒިޔާދު ގޮސްސިޓިންގ ރޫމް ތެރެއިން ފެންނަން ހުރި ފުރަތަމަ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އަލީފް ހުރީ ހަދާނެގޮތް ހުސްވެފައެވެ. މިދިޔަ ހަފްތާގައިޒިޔާދު އައިސް އާލިމާއަށް ދިން އަނިޔާތަކަށް ޝިފާއެއް ނުލިބެނީސް އަނެއްކާ އެއުޅެނީ އާލިމާ ގައިގާ ތަޅާ އަނިޔާ ކުރާށެވެ.

ސިލްސިލާއެއްހެން އެގޭގައި ހިނގާ އެކުޅިގަނޑު ބަލަން އަލީފް ހުންނަނީ ހިތްމަތީ ގާބުރިއެއް ބާއްވައިގެންނެވެ. އަލީފްގެ އުމުރުން ސަތާރަ އަހަރުވީއިރު މިކުޅިގަނޑު ނުފެންނަ ދުވަހެއް މަދުވާނެއެވެ. އެހެންކަމުން އަލީފް އޭނާގެ ބައްޕަދެކެ އިންތިހާއަށް ރުޅި އާދެއެވެ. އެއްވެސް ކުށަކާ ި ނުލާ މަންމައަށް އަނިޔާ ކުރާތީއަލީފް ހުންނަނީ ފިކުރުބޮޑުވެ، ބިރުގެންފައެވެ. އާލިމާއަށް ކުރާ ހާނީއްކަ ހުއްޓުވުމަށް އަލީފް މަސައްކަތް ކުރުމުންވެސް އާލިމާ އެކަމާ ދެކޮޅު ހަދައެވެ. ބައްޕަ ގޮވާ ހަރުކަށި ބަސްތައް އަޑުއަހަން އަލީފަށް ކެތްވާވަރެއް ނޫނެވެ.

ކޮޓަރީގެ ދޮރު ބަންލާފައި ލައްޕާލި އަޑު އިވުނެވެ. އަލީފް ހުރީ އެތަނުން ގުޑިލަންވެސް ނޭނގިފައެވެ. ޖެހިގެންހުރި ކޮޓަރި ތެރެއިން ތުއްތު އެލްޒާ ނުކުމެގެން އައީ އަލީފާ ދިމާއަށް އަތް ދިއްކުރަމުންނެވެ. އޭރު ޒިޔާދު އެތިވަރު ގޮވާ އަޑާއި އާލިމާ ހަޅޭއްލަވާ އަޑުފައްގަނޑުު ކޮޓަރިން ބޭރަށް އިވެއެވެ. އަލީފްގެ ގާތަށް އައިސް އެލްޒާ ހުއްޓެމުން ބޭބޭއޭ ކިޔާ ގޮވާލީ އަލީފްގެ ފަޓުލޫނަށް ދަމަމުންނެވެ. އަލީފަށް ސިހުމެއް ލިބުނެވެ. އެލްޒާ މަތިން ހަނދާންވީ ދެނެވެ. އެ މަންޖެ އުރާލައިގެން އަލީފް އެގެއިން ނުކުމެ އަތިރިއާ ދިމާއަށް ހިނގައިގަތީ މިސްރާބެއް ނެތް އޮޑިއެއް ހެންނެވެ. އެލްޒާއަށް އެ އަޑުތައް އިއްވާކަށް އަަލީފެއް ނޭދެއެވެ.

އިރުއޮއްސި އަނދިރިވަމުން ދިޔަ ވަގުތެވެ. އަލީފް ހުރީ ގަބުވެފައެވެ. އުރުގައި އިން އެލްޒާ ވަށައިގެން ފެންނަމުން ދިޔަ މާހައުލަށް ބަލަމުންދިޔައެވެ. އިނގިލިން އިޝާރާތް ކުރަމުން އެކި އެއްޗެތީގެ ނަން ކިޔަމުން ދިޔައެވެ. އެއިން އެއްވެސް އަޑެއް އަލީފަށް ނީވޭ ކަހަލައެވެ.ތިން އަހަރުގެ އެލްޒާއަކީ އަލީފްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ.

އަލީފްގެ ނަޒަރުހުރީ އަތިރިމަތީ ކުޅެން އުޅުނު ކުދިންތަކާއި ދިމާއަށެވެ. އޭނާގެ ސިކުނޑިވަނީ މުޅިން އެހެން ވިސްނުމެއްގައެވެ. މަންމައަށް ކޮށްލާނެ ވަރު އެނގޭތީ އޭނާ ބޭނުންވީ އަވަހަށް ގޭދޮށަށް ދާށެވެ. އަލީފްގެ ބައްޕަަ އޭނާގެ މަންމައަށް ކުރަމުންދާ އަނިޔާގެ ވާހަކަ ނޭނގޭ މީހަކު އ ރަށުގައި ނެތެވެ. އެ އަނިޔާވެރިޔާގެ ކިބައިން އަލީފްގެ މަންމަަ ސަލާމަތްކުރަން ބޭނުމެވެ.

އަތިރިިމަތީ ހުރިޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެގެން އޮތް އަލީފްގެ ބޮޑުދައިތަ ފެނުމުން،ބޮޑުދައިތައާ އެލްޒާ ހަވާލު ކުރުމަށްފަަހު އަލީފް ގެއާ ދިމާއަށް ހިނގައިގަތެވެ.

"އަލީފް... ކޮންތާކަށް؟..." ބޮޑު ދައިތަ ސުވާލުކުރުމުން އަލީފް ދިނީ ބީރު ކަންފަތެކެވެ. ބޮޑުމަގަށް ނުކުތުމަށް އަލީފް ހިނގައިގަތީ ވީ އެންމެ އަވަހަކަށް ގެއާ ހަމައަށް ދާށެވެ. ފިޔަވަޅު އަވަސްވަމުން ދިޔައެވެ. މަޑުމަޑުން ދުއްވައިގަނެވުނެވެ. ދުވަމުން ދުވަމުންގެއާ ހަމައަށް އާދެވުނު އިރު އޭނާހުރީ މާނޭވާ ލެވިލެވިއެވެ.ދަލުން ތެމި ފޯވެފައެވެ.

ގޭގެ މައިދޮރު ހުޅުވާލަމުން އަލީފް އެތެރެއަށް ވަނެވެ. އަޑެއްބަޑެއް ނީވޭތީބައްޕަ ގޭގައި ނެތްކަން ޔަގީން ވިއެވެ. އެހެންކަަމުން އޭނާ އެންމެ ފުރަތަމަވެސް މިސްރާބުޖެހީ މަންމަގެ ކޮޓަރިއާ ދިމާއަށެވެ. ނިތްކުރިމަތިން ހިއްލާފައިވާ އޮށްދާތަށް ގަމީހުގެ އަތުކުރިން ފުހެލަމުންކޮޓަރީގެ ދޮރު ހުޅުވާލި އިރު ކަމަކުދާކަށް ނެތެވެ.

ކޮޓަރީގައި ވަނީ ހުސްލެއެވެ. އަލީފްގެ ހިތް ބާރުބާރަށް ތެޅެމުން ދިޔައެވެ.މަންމައަށް ވަރުގަދަ އަނިޔާއެއް ދީފިކަމާމެދު އޭނާގެ ހަވަނަ ހިއްސު ބުނަމުން ދިޔައެވެ. ބިންމަތީގައި ރޮނގަކަށް ލޭ ދެމިފައިހުރި ނިޝާނެއް ފެނުނެވެ. އެ ރޮނގު ހުރީ ފާޚާނާއާ ދިމާލަށެވެ. ޖެހިލުންވެހުރެ އަލީފް ކުރިއަށް ހިނގަމުންގޮސް ފާޚާނާގެ ދޮރު ހުޅުވާލިއެވެ.

އާލިމާ ފެނުމާއި އެކީ އަލީފްގެ މޫނު އަަނެއް ފަރާތަށް އަނބުރާލިއެވެ. ހިފެހެއްޓުމެއް ނެތި ލޮލުން ކަރުނަތައް އޮހިގަތެވެ. ބަރަހަނާ ހާލުގައިއޮތް އާލިމާ ދިޔައީ މަރަށް ތެޅި ފޮޅެމުންނެވެ. އޭނާގެ ހެދުން ވަނީ ވީދާލާފައެވެ. އެނދުމަތީގައި އޮތް ހުދު ބެޑްޝީޓް ގަނޑުނަގާ މަންމަގެ ހަށިގަނޑު ނިވާ ކޮށްލިއިރު އަލީފަށް ގިސްލެވުނެވެ.

އޭނާގެ މަންމަގެ މޫނުގައި ހިފާ އޭނާއާ ދިމާއަށް އަނބުރާލިއެވެ. އާލިމާގެ މޫނުގައި ވަނީހުސް ލެއެވެ. މަޑުމަޑުން މަންމަގެ މޫނުގައިއަލީފް އަތް ޖައްސާލުމުން އާލިމާ ކުކުރާލިއެވެ.ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ އަނގަވަނީ އެއްއަރިއަށް ދަމައިގެންފައެވެ. އެވަގު ު ފާޚާނާ ތެރޭގައި އޮތް ކަމަރު ފެނުނެވެ. އެއީ ޒިޔާދުގެ ކަމަރުކަން އަލީފަށް އެނގުނެވެ.ކަމަރުން އޭނާގެ މަންމަގައިގާ ތަޅާ ސުންނާފަތި ކޮށްފައިޒިޔާދު އެ ދިޔައީ އޭނާގެ ހަގުއަނބި ކައިރިއަށެވެ.

ހީވަނީ މަންމަގެ ގައިގެ އެތަން މިތަނުގައި ޅިއައަޅާފައިވާ ހެންނެވެ.ފިތްގަނޑުގަނޑު ނަގާފައާއި ކަނޑަކަނޑައިގެން ގޮސްފައި ވެއެވެ. ހިތްފުރެންދެން ރޯން އަލީފް ބޭނުންވިއެވެ. އޭނާގެ މަންމަގެ ގައިގާ ހިފާ އޮޅުލައިގަަތެވެ. ސީލިންގާ ދިމާއަށް އިސް އުފުލާލަމުން އަޑުން އަޑުނަގާ އަލީފް ރޯން ފެށިއެވެ. އާލިމާގެ ގައިގާ އަޅަމުން ދިޔަ ވޭނަށް ކެތްނުކުރެވި އާލިމާވެސް ރޮއިގަތެވެ.އެހާލުގައި އޮއްވާ އަލީފަށް ފެންނުމުން އޭނާ ލަދުގަތެވެ. އާލިމާ ހީކަރުވަމުން ދިޔުމުން އޭނާގެ ފަހުވަގުތު އައިސް ޖެހެނީކަން އޭނާއަށް އިހްސާސް ވިއެވެ.

ދެމީހުންގެ ވޭނީ ރުއިމުގެ އަޑު އެއްއަޑެއްހެން ގުގުމާލިއެވެ. އާލިމާގެ އަޑުކެނޑުމުން އަލީފް އޭނާގެ މަންމައަށް ބަލާލިއެވެ. އަލީފްގެ ހަށިގަނޑުގައި ހިފަހައްޓާފައިވާ އާލިމާގެ އަތުން ވަރުދޫވެގެން ތަޅުން މައްޗަށް ވެއްޓުނެވެ.މުށްކަވާފައިވާ އިނގިލިތައް ހުޅުވި މަންމަގެ އަތުގައި އޮތް ބޭސްފުޅި ދޫވިއެވެ. މަންމަ އަމިއްލައަށް މަރުވާން މަސައްކަތް ކުރީ ހެއްޔެވެ؟

"މަންމާ.. މަންމާ..." އާލީމާގެ ކޮނޑުގައި ހިފާ ތަޅުވަމުން އޭނާގެ މަންމައަށް ގޮވާލިއެވެ.

އަލީފްގެ މަންމައާ ނުލާ އޭނާ އުޅޭނީ ކިހިނެއް ހެއްޔެވެ؟އަދި އަލީފްގެ ކޮއްކޮ ނުލާހިކު ކުޑައެވެ. މަންމައާ ނުލާ އެލްޒާ ބަލާނީ ކިހިނެއް ހެއްޔެވެ؟ އަލީފްގެ ސިކުނޑި ސުމަކަށް ދާވަރުވިއެވެ.

ގޮތްހުސްވެފައިވާ ހާލުގައި އަލީފް ފާޚާނާއިން ނުކުތެވެ. އައިސްފައި ހުރި ރުޅިން ރީތިވާ މޭޒުމަތީ ހުރި ސާމާނުތައް އަތުންޖަހާ ކޮޓަރިތެރެއަށް ބުރުވާލީ ކަރުބުޑުން ހަޅޭއް ލަވަމުންނެވެ. މޮޔައެއްހެން ބޮލުގެ އިސްތަށިގަނޑުގައި ހިފާ ބާރުކޮށްލެވުނެވެ. އެވަގުތު އެނދުގައި އޮތްފޯނު އޭނ ގެ ލޮލުގައި އަޅައިގަތެވެ. އާލިމާގެ ފޯނު ނަގާ ފުލުހުުންގެ ނަންބަަރަށް އަލީފް އަވަހަށް ގުޅާލިއެވެ.

*** *** *** *** *** ***

ބަޔާން ކިޔައިދީ ނިމުނު އިރު އަކްރަމް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ފުލުހުންގެ ޓީމް ބޭނުންވީ ޒީޔާދު ހޯދުމަށް ނުކުންނާށެވެ. ގެއަށް ދިޔުމުގެ ހުއްދަ ދިނުމަށްފަހު މައްސަލަ ވަކި ގޮތަކަށް ނުނިމެނީސް ރަށުން ބޭރަށް ނުދިއުމަށް ފުލުހުންވަނީ އަލީފަށް އަންގާފައެވެ.
އަކްރަމް އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ ގައިގާ ބައްދާލިއެވެ. އަދި އޭނާ ގޮވައިގެން ގެއަށް ގޮސް ލެއިން ތަތްތެޅިފައިވާ އަންނައުނު ބަދަލުކުރުމަށްފަހު އަލީފް ހަސްފަތާލަށް ގެންދިޔައީ އާލިމާއާ ބައްދަލު ކުރާށެވެ.

ޒިޔާދު ހޯދުމަށްފަހުފުލުހުން އޭނާ ހައްޔަރު ކުރިއެވެ. ޒިޔާދާ އިދިކޮޅަށް އެތައް ހެއްކެއް ލިބިފައި ވެއެވެ. ކުށުގެ ވެށިން ފެނުނު ޒިޔާދުގެ ކަމަރާއި، އާލިމާގެ ވީދާލާފައިވާ އަންނައުނާއި، ކޮޓަރި ތެރެއިން ފެނުނު ޒިޔާދުގެއިނގިލީގެ ނިޝާންތަކެވެ. ތަކުރާރުކޮށް އާލިމާއަށް އަނިޔާ ކުރާކަމަށް އަވަށްޓެރިން ވަނީ ބަޔާންވެސް ދީފައެވެ. ޒިޔާދު ކުރިކުށުގެ ޢަދަބު ލިބި އޭނާއަށް ޖަލު ޙުކުމެއް އައެވެ.

އާލިމާ މުޅިން ރަނގަޅުވީ އިރު އޭނާގެ ސިފައަށް ވަނީ ބޮޑު ބަދަލެއް އައިސް ފައެވެ. ނަމަވެސް ކުދިންނަށް އެ ކުދިންގެ ލޯބިވާ މަންމަ ލިބުމުން އެކަމާއި ﷲ އަށް ޙަމްދު ކުރިއެވެ. ގެވެށިއަނިޔާގެ ސަބަބުން އާލިމާއަށް ލިބުނީ ޖިސްމާނީ އަނިޔާ އެކަންޏެއް ނޫނެވެ. ނަފްސާނީ އަނިޔާތަކެއްވެސް ވަނީ ލިބިފައެވެ. އަކްރަމްގެ ބެލުމުގެ ދަށުން އާލިމާއާ އޭނާގެ ދެކުދިން މާލެއަށް ބަދަލުކުރީ އެ ހަނދާންތަކާ ދުރަށް ގެންދާށެވެ.

ބައްޕައެއްގެ ފަރާތުން މަންމައަކަށް ލިބެމުން ދިޔަ އަނިޔާތަކުން ސަލާމަތްކުރަން ދަރިއަކު ވީ ވަރަށް ބޮޑު ޤުރުބާނީއެކެވެ. އޭނާއަށް މަޖުބޫރުވީ މަންމައާއި ބައްޕަގެ ދެމެދުން މީހަކުޚިޔާރު ކުރާށެވެ. ފުރާވަރުގެ އަލީފް ކުރި މަސައްކަތުން އާލިމާގެ ފުރާނަ ސަލާމަތް ކުރެވުނެވެ. އެދުވަހަށްފަހު އެއާއިލާ ދިރިއުޅެމުން ދިޔައީ ޒިޔާދަށް ނުފެންނާނެ ހިސާބެއްގައެވެ. ނަމަވެސް އެ ހަނދާންތައް އެމީހުންގެ ހިތުގައި ތާއަބަދަށް ބިންވަޅު ނެގިފައިވެއެވެ.

(ނިމުނީ)