ލ. ގަމުން މީހަކު ރަހީނުކޮށް ފައިސާ ހޯދުމަށް މަސަތްކަތް ކުރަމުން ދިޔަ ދެ މީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ލ. ގަމުން ރަހީނު ކޮށްފައިވަނި 44 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އަދި އޭނާ ރަހީނު ކުރުމަށް ފަހު އަތުގައި ހުރި 8900 ރުފިޔާ ފޭރިގަނެ އިތުރަށް ފައިސާ ގެނެސްދިނުމަށް އެދި އޭނާ ދޫކޮށްލައިފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މިކަން ފުލުހަށް ރިޕޯޓު ކުރުމުން ފުލުހުން ވަނީ ގަމު ޕްރޮވިންސް އޮފީސް ކައިރިޔަށް ރޭ 10:45 ހާއިރު ރުފިޔާ ބަލާ އައި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރު ކޮށްފައެވެ. އަދި ދެވަނަ މީހާ ވަނީ ސައިކަލަކަށް އަރައިގެން ފިލައިފައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 19 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ ފިލި މީހާ ހޯދުމުގެ މަސަތްކަތް މިހާރު ކުރަމުން ދާކަމަށެވެ. އަދި މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ދާދި ފަހުން މާލެއިންވެސް ވަނީ 7 ދިވެހިންނާއި ބިދޭސީ ފިރިހެނަކު ގުޅިގެން ބިދޭސީއެއް ރަހީނުކޮށް އޭނާގެ ރަހުމަތްތެރިއެއްގެ އަތުން ފައިސާ ހޯދުމަށް މަސަތްކަތް ކޮށްފައެވެ.