މި އަހަރުގެ ރޯދަމަހާ ދިމާކޮށް ސައުދީ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ކަދުރު ބެހުމަށް ހަަމަޖެހިފައިވަނީ ކައުންސިލުތަކުން ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނެފިއެވެ.
ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް އަލް ސައުދު ދެއްވާ ހާއްސަ ހަދިޔާއެއްގެ ގޮތުގައި ރާއްޖެއަށް ލިބުނު 50 ޓަނުގެ ކަދުރާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، މާލެއާއި، ވިލިމާލެ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށެވެ. އަދި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލް ތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށެވެ.
ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 08:45 އިން މެންދުރު 13:00 އަށް އަދި މި އަހަރުގެ ރޯދަމަހުގެ ހެނދުނު 09:30 އިން މެންދުރު 12:00 އަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ކަދުރާ ޙަވާލުވުމަށް ކައުންސިލްތަކުން ފޮނުވުމަށް އެ މިނިސްޓްރީން އެދެއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، ރާއްޖޭގެ ގޭބިސީތަކަށް ކަދުރު ބެހުމަށް ނިންމާފައި ވަނީ، މީހުން ދިރިއުޅޭ ގޭބިސީތަކުގެ އަދަދު ބެލުމަށްފަހު، މި ދިޔަ އަހަރު އެ މިނިސްޓްރީގައި ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ގޭބިސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުސޫލުން ކަމަށެވެ. މިގޮތުން ފަގީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުސޫލުން ކަމަށާއި އަދި ކޮންމެ ގޭބިސީއަކަށް ބަހާނީ 1 ޕެކެޓް ކަދުރު ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ސައުދީން މިހަދިޔާކުރި 50 ޓަނުގެ ކަދުރުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކަދުރު ބެހޭވަރު ނުވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އެހެންކަމުން ބައެއް އަމިއްލަ ފަރާތްތަކުން ކަދުރު ހަދިޔާކުރާނެ ކަމަށް އުއްމީދުކުރާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.