ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވާ ހަދައިގެން ނުވާނެ ކަމަށް ގާނޫނު ބުނާކަމަށް މޯލްޑިވްސް ޖުޑިޝަރީން ބުނެފިއެވެ.

ޖުޑިޝަރީން މިއަދު ނެރުނު ބަޔާނުގައި ވަނީ ފަނޑިޔާރުންނަކީ މުސްތަގިއްލު ބައެއް ކަމަށާއި އެމީހުން މަސައްކަތް ކުރަނީ ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުން ނުވެ ތައައްސުބުން އެއްކިބާވެ ތިބެކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކުގެ މިނިވަންކަން ރައްކާތެރި ކުރުމާއި ކޯޓުތަކުގެ ހައިބަތާއި ގަދަރު ހިމާޔަތް ކޮށްދިނުމަކީ ދައުލަތުގެ އިދާރާތަކުންނާއި ދައުލަތުގެ ހިންގުމާއި ހަވާލުވެތިބި އެންމެހައި މީހުންގެ މައްޗަށް ގާނޫނު ލާޒިމު ކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އަދި މިކަން އެނގެން އޮންނައިރު، އަމިއްލަ ފަރުދަކު ވިޔަސް ދައުލަތުގެ ކަމެއް ހިންގުމާއި ހަވާލުވެހުރި މީހަކަށް ވިޔަސް ފަނޑިޔާރުންގެ މަސައްކަތާއި ބެހި ނުފޫޒު ފޯރުވައިގެން ނުވާނެ ކަމަށެވެ.

އެ ބަޔަނުގައި ވާގޮތުން، ކޮންމެ މީހަކަށް ލިބޭ ހައްގުތަކާއި މިނިވަންކަމާއި އެ މީހަކު އަދާކުރަންޖެހޭ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކަކީ ވަކި ނުކުރެވޭނެ ދެ އަސާސެވެ. އަދި ގާނޫނުއަސާސީ އަށް ތަބާވުމަކީ ވެސް ކޮންމެ މީހެއްގެ މައްޗަށް އޮތް މަސްއޫލިއްޔަތެކެވެ. ކަން މިހެން އޮތް އިރު، ރާއްޖޭގެ ކޯޓުތަކާއި ފަނޑިޔާރުންނާ މެދު ނަފުރަތާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަތައް ފެތުރުމާއި ފަނޑިޔާރުންނާ ދެކޮޅަށް ހަގީގަތެއް ނެތް ދޮގު ތުހުމަތުތައް ކުރުމަކީ ގާނޫނާއި ހިލާފު ވުން ކަމަށް ބުނެއެވެ. ނަމަވެސް، ގާނޫނުން ފަނޑިޔާރުންނަށް ކަށަވަރުކޮށްދީފައިވާ މުސްތަގިއްލު ކަމުގެ މަބުދައަށް އެއްވެސް ބެލުމެއް ނެތި ބައެއް ފަރާތްތަކުން ދަނީ ފަނޑިޔާރުންނަށް ބިރު ދައްކަމުން ކަމަށް އެ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގެ ކޯޓުތަކުގެ ހުރުމަތް ކަނޑައި، އެ ކޯޓުތަކުގެ އިތުބާރު ގެއްލުވައިލައިގެން ނާޖާއިޒު މަގްސަދުތަކެއް ހާސިލު ކުރުމަށްޓަކައި މަދު ބަޔަކު ހިންގަމުންދާ ނޭދެވޭ އަމަލުތަކަކީ އޭގެ ސަބަބުން ދިވެހި ދައުލަތުގެ ހައިބަތާއި ކަރާމާތް ގެއްލިގެން ދާނެ ފަދަ އަމަލުތަކެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ. މި ފަދަ އަމަލުތަކަކީ ގާނޫނުން ލިބިދީފައިވާ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ބިނާކުރަނިވި ފާޑުކިއުމުގެ ދާއިރާގެ ބޭރުގައިވާ އަމަލުތަކެއް ކަމަށް ވެސް ވެއެވެ. މިއީ ފަނޑިޔާރުންނަށް ބިރުދައްކާ ޝަރުއީ ދާއިރާގެ ކޯޓުތަކުގެ މައްޗަށް ނުފޫޒު ފޯރުވައި، ސިޔާސީ މަގުސަދުގައި ކުރަމުންގެންދާ ނޭދެވޭ އަމަލުތަކެއް ކަމަށް ޖުޑިޝަރީން ބުނެއެވެ. ޖުޑިޝަރީން ބުނީ މި ފަދަ އަމަލުތަކަކީ ފަނޑިޔާރުންގެ ހައިބަތާއި ކަރާމާތް ރައްކާތެރިކުރުމަށާއި ފަނޑިޔާރުންގެ މުސްތަގިއްލުކަން ކަށަވަރުކުރުމުގެ ގޮތުން ގާނޫނާއި ހިލާފަށް އަދި ހަމަ ވިސްނުމާއި ހިލާފަށް ހިންގޭ ދަށުދަރަޖައިގެ އަމަލުތަކެއް ކަމަށެވެ.