އއ. ހަލަވެލި ރިސޯޓްގައި މަސަތްކަތް ކުރަމުން ދިޔަ ބިދޭސީއެއް މޫދަށް ވެއްޓި އޭނާ ދަތުރު ކުރަމުންދިޔަ ޑިންގީއެއްގެ ބުރަފަތީގައި ބޯ ޖެހި މަރުވެއްޖެއެވެ.

ފުލުހުން ބުނީ އެ މީހާ މަރުވެފައިވަނީ ހަލަވެލި ރިސޯޓްގެ ފައްތިޔަލުގައި އަޅާފައި އޮތް ޑައިވިން ދޯންޏެއްގައި ހުރި އެ ދޯނީގެ ކެޕްޓަން ބަލައި ދިޔުމުގެ ތެރޭގައި، ޑިންގީއިން ވެއްޓި ބުރަފަތީގައި ބޯޖެހިގެން ކަމަށެވެ. މަރުވެފައިވަނީ އުމުރުން 41 އަހަރުގެ ބަންގްލަދޭޝް ރައްޔިތެކެވެ.

ފުލުހުން ބުނީ މިހާދިސާ ހިނގާފައިވަނީ އޭނާ އެކަނި ޑިންގީގައި ނައްޓާލި ވަގުތު އޭނާ ފަހަތަށް ވެއްޓިގެން ކަމަށެވެ. އަދި އޭނާ އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައި ވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އޭނާ ވެއްޓުނުތަން ފެނިގެން މީހުން އެތަނަށް ދިޔައިރު އޭނާގެ ގަމީސް ޑިންގީގެ ބުރަފަތީގައި އޮޅިފައިވާކަމަށެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު 11:12 ހާއިރުކަމަށާ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.