ރާއްޖޭގެ ޝަރުއީ ނިޒާމު އިސްލާހު ކުރުމަށްޓަކައި ސުޕްރީމް ކޯޓުން ހަދާ މަގުޗާޓުގައި ގާނޫނީ ހައިސިއްޔަތެއް އަދި ބުރަދަނެއް ވެސް ނެތް ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

މަހްފޫޒް މިދާޅުވީ، ރޭ "ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިސްލާހްކުރުމުގެ މަގުޗާޓު 2019-2023" މަގުޗާޓު އިފްތިތާހު ކުރުމަށް ހަފްލާއިން ވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ކަންކަން އޮޅިފައި ތިބި މިންވަރު އެނގޭ ކަމަށެވެ.

ރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަގުޗާޓު އިފްތިތާހުކޮށް ދެއްވީ، އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީއެވެ. ފަސް އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި މަގުޗާޓުގައި އިސްލާހީ ބަދަލުތައް ގެންނަންޖެހޭ މައިގަނޑު 20 ދާއިރާއެއް ފާހަގަކޮށްފައި ވެއެވެ.

އެގޮތުން މަގުޗާޓުގައި އިސްލާހީ ބަދަލުތައް ގެންނަންޖެހޭ މައިގަނޑު 20 ދާއިރާ އަކީ:

  1. ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް ކުރުން
  2. ޖުޑީޝަލް ސަރވިސް ކޮމިޝަން އިސްލާހު ކުރުން
  3. ގާނޫނު އިސްލާހު ކުރުން
  4. ފަނޑިޔާރުން އައްޔަންކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާކުރުން
  5. ފަނޑިޔާރުގެއަކީ ކޮރަޕްޝަނާއި ފަސާދައާއި ނުފޫޒުން އެއްކިބާވެފައިވާ ތަނެއްކަން ކަށަވަރު ކުރުން
  6. ފަނޑިޔާރުގޭގެ މިނިވަންކަން ނުގެއްލޭގޮތަށް ފަނޑިޔާރުން ޖަވާބުދާރީކުރުވުމުގެ ނިޒާމު ހަރުދަނާކުރުން
  7. ރައްޔިތުންގެ ޝަކުވާތައް ފަސޭހައިން ހުށައެޅޭނެ ނިޒާމެއް ގާއިމު ކުރުން
  8. ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު ހަރުދަނާކޮށް ތަންފީޒުކުރުން
  9. ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ގާއިމު ކުރުން
  10. 'އެކްސަސް ޓު ޖަސްޓިސް' ކަށަވަރު ކުރުމާއި ހުކުމް ތަންފީޒުކުރުމުގެ ނިޒާމް ހަރުދަނާ ކުރުން
  11. ޖުޑީޝަލް ކޭސް މެނޭޖްމަންޓްގެ ނިޒާމު ޒަމާނީ ކުރުން
  12. ހުރިހާ ސިޓީތަކެއްގައި ސުޕީރިއަރ ކޯޓުތައް ޤާއިމުކުރުން.
  13. ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޒަމާނީކޮށް ހަރުދަނާކުރުން
  14. އީފައިލިންގ ނިޒާމު ޤާއިމު ކުރުމާއި ޓެކްނޮލޮޖީގެ ބޭނުން ކުރާ މިންވަރު އިތުރު ކުރުން
  15. ފަނޑިޔާރުގޭގެ މާލީ މިނިވަންކަމާއި ވަޞީލަތްތައް ކަށަވަރުކުރުން
  16. ކޮންޓިނިޔުޑް ޖުޑީޝަލް އެންޑް ލީގަލް އެޑިޔުކޭޝަނާއި، ތަމްރީނުގެ ނިޒާމު ހަރުދަނާ ކުރުން
  17. ފަނޑިޔާރުން ތާޒާކުރުމަށްޓަކައި އަހަރަކު 20 ގަޑިއިރުގެ އިން-ސަރވިސް ތަމްރީނު ލާޒިމްކުރުން
  18. ޝަރުޢީ އަދި ޤާނޫނީ ތަޢުލީމުގެ ނިޒާމް ހަރުދަނާކުރުން
  19. ލީގަލް ޕްރޮފެޝަން ހަރުދަނާކުރުން
  20. ލީގަލް އެއިޑްގެ ހަރުދަނާ ސްކީމެއް ޤާއިމު ކުރުމާއި، ޕަބްލިކް ޑިފެންޑަރޒް އޮފީހެއް ޤާއިމު ކުރުން ހިމެނެއެވެ.