ޖުޑިޝަރީ އިސްލާހު ކުރުމަށް ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓު އިފްތިތާހު ކުރުން މިރޭ އޮންނާނެއެވެ.

ސުޕްރީމް ކޯޓުން އެކުލަވާލި މި މަގު ޗާޓަކީ ކޯޓުތަކުގެ މިނިވަންކަން ކަށަވަރު ކުރުމަށާއި ޖުޑިޝަރީ އިސްލާހު ކުރުމަށް ފަސް އަހަރު ދުވަހުގެ ތެރޭގައި އިސްލާހުކޮށް، ހާސިލު ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް އެކުލަވާލާފައިވާ މަގު ޗާޓެކެވެ. މިއީ މިދިޔަ ފެބްރުއަރީ މަހު ބޭއްވި 'ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމް' މަހާސިންތާގައި ފާޅުކުރި ހިޔާލުތަކަށް ބެލުމަށް ފަހު އެކުލަވާލި މަގު ޗާޓެކެވެ.

މިރޭ އިސްލާމީ މަރުކަޒުގައި ބާއްވާ މި ރަސްމިއްޔާތަކީ އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ރަސްމިއްޔާތެއް ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފައި ނުވިއަސް، ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވަނީ ވީހާވެސް ގިނަ ބަޔަކު މިރޭގެ ރަސްމިއްޔާތަށް ދިޔުމަށް ގޮވާލައްވާފައެވެ. އަދި އެ މަގު ޗާޓު ބަލައި ހިޔާލު ފާޅު ކުރުމަށްވެސް އޭނާ ވަނީ އާންމުކޮށް ގޮވާލާފައެވެ.

މި މަގު ޗާޓު އިފްތިތާހު ކުރުމަށް އިސްލާމީ މަރުކަޒުގައި މިރޭ ބާއްވާ ހާއްސަ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ 8:15 ގައެވެ. މި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓް ބައެއް ވަޒީރުން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ޑީޖޭއޭއިން ބުނެއެވެ.